ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލޭ ގޮތަށް ސަރުކާރުން ކަންތައްތައް ކުރާ ކަމަށް ތުހުމަތުކޮށް ޕީޕީއެމުން ހުޅަނގުގެ އެހީއަށް އެދުނީ ލަންކާއަށް ގޮސް ގައުމުގައި ތިބޭ ހުޅަނގުގެ އެކިއެކި ގައުމުތަކުގެ ސަފީރުންނާ ބައްދަލުކޮށެވެ.
ރިޝްވަތު ގަބޫލުކުރެއްވުމާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިދިޔަ މަހު ކުރި ހުކުމާ ގުޅޭ ގޮތުން ކަންބޮޑުވުންތައް ފާޅުކޮށް ހުޅަނގުގެ ގައުމުތަކުގެ ސަފީރުންނާ ބައްދަލުކުރަން ލަންކާއަށް ވަޑައިގެންނެވި ވަފުދު ލީޑު ކުރައްވަނީ ކުރީގެ ނައިބު ރައީސް އަދި ޔާމީންގެ ލީގަލް ޓީމުގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދެވެ.
ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމުން ހުޅަނގުގެ އެހީއަށް ޕީޕީއެމުން އެދިފައިވާއިރު، ޔާމީން ވެރިކަމުގައި އެ މަނިކުފާނު މުޅިންވެސް ވަކާލާތު ކުރެއްވީ ދިވެހިންގެ ދާހިލީ ކަންކަން ދިވެހިން އަމިއްލަ އަށް ނިންމުމަށެވެ. ބޭރުގެ ފަރާތްތަކުން ދިވެހިންގެ ކަންކަމުގެ ތެރެއަށް ނުވަނުމަށް ވެރިކަމުގައި ހުންނެވި އިރު ޔާމީން އަބަދުވެސް ވަކާލާތު ކުރެއްވިއެވެ.
ލަންކާއަށް ދިޔަ މި ވަފުދުގައި ޑރ. ޖަމީލްގެ އިތުރުން ދެން ހިމެނެނީ ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދާއި، ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް އާއި، އިދިކޮޅު ކޯލިޝަންގެ ސެނެޓަރު ހަމްދާން ޝަކީލް އަދި ޔާމީންގެ އާއިލާގެ ފަރާތުން، ރައީސް ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން ބައިވެރިވެއެވެ.
ޕީޕީއެމުން ބުނި ގޮތުގައި އެ ބޭފުޅުން ބައްދަލުކުރެއްވި ސަފީރުންގެ ތެރޭގައި ޖަރުމަނާއި، ނެދަލޭންޑްސް، ފްރާންސް، އިޓަލީ އަދި ރޯމޭނިއާ ހިމެނެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ވަފްދު އެނބުރި މާލެ އަންނާނީ މިރޭއެވެ.