މިހާދިސާގައި އެންމެ ފުރަތަމަ އަލިފާން ރޯވެފައި ވަނީ ނީލަން ފިހާރަ ހުރި ސަރަހައްދުގައި ނަމަވެސް، އަލިފާން އިތުރަށް ފެތުރި ނީލަން ފިހާރައިގެ އުތުރުގައި ހުރި މީހުން ދިރިއުޅޭ ލޭބާކުއާޓަރެއްގައި ވެސްވަނީ ހުޅުހިފާފަ އެވެ. އެ ހާދިސާގެ ސަބަބުން ނީލަން ފިހާރަ އާއި ލޭބާކުއާޓާ ވަނީ އެއްކޮށް އަނދާ ހުލިވެފަ އެވެ.
މި ހާދިސާ އާއި ބެހޭ ގޮތުން މައުލޫމާތު ހިއްސާ ކުރަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އަދިވެސް ނީލަން ފިހާރަ ހުރި ތަނުގެ މެދު ތެރޭގައި ދުމުގެ އަސަރު އެބަހުރި ކަމަށާއި، އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ފަޔާމަނުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އަދި އެސްކަވޭޓަރު ބޭނުން ކޮށްގެން އެތަނުގައި ހުރި ތަކެތި ދުރަށް ޖެއްސުމަށްފަހު ދުން އަރަމުން އަންނަ ތަނަށް ފެންޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ދުން އެރުން އެއްކޮށް ކޮންޓްރޯލް ވަންދެން އެ ސަރަހައްދުގައި ފަޔާމަނުން ހަރަކާތްތެރިވަމުން އަންނާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
މި ހާދިސާގެ މައުލޫމާތު އެއިދާރާއަށް ލިބުނީ، ހޯމަ ދުވަހު ފަތިހު 05:43 ހާއިރު ކަމަށާއި، އެމްއެންޑީއެފްގެ ފަޔަމަނުންނާއި މޯލްޑިވިސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ފަޔާމަނުން ކުރި މަސައްކަތުން ނީލަން ފިހާރައިގެ އުތުރުގައި އިމާދުއްދީން ސްކޫލާއި ދިމާލުގައި ފެތުރެމުންދިޔަ އަލިފާން ހޯމަ ދުވަހު ހެނދުނު 07:35 ހާއިރު ވަނީ ކޮންޓްރޯލް ކޮށްފައި ކަމަށެވެ. އަދި ނީލަން ފިހާރައިގެ އިރުމަތިން ފެތުރެމުންދިޔަ އަލިފާން ކޮންޓްރޯލްކުރެވިފައި ވަނީ ހޯމަ ދުވަހު ހެނދުނު 08:30 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.
ހޯމަ ދުވަހު ފަތިހު ނީލަން ފިހާރައިގައި ރޯވެ، އެ ތަނާ އިންވެގެން ހުރި ލޭބަ ކުއާޓަރަށް ވެސް އަލިފާންގަނޑު ފެތުރުމުން 200 އެއްހާ ބިދޭސީން ވަންނާނެ ތަނެއް ނެތި މަގުމަތިވިއެވެ. ހޯމަ ދުވަހު ހެނދުނުން ފެށިގެން އެ މީހުން ބައިތިއްބާފައި ތިބީ އިމާދުއްދީން ސްކޫލުގަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން ކުރި މަޝްވަރާތަކަށް ފަހު ނިންމީ ހާލުގައި ޖެހުނު ބިދޭސީންގެ ވަގުތީ ހިޔާގެ ގޮތުގައި ހުޅުމާލެއާ ގުޅިފައި އޮންނަ ފަރުކޮޅުފުށި ވަގުތީ ގޮތުން ބޭނުން ކުރަން ކަމަށެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކުމުން ހުޅުމާލެއާ ގުޅިފައިވާ ކުރީގެ ރިސޯޓު، ކޮވިޑްގެ ދުވަސްވަރު ކަރަންޓީނު ފެސިލިޓީއަކަށް ވެސް ބޭނުންކުރި އެވެ.