
އިންޑިއާގެ މަހަރާސްތްރާގެ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރު ކޮށްފައި ވާއިރު، އޭގެ ތެރޭގައި ފުލުހެއް ހިމެނޭ ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ.
މި އޮޕަރޭޝަން ފުލުހުން ހިނގީ، އެ ސަރަހައްދުގައި ހުރި ރެސްޓޯރަންޓަކުން ކެއުމަށް ގެނައި ތަކެތީގެ ތެރޭ އިންސާނެއްގެ އަތުގެ އިނގިއްޔެ ފެނުމާއި ގުޅިގެންނެވެ. ފުލުހުން ހިންގި އޮޕަރޭޝަންގައި އެމީހުން ހައްޔަރު ކުރި އިމާރާތުގެ ތެރެއިން ގިނަ އަދަދެއްގެ އިންސާނުންގެ ހަށިތަކެއް ފެނިފައި ވާއިރު، މިނިމަސް ނެގުމަށް ތައްޔާރު ކޮށްފައި ތިބި ދެ އަންހެނަކު ފެނިފައި ވާކަމަށްވެސް ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ.
އިންޑިއާގެ ނޫސްތަކަށް އެ ސަރަހައްދުގެ ފުލުހުން މައުލޫމާތު ދެމުން ބުނީ، އެ ތަނުން ފެނުނު ދެ އަންހެނުންގެ ތެރެއިން އެކަކުގެ އަތް ބުރި ކޮށްލުމަށްފަހު ވިއްކުމަށް ތައްޔާރު ކޮށްފައި އޮތް ކަމަށާއި، ފުލުހުން އެ ތަނަށް ވަން އިރު އެތަނުގެ ތެރޭ އަށް ވަރަކަށް މީހުން ތިބި ނަމަވެސް އޭގެ ތެރެއިން ހައްޔަރު ކުރެވުނީ ހަތަރު މީހުން ކަމަށެވެ.
އަދި އަނެއް މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުންނާއި ހަވާލާދީ ނޫސްތަކުގައި ވަނީ ބުނެފަ އެވެ. އަދި ހައްޔަރު ކުރެވުނު ފުލުސް މީހާ އަކީ، އެ ތަނަށް އިންސާނުން ހޯދުމުގައި އެންމެ އިސްކޮށް އުޅުނު މީހާ ކަމަށާއި، ހައްޔަރު ކުރެވޭ ބައެއް މީހުން ފުލުސް އޮފީހަށް ނުގެންގޮސް އެތަނަށް ވައްދާ މަރާލާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެމީހުން އިންސާނުންގެ މަސްތައް ރެސްޓޯރަންޓު ތަކަށް ވިއްކަމުން ދިޔައީ، އެއީ ބަކަރި މަސްތައް ކަމަށް ބުނެ އޮޅުވާލައިގެން ކަމަށްވެސް އެގައުމުގެ ފުލުހުން ވަނީ ބުނެފަ އެެވެ.
އިންޑިއާ އަކީ ތަފާތު އެތައް މިޒާޖުތަކެއްގެ ބަޔަކު ދިރިއުޅެމުން އަންނަ ގައުމަކަށް ވާއިރު، އެގައުމުގައި މިނިމަސް ކެއުމާއި، އޭގެ ވިޔަފާރި ކުރުމަކީ މީގެ ކުރިންވެސް ކުރަމުން އަންނަ ކަމެކެވެ.
އެފަދަ ހާދިސާތަކާއި ގުޅިގެން މީގެ ކުރިންވެސް ބަޔަކު ހައްޔަރުކޮށް އެމީހުން އުމުރު ދުވަހަށް ޖަލަށް ލުމަށް އެގައުމުގެ ކޯޓުތަކުން ވަނީ ހުކުމް ކޮށްފަ އެވެ.