
ދިވެހި ސޯޝަލް މީޑިއާ ޕޭޖް 'ސޯސަލް' އަށް ދިން އިންޓަވިއުއެއްގައި އީވާ ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ އެމަނިކުފާނުގެ ސިޔާސަތުތަކާއި ގުޅޭ ގޮތުން ވާހަފުޅު ދައްކަވާފަ އެވެ. އެގޮތުން ރާއްޖޭގެ ކޮންމެ ރަަށަކާއި ބެހޭގޮތުން ތަސައްވަރެއް ރައީސް ނަޝީދުގެ އޮންނަވާނެ ކަމަށާއި، ރައީސް ނަޝީދަކީ، ވިޝަނަރީ ބޭފުޅެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ރާއްޖޭގެ ބޮޑުވަޒީރު ކަމުގެ މަގާމަށް އައުމަށް ރައީސް ނަޝީދު ގެންދަވަނީ، ކެނޑިނޭޅި ވަކާލާތު ކުރައްވަމުންނެވެ.
ރާއްޖޭގެ ވެރިކަމަށް ކުރިމަތިލައްވަފާނެތޯ އިވާ އާއި ސުވާލު ކުރެއްވުމުން އެ ސުވާލަށް ޖަވާބު ދެއްވަމުން އީވާ ވިދާޅުވީ، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުވެއްޖެނަމަ ބޮޑުވަޒީރު ކަމަށް ކުރިމަތިލައްވާނެ ކަމަށާއި، މިހާރު ރާއްޖޭގައި މިއޮތް ރިޔާސީ ނިޒާމަކީ އެކަމަނާ ގަބޫލުފުޅުކުރާ ނިޒާމެއް ނޫން ކަމަށް ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން އީވާ ވިދާޅުވީ، އެކަމަނާގެ މުޅި ހަޔާތް ހޭދަކުރަމުންދަނީ ރައީސް ނަޝީދުގެ ފަހަތުގައި، ރައީސް ނަޝީދު ކުރައްވާ ކަންކަން އޮބްސާވް ކުރުމުގައި ކަމަށާއި، ރައީސް ނަޝީދު އަބަދުވެސް އިސްކަން ދެއްވަމުން ގެންދަވަނީ، ގައުމަށާއި، ރައްޔިތުންގެ ކަންކަމަށް ކަމަށެވެ.
މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ރައީސް ނަޝީދު އަށް ތާއީދު ކުރައްވާކަން އީވާ އިއުލާން ކުރައްވާފައި ވާއިރު، މަޖިލީހުގެ ގިނަ މެމްބަރުންނާއި ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި ފަރާތްތަކުން މި ޕްރައިމެރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ތާއީދު ކުރައްވާކަން ވަނީ އިއުލާން ކުރައްވާފަ އެވެ.
އެ ބޭފުޅުން ބުނާ ގޮތުގައި، ރައީސް ނަޝީދު ކަންކަން ކުރައްވަނީ، އަމިއްލަފުޅު މަންފާއަށް ކަމަށާއި، އެހެން ނަމަވެސް ރައީސް ސޯލިހުގެ ވެރިކަމުގެ އަހަރުތަކުގައި ދަތިކަމާއި އެކުވެސް ފެނިގެން ދިޔައީ، އެއްވެސް ރައްޔިތަކު ބާކީ ނުކޮށް ހުރިހާ ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމުގައި ކަމަށެވެ.