ބ އަތޮޅު ހިތަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސޯލިހު ދެވަނަ ދައުރު ނިންމުމަށް ފަހު ގާނޫނުއަސާސީ ބަދަލު ކުރާ ވާހަކަ ވެސް ދައްކަވާނެ ކަމަށާއި، އަދި ތިން ވަނަ ދައުރަކަށް އިންތިހާބު ވާން ބޭނުންވުމަކީ ވަރަށް ގިނައިން ފެންނަ މަންޒަރެއް ކަމަށެވެ.
މި ވާހަކަތަކާއި ގުޅިގެން މެމްބަރު ރޮޒައިނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހަތަރު ވަނަ ދައުރަކަށް ކުރިމަތި ލައްވައިގެން ހުންނަވާ، ރައީސް ނަޝީދު އެފަދައިން ވިދާޅުވުމުން އިތުރަށް ބުނާނެ އެއްޗެއް ނެތް ކަމަށާއި، 2008 ވަނަ އަހަރު ކުރިމަތިލެއްވި ކަމަށާއި، 2013 ވަނަ އަހަރުވެސް ކުރިމަތިލެއްވި ކަމަށާއި، 2018 ވަނަ އަހަރުވެސް ކުރިމަތިލެއްވި ކަމަށެވެ.
އަދި މިހާރު 2023 ވަނަ އަހަރަށް ކުރިމަތިލައްވައިގެން އުޅުއްވާއިރު، 2028 ވަނަ އަހަރުވެސް ރައީސް ނަޝީދު ކުރިމަތިލައްވާނެކަން ޔަގީންވާކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
ގާނޫނު އަސާސީގައި އޮންނަ ގޮތުން ވެރިކަމުގައި އެންމެ ގިނަވެގެން ހުރެވޭނީ ދެ ދައުރަށެވެ. ދެ އަހަރަށް ވުރެ ގިނައިން ވެރިކަމުގައި ހުންނަން ބޭނުންވާނަމަ ގާނޫނު އަސާސީ ބަދަލުކުރަން ޖެހޭނެ އެވެ.
ރާއްޖޭގައި އެންމެ ގިނަ ދުވަހު ވެރިކަމުގައި ހުންނެވީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެވެ. އެމަނިކުފާނު ވަނީ، ވެރިކަމުގައި 30 އަހަރުދުވަސް ހޭދަ ކުރައްވާފަ އެވެ.
ކެމްޕެއިންގެ ފޯރި ގަދަވެފައިވާއިރު، ރައީސް ނަޝީދު ވަނީ، ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫންގެ "މައުމީނީ ސިފަތައް" އެމްޑީޕީގެ ތެރެއަށް ވަންނަން ފަށައިފާވާކަމަށް ވިދާޅުވެފަ އެވެ.