ads
ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ
"ދަރަނި ރީސްޓްރަކްޗާ ކުރުމަށް ކުރެވެމުންދާ މަޝްވަރާތައް ކާމިޔާބު"
އިންޑިއާ އަދި ޗައިނާ އާއެކު ދަރަނި ރީސްޓްރަކްޗާ ކުރުމަށް ނުވަތަ ދަރަނި އަލުން އެކުލަވާލުމަށް ކުރެވެމުންދާ މަޝްވަރާތައް ކާމިޔާބުކަމަށް ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން ލަންކާގެ ރައީސް ވިދާޅުވެފައިވަނީ އެ ދެ ގައުމާ އެކު ދަރަނި އަލުން އެކުލަވާލުމަށް ކުރެވެމުންދާ މަޝްވަރާތައް ކާމިޔާބު ކަމަށާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ބެއިލްއައުޓެއް ހޯދުމަށް އެ ގައުމުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މި މަޖިލީހަށް އަޅުގަނޑު ދަންނަވާލަން އޮތީ، ކުރެވެމުންދާ މަޝްވަރާތައް ކާމިޔާބު ވާ ވާހަކަ. ވަރަށް އަވަހަށް އަޅުގަނޑުމެންނަށް އެ ކަމުގައި ޖަވާބެއް ލިބޭނެ،" - ރައީސް ވިކްރަމަސިންހަ

ލަންކާ އަށް ކުރިމަތިވި އިގުތިސޯދީ ދަތިކަމުން އަރައިގަތުމަށް އެ ގައުމުން ކުރަމުންދާ މަަސައްކަތުގެ ތެރެއިން ހަރަދުތައް ކުރުމުގައި އަމަލުކުރަމުން އައި އުސޫލުތައް ހަރުކަށިކޮށް ނަގަމުން އައި ޓެކްސްތައް ވެސް ވަނީ ބޮޑުކޮށްފައެވެ.

މިހާރު ކުރިޔަށްދާ މަޝްވަރާތަކާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝޭހަން ސެމާސިންގެ ވިދާޅުވީ، މި އަހަރުގެ މާޗް މަހުގެ ތެރޭގައި އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑުގެ ރުހުން އެ ގައުމަށް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"ރައީސް އާއި ފިނޭންސް މިނިސްޓްރީ އާއި މަރުކަޒީ ބޭންކުގެ އިތުރުން ގުޅިފައިވި މިނިސްޓްރީތަކުން ވަރަށް ގިނަ މަސައްކަތް ކޮށްފި. އެ މަސައްކަތްތަކުގެ ރަނގަޅު ނަތީޖާ ދަނީ ފެންނަމުން. މާލީ ޔަގީންކަން ދިނުމަށް އަޅުގަނޑުމެންނަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ،" - ޝޭހަން ސެމާސިންގެ

ޗައިނާ ކޮމިއުނިސްޓް ޕާޓީ (ސީޕީސީ) ގެ މަތީ ފެންވަރުގެ ވަފުދެއް ލަންކާ އަށް މިހާރު ކުރަމުންދާ ޒިޔާރަތުގެ ތެރެއިން އެ ގައުމުގެ އިސް ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާތައް ދަނީ ކުރަމުންނެވެ. އެ ގޮތުން އެ ވަފްދުން ވަނީ މި މަހުގެ 16 ވަނަ ދުވަހު ލަންކާގެ ބޮޑު ވަޒީރު ދިނޭޝް ގުނަވަރްދަނާ އާ ބައްދަލުކޮށްފައެވެ.

އައިއެމްއެފް މީގެ ކުރިން ބުނެފައިވާ ގޮތުގައި 2.9 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ޕެކޭޖް ލަންކާ އަށް ދޭނީ އެ ގައުމުން ދަރަނި ރީސްޓްރަކްޗާ ކުރުމުން ކަމުގައެވެ. އެހެން ކަމުން އެ ގައުމަށް ވަނީ ދަރަނިތައް އަލުން އެކުލަވާލުމަށް ކްރެޑިޓަރުން ތައްޔާރަށް ތިބި ކަމުގެ ޔަގީންކަން އެ ފަރާތްތަކުގެ ކިބައިން ހޯދަން ޖެހިފައެވެ. ދަރަނި ރީސްޓްރަކްޗާ ކުރުމަށް އެ ގައުމުން އެންމެ ބޮޑަށް މަޝްވަރާ ކުރަމުން ދަނީ އިންޑިއާ އަދި ޗައިނާ އާއެކު އެކުގައެވެ. އެ ގައުމުތަކުގެ އިތުރުން ޖަޕާނާއި މުއްސަނދި އެހެން ގައުމުތަކުގެ އެއްބާރުލުންވެސް ލަންކާ އަށް ވަނީ ބޭނުންވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް