ads
ފުލުހުން އަލްހާންގެ އޮފީސް ބަލައި ފާސްކުރަނީ--ފޮޓޯ:ސަންގު
ސްކޭމް މައްސަލާގައި އަލްހާންގެ އޮފީސް ބަލައި ފާސްކޮށްފި
ކިންގް ފޯރެކްސް ޓްރޭޑިން ކުންފުނިން "ޕޮންޒީ ސްކީމެއް" ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައަށް ހެކި ހޯދުމަށް ކޯޓު އަމުރެއްގެ ދަށުން އަލްހާންގެ އޮޮފީސް ބަލައި ފާސްކޮށްފި އެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ އަދި އަލްހާންގެ ބަހެއް ލިބޭގޮތެއް އަދި ނުވެ އެވެ. ނަމަވެސް އަލްހާންގެ އޮފީސް ބަލައި ފާސްކުރަން ފެށީ މިއަދު 02:30 ހާއިރު ކުއްލިއަކަށް ކޯޓުގެ އަމުރަކާއިއެކު ފުލުހުން ވަދެ ކަމަށް އަލްހާން އާއި ހަވާލާދީ ސަންގު ނޫހުން ރިޕޯޓު ކޮށްފައި ވެއެވެ. 

އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާގެ ފޯނުވެސް ވަނީ ހިފަހައްޓާފަ އެވެ. އަލްހާންގެ އޮފީސް ބަލައި ފާސްކުރުމަށް ނެރެފައިވާ ކޯޓު އަމުރުގައި ވާގޮތުން، އެ އަމުރު ނެރެފައިވަނީ، ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގައި މާލީ ސެކިއުރިޓީގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭކަމަށް ދައްކައި، މަކަރާ ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑަކުރި ކަމުގެ ތުހުމަތުގަ އެވެ. 

އަމުރު ނެރެފައިވަނީ

  • ކިންގްސް ފޮރެކްސީ އިންވެސްޓްމަންޓާއި ގުޅޭގޮތުން އިންވެސްޓަރުންނާއި އެކު ކުރި މުއާމަލާތުގެ މައުލޫމާތު ހޯދަން
  • އޮންލައިން ޕްލެޓްފޯމުތަކުގައި ކޮށްފައިވާ މުއާމަލާތްތަކުގެ މައުލޫމާތު ހޯދަން
  • އޮންލައިން ޕްލެޓްފޯމުތަކުގައި ބޭނުންކޮށްފައިވާ ޑިޖިޓަލް ކަރަންސީ އާއި ގުޅޭ އެންމެހައި މައުލޫމާތު ހޯދުމަށް 
  • އިންވެސްޓްމަންޓާއި ގުޅުން ހުރި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހެއްކާއި ގަރީނާ ހޯދުމަށް

ބަލައި ފާސް ކުރަން ބޭނުން ވަނީ ކިންގްސް ޓްރޭޑިން އެންޑް ސަޕްލައި ލިމިޓެޑާއި ގުޅުން ހުރި ތަންތަން ކަމަށްވެސް އެ އަމުރުގައި ވެއެވެ. 

ކިންގް ފޮރެކްސް ޓްރޭޑިން ކުންފުންޏަކީ އަލްހާންގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. ކުންފުނިން ޕޮންޒީ ސްކީމެއް ހިންގި މައްސަލައާ ގުޅިގެން އަލްހާންގެ މައްޗަށް ފުލުހުން ދަނީ ޖިނާއީ ތަހުގީގެއް ހިންގަމުން ނެވެ. ނަމަވެސް އޭނާ ވަނީ އެ ތުހުމަތުތަކަށް ތަކުރާރުކޮށް އިންކާރު ކޮށްފަ އެވެ.

އަލްހާން ބުނެފައިވަނީ، ނުސީދާކޮށް ބަޔާންނެރެ، ދޮގު އިލްޒާމު އަޅުވާ، ވިޔަފާރި ހުއްޓުވާލުމަށްފަހު، މަކަރާ ހީލަތުން މީހުންގެ ފައިސާ ނަގައިގެން މަނީ ލޯންޑަ ކުރާ ކަމަށާއި، ކުންފުނީގެ އެހެން ހިއްސާދަަރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންމެދުވެރިކޮށްގެން ކުރާ އެ މަސައްކަތަކީ ގާނޫނާއި ހިލާފު އަމަލެއް ކަމަށެވެ.  

ކުޑަ ދުވަސްކޮޅެއް ތެރޭ ބޮޑު ފައިދާއެއް ހޯދައި ދޭނެ ކަމަށް ބުނެ މީހުން އަތުން ފައިސާ ނަގައިގެން ރާއްޖޭގައި ބޮޑު ފްރޯޑެއް ހިންގަމުން ދާކަމަށާއި އެހެން ކަމުން ހުރިހާ ފަރާތްތަކުން ވެސް އެކަމަށް ހާއްސަ ސަމާލުކަމެއްދީ، ފައިސާ ނުދިނުމަށް އެދި އެމްއެމްއޭއިން ވަނީ މިދިޔަ އަހަރުގެ މާޗު މަސްތެރޭ ބަޔާނެއް ނެރެފަ އެވެ. 

އެމްއެމްއެމްއޭއިން އެފަހަރު ބުނިގޮތުގައި، އެ ސްކޭމްގައި، ފައިދާ ވާނެ އެކި ކަހަލަ ސްކީމްތަކަށް ކަމަށް ބުނެ އާންމުންގެ ކިބައިން ފައިސާ ނަގާ ކަމަށެވެ. އެނަގާ ފައިސާއިން އެ ފަރާތްތަކަށް އިންވެސްޓްކޮށްދިނުމުގެ ބަދަލުގައި، އެ ފައިސާ ބޭނުން ކުރަނީ އަމިއްލަ ބޭނުމަށް ކަމަށާއި، ކުރީކޮޅުގައި ބައިވެރިވާ ފަރާތްތަކަށް ފައިސާ ދެނީ އޭގެ ފަހުން ބައިވެރިވާ ފަރާތްތަކުގެ ފައިސާއިން އެމްއެމްއޭއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. 

އެމްއެމްއޭއިން ނެރުނު ބަޔާނުގައި ވަކި ކުންފުޏެއްގެ ނަން ހާމަ ކޮށްފައި ނުވި ނަމަވެސް އެ ބަޔާން ނެރުނުތާ ކުޑަ ވަގުތުކޮޅެއް ތެރޭ، އަލްހާން ފަހުމީގެ ކިންގްސް ގެ އެކައުންޓު ބީއެމްއެލް އިން ވަނީ ފްރީޒްކޮށްފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް