އިކޮނޮމިކް މިިނިސްޓްރީން ބުނި ގޮތުގައި ބީލަން ކާމިޔާބު ކުރި ފަރާތަށް 'ނޮޓިފިކޭޝަން އޮފް އިންޓެންޝަން ޓު އެވޯޑް' ހަވާލު ކޮށްފައިވާ ކަމަށާއި ފަސް ދުވަހުގެ މުއްދަތަކަށްފަހު، މާލިއްޔަތު ގަވާއިދުގެ ދަށުން އެ ފަރާތަށް ރަސްމީކޮށް މަޝްރޫއު އެވޯޑު ކުރާނެ ކަމުގައެވެ. އެ މިނިސްޓްރީން ބުނީ ބީލަން ކާމިޔާބު ކުރި ފަރާތް ހާމަ ކުރާނީ ވެސް ފަސް ދުވަހުގެ ފަހުން ކަމަށެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު:
- އެއާޕޯޓް ކެޕޭސިޓީ - އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ
- އެއާޕޯޓުގެ ޓާމިނަލް ޒަމާނީ ވަސީލަތްތަކާ އެކު ތަރައްގީ ކުރާނެ
- ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓުތަކާއި ލައުންޖް ވަސީލަތްތައް ގާއިމުކުރާނެ
- ވިޔަފާރިއަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުން ކުރުމަށް ކޯލްޑް ސްޓޯރޭޖަކާ އެކު، ކާގޯ ވަސީލަތްތައް ތަރައްގީކުރާނެ
- އާ ކޮންޓްރޯލް ޓަވަރަކާއި ފަޔަ ސްޓޭޝަނެއް ގާއިމުކުރާނެ
- އެއާޕޯޓުގެ މަގުތަކާއި ޕާކިން ސަރަހައްދުތައް ތަރައްގީކުރާނެ
- މަޝްރޫއު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިސާ އިން
މި މަޝްރޫއަކީ ދެކުނުގެ އަތޮޅުތަކަށް އިގުތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑު ކުރިއެރުމެއް ގެނެސްދީ، މުޅި ރާއްޖޭގެ ތަރައްގީގައި އައްޑޫ ސިޓީގެ ދައުރު ފުޅާކޮށްދިނުމަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫއެއް ކަމަށް އިކޮނޮމިކް މިިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ދެކެނީ މިއީ މުޅި ދުނިޔެ އާ ދެކުނުގެ އަތޮޅުތަކާ ގުޅުވާލަދޭ ނާރެހެއްގެ ގޮތުގައި ގަން އިންޓަނޭޝަލް އެއާޕޯޓް ތަރައްގީކޮށްދޭނެ އުންމީދީ މަޝްރޫއެއްގެ ގޮތުގައެވެ.
އައްޑޫ ސިޓީގައި އިގުތިސޯދީ ހަބެއް ގާއިމުކުރުމަށް ރައީސް ސޯލިހު ގެންގުޅުއްވާ ސިޔާސަތުތައް ތަންފީޒުވެގެން ދިޔުމުގައި އެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު މުހިންމު ދައުރެއް އަދާ ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.