ads
ވިލިމާލޭގައި ބަސް ދަތުރު ފެށުން
ބަސް ދަތުރުތައް ވިލިމާލޭގައި ފަށައިފި، މިވަގުތަށް ދަތުރުތައް ހިލޭ
އެމްޓީސީސީގެ އާރްޓީއެލް ބަސް ދަތުރުތައް ވިލިމާލެއަށް މިއަދު ފަށައިފި އެވެ.

ވިލިމާލޭގައި ބަސް ދަތުރުތަކަށް ބޭނުންކުރަނީ އެ ކުންފުނިން އެންމެފަހުން ރާއްޖެ ގެނައި ތިމާވެއްޓާ ރައްޓެހި 6 (އިލެކްޓްރޮނިކް ވެހިކަލް) އީވީ ބަސްތަކެވެ. 

މި ބަސްތަކުގައި:

  • 11 މީހުންނަށް އިށީނދެ ތިބެވޭނެހެން ސީޓް ހަރުކޮށްފައި ހުންނާނެ
  • ހަތަރު މީހުންނަށް ކޮޅަށް ތިބެވޭނެ ޖާގަ ހުންނާނެ
  • ޖުމްލަ 15 މީހުންނަށް އެއްފަހަރާ ދަތުރުކުރެވޭނެ

އެމްޓީސީސީން ބުނީ ދެ ހަފްތާގެ މުއްދަތައް ބަސް ދަތުރުތައް މުޅިން ހިލޭ ވާނެ ކަމަށާއި، ބަސްދަތުރުތައް ކުރާނީ ހެނދުނު 5:35 އިން ރޭގަނޑު 00:00 އަށް ކަމަށެވެ. އަދި ހިލޭ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ މުއްދަތުގެ ފަހުންވެސް 65 އަހަރުން މަތީގެ މީހުންނަށާއި ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިލޭ ދަތުރު ކުރެވޭނެ އެވެ.

"މި ހިދުމަތުގެ ރޫޓާއި ޝެޑިއުލް އެކުލަވާލާފައިވަނީ، ރައްޔިތުންނަށް ވީހާވެސް ލުއި ފަސޭހަ ވާނެ ގޮތަށް ރިއާޔަތް ކުރުމަށްފަހު. ސްކޫލާއި، ހޮސްޕިޓަލާއި، ފެރީ ޓާމިނަލް އަދި ބީޗު ސަރަހައްދުތައް ފަދަ ތަންތަނަށް ފަސޭހައިން ދެވޭނެ ގޮތްތައް ވަނީ ބެލެވިފައި،" އެމްޓީސީސީން ބުންޏެވެ.

ކުރިއަށް އޮތް ތަނުގައި ބަހުގެ ހިދުމަތް ދޭ ރޫޓުތަކަށް ބަދަލު ގެންނަންޖެހޭނަމަ އެކަންވެސް ކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ. 

your imageބަސް ދަތުރުތައް ވިލިމާލޭގައި ފެށީ މިއަދު

ބަހުގެ ހިދުމަތް ވިިލިމާލޭގައި ފަށާފައި މިވަނީ މާލޭ ސިޓީ ކައުންސިލުން ވިލިމާލެއަށް ބަގީ ހިދުމަތް ފަށަން ތައްޔާރުވެފައި ވަނިކޮށެެވެ. އެކަމަށްޓަކައި އަންނަ ފެބްރުއަރީ މަހު 10 ބަސް ގެންނަކަންވެސް މީގެ ކުރިން ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފަ އެވެ. 

ވިލިމާލޭގައި އާންމު ދަތުރުފަތުރަށް ބޭނުން ކުރަނީ ބަގީގެ ހިދުމަތެވެ. އިންޖީނުލީ އުޅަނދުތައް ބޭނުމެއް ނުކުރެ އެވެ. ސިޓީ ކައުންސިލްގެ މިދިޔަ ދައުރުގައި އެރަށުގައި ބަގީގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވަނީ އިމްޕްރިންޓް ނަމަކަށް ކިޔާ ކުންފުންޏަކާއި ނަމަވެސް، އެ ކުންފުނިން އެއްގޮތަކަށް އެ ހިދުމަތް ނުދޭތާ ހަތަރު މަސް ވެއްޖެ ކަމަށް އެކައުންސިލްގެ ވިލިމާލޭ މެންބަރު ނަހުލާ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. 

އެހެންވެ، އެ ހިދުމަތް އެކުންފުނީގެ އަތުން ނަގާ، ސީދާ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން އެ ހިދުމަތް ދޭން ނިންމީ މިދިޔަ އަހަރުގެ އޯގަސްޓް 17 ވަނަ ދުވަހު އެ ކައުންސިލުން ބޭއްވި ކައުންސިލް ބައްދަލުވުމެއްގަ އެވެ. 

މާލޭ ސިޓީ ކައުންސިލުން މަސައްކަތް ކުރަމުންދަނީ، ބެޓެރި ނުވަތަ ކަރަންޓު އުޅަނދުތައް ބޭނުންކޮށްގެން ވިލިމާލޭގެ މާހައުލާއި ގުޅޭ ޕަބްލިކް ޓްރާސްޕޯޓު ހިދުމަތެއް އެތަނުގައި ދިނުމަށެވެ. އެކަމަށްޓަކައި ބަގީ ހިދުމަތް ފަށަން، ބަގީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން މާލޭ ސިޓީ ކަައުންސިލުން އިއުލާންކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަސްތެރެ އެވެ. 

ބަގީގެ ހިދުމަތް ފަށަން ތައްޔާރުވެފައި ވަނިކޮށް، ބަހުގެ ހިދުމަތް ފެށުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު މުއިއްޒު ވިދާޅުވީ، ވިލިމާލެއަށް ޕަބްލިކް ޓްރާންސްޕޯޓު ބަސްތަކެއް ވިލިމާލެ ރައްޔިތުން ބޭނުން ނުވާ ކަމަށެވެ.  

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް