ads
ނީލަންފިހާރަ އަލިފާން: އެ ސަރަހައްދުން ދުން އެރުން މިހާރު ވަނީ ކޮންޓްރޯލް ކޮށްފަ
ނީލަންފިހާރަ އަލިފާން: އެ ސަރަހައްދުން ދުން އެރުން ކޮންޓްރޯލް ކޮށްފި
ނީލަން ފިހާރަ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެ ސަރަހައްދުން މިއަދުވެސް ދުން އަރަމުން ދިޔަ ކަމަށާއި، އެހެން ނަމަވެސް މިހާރު އެ ސަރަހައްދުން ދުން އެރުން އެއްކޮށް ކޮންޓްރޯލް ކޮށްފައި ވާކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
Advertisement

ހޯމަ ދުވަހުގެ ރޭގެ ފަތިހުގެ ވަގުތެއްގައި ރޯވި އަލިފާންގަނޑު ނިވާލެވުނީ އެ ދުވަހުގެ ހެނދުނު 08:30 ހާއިރު އެވެ. އަލިފާން ރޯވުމުގެ ސަބަބުން ނީލަން ފިހާރަ ބަރި އާއި އެ ސަރަހައްދުގައި ހުރި ލޭބާކުއާޓާއެއް އެއްކޮށް ވަނީ އަނދާހުލިވެފަ އެވެ. 

މި ހާދިސާގެ މައުލޫމާތު ހިއްސާ ކުރަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުން މިހާރު އެއްކޮށް ދުން އެރުން ކޮންޓްރޯލް ކުރެވިފައި ވާކަމަށާއި، މިހާރު އެ ސަރަހައްދު ފުލުހުންނާއި ހަވާލު ކޮށްފައިވާ ކަމަށެވެ. 

އެ ސަރަހައްދުން މިއަދު ހެނދުނު ދުން އަރަމުން ދިއުމުން އެމްއެންޑީއެފްގެ ފަޔާމަނުން ވަނީ، އެތަނުގައި ހުރި ތަކެތި އެސްކަވޭޓަރެއް ބޭނުން ކޮށްގެން ދުރަށް ޖެއްސުމަށްފަހު ދުން އަރަމުން ދިޔަ ތަނަށް ވަދެ، ދުން އެރުން ކޮންޓްރޯލް ކޮށްފަ އެވެ. 

މި ހާދިސާގެ މައުލޫމާތު އެއިދާރާއަށް ލިބުނީ، ހޯމަ ދުވަހު ފަތިހު 05:43 ހާއިރު ކަމަށާއި، އެމްއެންޑީއެފްގެ ފަޔަމަނުންނާއި މޯލްޑިވިސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ފަޔާމަނުން ކުރި މަސައްކަތުން ނީލަން ފިހާރައިގެ އުތުރުގައި އިމާދުއްދީން ސްކޫލާއި ދިމާލުގައި ފެތުރެމުންދިޔަ އަލިފާން ހޯމަ ދުވަހު ހެނދުނު 07:35 ހާއިރު ވަނީ ކޮންޓްރޯލް ކޮށްފައި ކަމަށެވެ. އަދި ނީލަން ފިހާރައިގެ އިރުމަތިން ފެތުރެމުންދިޔަ އަލިފާން ކޮންޓްރޯލްކުރެވިފައި ވަނީ ހޯމަ ދުވަހު ހެނދުނު 08:30 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ. 

ހޯމަ ދުވަހު ފަތިހު ނީލަން ފިހާރައިގައި ރޯވެ، އެ ތަނާ އިންވެގެން ހުރި ލޭބަ ކުއާޓަރަށް ވެސް އަލިފާންގަނޑު ފެތުރުމުން 200 އެއްހާ ބިދޭސީން ވަންނާނެ ތަނެއް ނެތި މަގުމަތިވިއެވެ. ހޯމަ ދުވަހު ހެނދުނުން ފެށިގެން އެ މީހުން ބައިތިއްބާފައި ތިބީ އިމާދުއްދީން ސްކޫލުގަ އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން ކުރި މަޝްވަރާތަކަށް ފަހު ނިންމީ ހާލުގައި ޖެހުނު ބިދޭސީންގެ ވަގުތީ ހިޔާގެ ގޮތުގައި ހުޅުމާލެއާ ގުޅިފައި އޮންނަ ފަރުކޮޅުފުށި ވަގުތީ ގޮތުން ބޭނުން ކުރަން ކަމަށެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކުމުން ހުޅުމާލެއާ ގުޅިފައިވާ ކުރީގެ ރިސޯޓު، ކޮވިޑްގެ ދުވަސްވަރު ކަރަންޓީނު ފެސިލިޓީއަކަށް ވެސް ބޭނުންކުރި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް