ads
އޮގަސްޓިން މެސީއާއެކު ޕްރެކްޓިހުގައި
މެސީއާއެކު ކުޅުނު ކީޕަރެއް ރޮނާލްޑޯ ޓީމަށް
ކްރިސްޓިއާނޯ ރޮނާލްޑޯ މިހާރު ކުޅެމުން އަންނަ ސައުދީ އަރަބިއްޔާގެ އަލްނަސްރަށް އާޖެންޓީނާގެ ގައުމީ ސްކޮޑުގައި ހިމެނުނު ގޯލް ކީޕަރެއް ގެނެއްސިއެވެ.

އަލްނަސްރަށް އާޖެންޓީނާ ކީޕަރެއް މި ގެނައީ ކުރިން އެ ކްލަބުގައި ހުރި ކީޕަރަށް އަނިޔާވެ ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށް ދާން ޖެހުމުންނެވެ. 

އާޖެންޓީނާގެ ބޮކާ ޖޫނިއާސްގެ ކީޕަރުންގެ ތެރޭގައި ހިމެނޭ އޮގަސްޓިން ރޮސީ، އަލް ނަސްރަށް ގެނެސްފައިވަނީ ހަ މަސް ދުވަހުގެ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. ލޯންގެ އަގަށް އަލްނަސްރުން ބޮކާ ޖޫނިއާސްއަށް 1.2 މިލިއަން ޔޫރޯ ހަރަދު ކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޮގަސްޓިންއަކީ މިދިޔަ އަހަރު އޮތް ވޯލްޑްކަޕަށް ނެގި އާޖެންޓީނާގެ 48 ކުޅުންތެރިންގެ ސްކޮޑުގައި ހިމެނުނު ކުޅުންތެރިއެކެވެ. އޮގަސްޓިންވަނީ 20 އަހަރުން ދަށުގެ އާޖެންޓީނާގެ ގައުމީ ޓީމަށް ދެ މެޗު ކުޅެފައެވެ. އަދި 2021 ވަނަ އަހަރުގެ ފަހުން ސީނިއާ ޓީމުގެ ސްކޮޑުގައި ހިމެނުނު ނަމަވެސް ސީނިއާ ޓީމަކަށް ދުވަހަކުވެސް މެޗެއް ނުކުޅެއެވެ.

އަލަށް ގުޅުނު ކީޕަރުވަނީ އަލްނަސްރުގެ މެޑިކަލް ފުރިހަމަކޮށް ތަމްރީންތަކުގައި ބައިވެރިވާން ފަށާފައެވެ. އާ ކީޕަރާއެކު އަލްނަސްރުން ކުޅޭ ފުރަތަމަ މެޗަށް ވެގެންދާނީ ވާދަވެރި އިއްތިހާދާ ދެކޮޅަށް މާދަމާ ކުޅޭ މެޗެވެ. މިއީ ކަޕު މެޗެކެވެ.

އަލްނަސްރަށް ރޮނާލްޑޯ ގުޅުމާއެކު މުޅި ދުނިޔޭގެ މީޑިއާގެ ސަމާލުކަން އަލްނަސްރާ ސައުދީ ލީގަށްވަނީ ލިބިފައެވެ. ރިޕޯޓްތައް ބުނާ ގޮތުން އޮގަސްޓިންވެސް އަލްނަސްރުގެ ހުށަހެޅުމަށް ވަގުތުން އެއްބަސްވީ ރޮނާލްޑޯއާ އެއް ޓީމެއްގައި ކުޅުމުގެ ފުރުސަތު ހޯދުމަށެވެ.

ބޮކާ ޖޫނިއާސްއިން އަލްނަސްރަށް ލޯން އުސޫލުން ބަދަލުވި އޮގަސްޓިން ލޯން މުއްދަތު ހަމަވުމުން ދެން ކުޅޭނީ ބްރެޒިލްގެ ފްލެމިންގޯއަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް