
އެ އޮތޯރިޓީން ތަންފީޒުކުރަމުންދާ ފެނާއި ނަރުދަމާގެ ގާނޫނާއި ދިވެހިރާއްޖޭގެ ހަކަތައިގެ ގާނޫނު އަދި ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން ރިސޯޓުތަކުގައި ގާއިމުކުރާ ފެނާއި ނަރުދަމާ އާއި ކަރަންޓު އަދި ކުނި މެނޭޖުކުރުމުގެ ނިޒާމުގެ ފަރުމާތައް ފާސްކުރަން ލާޒިމުކުރެއެވެ.
މި ފެށޭ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަލަށް ތަރައްގީ ކުރާ ރިސޯޓުތަކުގެ އާންމު ބޭނުންތަކުގެ ހިދުމަތްދޭ ނިޒާމުތަކުގެ ފަރުމާ ރިޕޯޓުތައް އެ އޮތޯރިޓީއަށް ހުށަހަޅާ ފާސްކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނެއެެވެ. އެ އޮތޯރިޓީން ބުނެފައިވާ ގޮތުގައި މިހާރު ހިންގަމުންދާ ރިސޯޓުތަކުގެ ތެރެއިން ފެނާއި ނަރުދަމާ އާއި ކަރަންޓު އަދި ކުނި މެނޭޖުކުރުމުގެ ނިޒާމުތަކުގެ ފަރުމާ ރިޕޯޓުތައް ތައްޔާރުކޮށްފައި ނުވާ ރިސޯޓުތަކުން އަންނަ ޖުލައި މަހުގެ 22 ވަނަ ދުވަހުގެ ކުރިން އެ ރިޕޯޓުތައް އެ އޮތޯރިޓީއަށް ހުށަހަޅާ ފާސްކުރަން ޖެހޭނެ ކަމުގައެވެ.
އެ މުއްދަތުގެ ތެރޭގައި ފަރުމާތައް ފާސްނުކޮށް އާންމު ބޭނުންތަކުގެ ހިދުމަތްދޭ ރިސޯޓުތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ވެސް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނެއެވެ.
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަކީ އާންމު ބޭނުންތަކުގެ ހިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭ ކަންކަން އިންތިޒާމުކުރުމަށް ޓަކައި އިދާރާއެއް އުފެއްދުމާއި އެ އިދާރާގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުމާއި އަދި އާންމު ބޭނުންތަކުގެ ހިދުމަތްތަކާ ގުޅޭ ކަންކަން ރާވާ ހިންގާނެ ގޮތުގެ އާންމު އުސޫލުތައް ކަނޑައަޅާފައިވާ ގާނޫނެކެވެ.
އެ ގާނޫނުގެ ދަށުން އުފެއްދުމަށް ލާޒިމުކޮށްފައިވާ އިދާރާއަކަށް ވާތީ، 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އުފައްދަވާފައެވެ.
ފަރުމާތައް ފާސްނުކޮށް އާންމު ބޭނުންތަކުގެ ހިދުމަތްދޭ ރިސޯޓުތަކަށް ފިޔަވަޅު އަޅާނެ ކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނެފައި މިވަނީ، އީއައޭ ނުހަދާ ބަނދަރު ތަރައްގީ ކުރި މައްސަލައެއްގައި ހުރުއެޅި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް 28.5 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައިވާ ދަނޑިވަޅެއްގައެވެ.