ads
ހުޅުމާލޭގައި ތަރައްގީ ކުރި ސަރުކާރު އޮފީސް އިމާރާތުގެ ކުރެހުމެއް - ފޮޓޯ:ޕްލޭނިން މިނިސްޓްރީ
ސަރުކާރުގެ އާ އޮފީސް އިމާރާތަށް މަރްހޫމް އުމަރު ޒާހިރުގެ ނަންފުޅު
ހުޅުމާލޭގައި ތަރައްގީކުރި ސަރުކާރުގެ އާ އޮފީސް އިމާރާތަށް ދައުލަތަށް 50 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވި އަލްމަރްހޫމް ނ.އ.އ.ވ އުމަރު ޒާހިރުގެ ނަންފުޅުން ނަންދީފިއެވެ.
Advertisement

ރާއްޖޭގެ މި ޒަމާނުގެ އުމްރާނީ ތަރައްގީގެ އެއް ތަނބުގެ ގޮތުގައި ފާހަގަކުރެވޭ އަލްމަރްހޫމް އުމަރު ޒާހިރަކީ ގައުމީ އަދި އިޖުތިމާއީ ގޮތުން ކުރެވުނު ބޮޑެތި މަސައްކަތްތަކުގައި ހަރަކާތްތެރިވެ ވަޑައިގަތުމުގެ އެފަދަ ދެވަނަ އެއް ނުވާ ނަމޫނާ ޝަހްސިއްޔަތެއްގެ ވެރި ބޭފުޅެކެވެ. މާލެ ސަރަހައްދަށް ޒަމާނީ ތަރައްގީ އާއި ކުރިއެރުން ހޯދައިދިނުމުގައި އިސް ދައުރެއް އަދާ ކުރެއްވި އެއް ބޭފުޅަކީ ވެސް އުމަރު ޒާހިރެެވެ.

މާލޭގެ ތަރައްގީ އަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން އެ މަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދެވި ބައެއް މަޝްރޫއުތަކުގެ ތެރޭގައި:

  • މާލޭގެ މަގު ހެދުމުގެ މަޝްރޫއު
  • މާލޭގެ އެއްގަމުތޮށްޓާއި ކަނޑުތޮށީގެ މަޝްރޫއު
  • ހުޅުމާލެ ތަރައްގީ ކުރުމުގެ މަޝްރޫއު
  • ކުނި ނައްތާލުމުގެ މަޝްރޫއު އާއި ތިލަފުށި ހިއްކުމާއި އެކަމާ ގުޅުންހުރި އެންމެހާ މަސައްކަތްތައް

ހަމަ އެކަނި މާލެ ސަރަހައްދަށް ތަރައްގީ ގެނައުމަށް މަސައްކަތް ކުރެއްވި ބޭފުޅެއްގެ ބަދަލުގައި އެ މަނިކުފާނު ފާހަގަ ކުރެވިފައިވަނީ ރަށްރަށުގެ ބަނދަރުތައް ތަރައްގީ ކުރެއްވުމަށް ވެސް އިސްކަންދެއްވި ބޭފުޅެއްގެ ގޮތުގައެވެ. ހަމަ އެގޮތަށް މުޅި ރާއްޖޭގައި ކުޅިވަރުގެ ރޫހާއި ފޯރި ގަދަކުރެއްވުމުގައި އެ މަނިކުފާނު ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

ދައުލަތަށް ހިދުމަތް ކުރެއްވުމުގައި ހޭދަކުރެއްވި 55 އަހަރު ދުވަހުގެ ތެރޭގައި އެ މަނިކުފާނު ވަނީ ސަރުކާރުގެ 26 މަގާމެއް އަދާކުރައްވާފައެވެ. އުމަރު ޒާހިރު އަވަހާރަވީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

your imageހުޅުމާލޭގައި ތަރައްގީ ކުރި ސަރުކާރު އޮފީސް އިމާރާތުގެ ކުރެހުމެއް - ފޮޓޯ:ޕްލޭނިން މިނިސްޓްރީ

ހުޅުމާލޭގައި ތަރައްގީ ކުރި ސަރުކާރުގެ އާ އޮފީސް އިމާރާތަށް އޮފީސްތައް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، އެ އޮފީސް އިމާރާތް މި ފެށޭ މަހުގެ 15 ވަނަ ދުވަހު ހުޅުވުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

ހުޅުމާލޭގައި އޮފީސް އިމާރާތެއް ތަރައްގީ ކުރުމަށް ނިންމާފައިވަނީ ސަރުކާރުގެ ގިނަ އޮފީސްތަކެއް އަމިއްލަ ތަންތަނުގައި މުއްދަތެއް ނެތް ގޮތަށް ބޮޑު ކުއްޔަށް ނަގައިގެން ހިންގަން ޖެހޭތީ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުންނެވެ.

މާލޭއަށް ދިމާވެފައިވާ ބިމުގެ ދަތިކަމާ ހުރެ ސަރުކާރުން ނިންމާފައިވަނީ ހުޅުމާލޭ ގައި އެ އިމާރާތް ތަރައްގީ ކުރުމަށެވެ. އެގޮތުން 2019 ވަނަ އަހަރު 185 މިލިއަން ރުފިޔާ އަށް ޗައިނާގެ ހުނާން އިންޖީނިއަރިން އާ އެ އޮފީސް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރިއެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައި ތަރައްގީ ކުރި އޮފީސް އިމާރާތަށް ތިން މިނިސްޓްރީއަކާއި ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީ ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.

your imageހުޅުމާލޭގައި ތަރައްގީ ކުރި ސަރުކާރު އޮފީސް އިމާރާތުގެ ކުރެހުމެއް - ފޮޓޯ:ޕްލޭނިން މިނިސްޓްރީ

އާ އޮފީސް އިމާރާތް ބެހިފައިވާ ގޮތް:

  • އިމާރާތުގެ އެންމެ ތިރި އަދި ފުރަތަމަ ފަންގިފިލާ - ޕާކިން ސަރަހައްދެއްގެ ގޮތުގައި
  • ދެވަނަ ފަންގިފިލާ - ޖެންޑަ މިނިސްޓްރީ
  • ތިންވަނަ ފަންގިފިލާ – ޓްރާންސްޕޯޓް މިނިސްޓްރީ
  • ހަތަރުވަނަ ފަންގިފިލާ – އެމެރިކަން އެމްބަސީ
  • ފަސްވަނަ ފަންގިފިލާ – ހަޔަ އެޑިއުކޭޝަން
  • ހަވަނަ ފަންގިފިލާ – ކުދި މީޓިން ރޫމްތަކާއި ސެމިނާ ރޫމެއް އަދި ޓެރަހެއް

އިމާރާތުގެ ކޮންމެ ފަންގިފިލައެއްގެ ބޮޑުމިނަކީ 25،000 އަކަފޫޓެވެ. މި އިމާރާތާ އެކު ސަރުކާރު އޮފީސްތައް ހިންގަން ކުލި ދައްކަން ޖެހުމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެއެވެ. ތިން މިނިސްޓްރީ އެއް އެ އިމާރާތަށް ބަދަލުކުރި ނަމަވެސް ސަރުކާރުގެ ބައެއް އޮފީސްތަކަކީ ކުއްޔަށް އިމާރާތްތައް ނަގައިގެން ހިންގަމުންދާ އޮފީސްތަކެވެ.

57%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް