ވިލިމާލޭގައި އާންމު ދަތުރުފަތުރަށް ބޭނުން ކުރަނީ ބަގީގެ ހިދުމަތެވެ. އިންޖީނުލީ އުޅަނދުތައް ބޭނުމެއް ނުކުރެ އެވެ. ސިޓީ ކައުންސިލްގެ މިދިޔަ ދައުރުގައި އެރަށުގައި ބަގީގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވަނީ އިމްޕްރިންޓް ނަމަކަށް ކިޔާ ކުންފުންޏަކާއި ނަމަވެސް، އެ ކުންފުނިން އެއްގޮތަކަށް އެ ހިދުމަތް ނުދޭތާ ހަތަރު މަސް ވެއްޖެ ކަމަށް އެކައުންސިލްގެ ވިލިމާލޭ މެންބަރު ނަހުލާ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
އެހެންވެ، އެ ހިދުމަތް އެކުންފުނީގެ އަތުން ނަގާ، ސީދާ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން އެ ހިދުމަތް ދޭން ނިންމީ މިދިޔަ އަހަރުގެ އޯގަސްޓް 17 ވަނަ ދުވަހު އެ ކައުންސިލުން ބޭއްވި ކައުންސިލް ބައްދަލުވުމެއްގަ އެވެ.
މާލޭ ސިޓީ ކައުންސިލުން މަސައްކަތް ކުރަމުންދަނީ، ބެޓެރި ނުވަތަ ކަރަންޓު އުޅަނދުތައް ބޭނުންކޮށްގެން ވިލިމާލޭގެ މާހައުލާއި ގުޅޭ ޕަބްލިކް ޓްރާސްޕޯޓު ހިދުމަތެއް އެތަނުގައި ދިނުމަށެވެ. އެކަމަށްޓަކައި ބަގީ ހިދުމަތް ފަށަން، ބަގީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން މާލޭ ސިޓީ ކަައުންސިލުން އިއުލާންކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަސްތެރެ އެވެ. އަދި އިއްޔެ އެ ކައުންސިލުން ބުނިގޮތުގައި އެ ހިދުމަތް ފެށުމަށް ބޭނުންވާ 10 ބަގީ އަންނަ މަހުގެ ތެރޭގައި ރާއްޖެ ގެނެވި އެ މަސްތެރޭ ހިދުމަތް ފެށިގެންދާނެ އެވެ.
އިއްޔެ އެމްޓީސީސީންވެސް ވަނީ ވިލިމާލޭގައި ބަހުގެ ހިދުމަތް ދޭން ނިންމާފައިވާކަން ހާމަކޮށްފަ އެވެ. އެގޮތުން މިއަންނަ ހުކުރު ދުވަހުން ފެށިގެން އާރްޓީއެލްގެ ބަހުގެ ހިދުމަތް ވިލިމާލޭގައި ދޭން ފަށާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު މުއިއްޒު ވިދާޅުވީ، ވިލިމާލެއަށް ޕަބްލިކް ޓްރާންސްޕޯޓު ބަސްތަކެއް ވިލިމާލެ ރައްޔިތުން ބޭނުން ނުވާ ކަމަށެވެ.
ބަގީގެ ހިދުމަތް ފަށަން ތައްޔާރުވެފައި ވަނިކޮށް، ބަހުގެ ހިދުމަތް ފެށުމާއި ގުޅޭގޮތުން ކަމާއިބެހޭ އިދާރާއެއްގެ ބަހެއް އަދި ލިބޭގޮތެއް ނުވެ އެވެ. އެކަމަކު، އެމްޓީސީސީން ބުނެފައިވާގޮތުގައި، ހުކުރު ދުވަހު ވިލިމާލޭގައި ފަށަން ތައްޔާރުވަމުންދާ ބަހުގެ ހިދުމަތުގައި ބޭނުންކުރާނީ، އެ ކުންފުނިން އެންމެފަހުން ރާއްޖެ ގެނައި ތިމާވެއްޓާ ރައްޓެހި 6 (އިލެކްޓްރޮނިކް ވެހިކަލް) އީވީ ބަސްތަކެވެ.
މި ބަސްތަކުގައި:
- 11 މީހުންނަށް އިށީނދެ ތިބެވޭނެހެން ސީޓް ހަރުކޮށްފައި ހުންނާނެ
- ހަތަރު މީހުންނަށް ކޮޅަށް ތިބެވޭނެ ޖާގަ ހުންނާނެ
- ޖުމްލަ 15 މީހުންނަށް އެއްފަހަރާ ދަތުރުކުރެވޭނެ
އާރްޓީއެލް ބަހުގެ ހިދުމަތް ވިލިމާލެއަށް ފުޅާކުރުމަށްޓަކާ ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށާއި ބަހުގެ ހިދުމަތާ ގުޅޭ ރޫޓް މެޕާއި ޝެޑިއުލްގެ މައުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ހާމަކުރާނެކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ބުނި ގޮތުގައި ރާއްޖޭގެ ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން އެ ކުންފުނީގެ މަގުސަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާ އެކު ބޭނުންކުރެވޭނެ ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.