ads
އެމެޒޯނުގެ ކޭޝިއަލެސް ފިހާރައެއް: ރާއްޖޭގައި މި ފަދަ ފިހާރައެއް ހުޅުވުމަށް އެސްޓީއޯ އިން ދަނީ ތައްޔާރުވަމުން - ފޮޓޯ:އެމެޒޯން
އެސްޓީއޯ ހުޅުމާލެ ފިހާރަ: ކޭޝިއަރުންނާއި ސޭލްސްމަނުން ނުތިބޭނެ
ހުޅުމާލޭގައި އެސްޓީއޯ އިން ހިންގަމުން އަންނަ ފިހާރަ މަރާމާތަށް ފަހު މި ފެށޭ މަހު އަލުން ހުޅުވާނީ، ކޭޝިއަލެސް ނުވަތަ ކޭޝިއަރުން ނުތިބޭ ފިހާރައެއްގެ ގޮތުގައި ކަމަށް އެ ކުންފުނިން ބުނެފިއެވެ.
Advertisement

އެސްޓީއޯގެ ހުޅުމާލޭ ފިހާރަ މަރާމާތުކުރުމަށް ބަންދުކުރީ މިިދިޔަ މަހު އެވެ. އެ ފިހާރަ މަރާމާތުކުރުމުގެ މަސައްކަތްތައް އެސްޓީއޯގެ ފަރާތުން ކުރަމުން ގެންދާއިރު، އެ ކުންފުނިން ބުނެފައި ވަނީ މަރާމާތަށް ފަހު އެ ފިހާރަ އަލުން ހުޅުވާނީ 'ގުރޭބް އެންޑު ގޯ' ކޮންސެޕްޓު ފިހާރައެއްގެ ގޮތުގައި ކަމަށެވެ.

"ކަސްޓަމަރު ހަމަ ފިހާރައަށް ވަދެފައި ބޭނުންވާ އެއްޗެއް ހިފައިގެން ދާންވީ، ޗެކްއައުޓު ޕުރޮސެސް އެއް ނޯންނާނެ. ހަމަ ގުރޭބް އެންޑު ގޯ ކޮންސެޕްޓު އޮންނާނީ،" އެސްޓީއޯގެ ޗީފް އިންފޮމޭޝަން އޮފިސަރު އިސްމާއިލް މިފްރާހު ވިދާޅުވިއެވެ.

އާޓިފިޝަލް އިންޓެލިޖެންސް ވިޝަން ބޭނުންކޮށްގެން ހިންގާ އެ ފިހާރައިގައި ކޭޝިއަރުންނާއި ސޭލްސްމަނުންނެއް ނުތިބޭނެއެވެ. 

  • ފިހާރައިގައި ކަސްޓަމަރުން ހޭދަކުރަންޖެހޭ ވަގުތު ކުޑަކޮށްދޭނެ
  • ފައިސާގެ މުއާމަލާތްތައް ކުރުމުގައި އަރާ އޮޅުންތައް އެއްކޮށް ނައްތާލާނެ
  • ފިހާރައިން ވިޔަފާރީގެ ހުރިހާ މުއާމަލާތެއް ވެސް ކުރާނީ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް
  • އެޕުގައި އެމީހެއްގެ ބޭންކު ކާޑު ރެޖިސްޓަ ކޮށްފައި ލޮގިންއެއް ހެދުމުން ފިހާރައިން ވިޔަފާރި ކުރެވޭނެ

މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފިހާރަތަކުގައި ބޭނުންކުރަމުން އަންނަ ޓެކްނޮލޮޖީ އަކަށްވާއިރު، ރާއްޖެއަށް މުޅިން އަލަށް ތައާރަފު ކުރާ މި ޓެކްނޮލޮޖީ އާ ގުޅޭގޮތުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވި ގޮތުގައި ރާއްޖެއަށް އާ ޓެކްނޮލޮޖީ ތައާރަފު ކުރުމާއި އެކަމަށް އިންވެސްޓް ކުރުމަކީ އެސްޓީއޯގެ މުހިންމު އަމާޒެއް ކަމުގައެވެ. އަމްރު ވިދާޅުވީ މި ފެށޭ މަހު އެ ފިހާރަ ހުޅުމާލޭގައި ހުޅުވޭނެ ކަމަށެވެ.

your imageދުނިޔޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 3،000 އަށް ވުރެ ގިނަ ކޭޝިއަ-ލެސް ފިހާރަ ދަނީ ހިންގަމުން - ފޮޓޯ:އެމެޒޯން

މިފްރާހު ވިދާޅުވީ ފިހާރައަށް ވަންނަ ދޮރުގައި އިންނަ ކިއުއާރު ކޯޑު ސްކޭން ކޮށްލީމަ ދޮރު ހުޅުވޭނެ ކަމަށާއި ފިހާރައިން ބޭނުންވާ އެއްޗެހި ނަގައިގެން ނިކުންނަތާ ސިކުންތު ކޮޅެއްގެ ތެރޭގައި އެޕުގައި އިންޓަގުރޭޓުކޮށްފައި އިންނަ ކާޑުން ފައިސާ ކެނޑޭނެ ކަމަށެވެ.

  • އެ މުއާމަލާތް ކުރުމަށް ބޭނުން ކުރަނީ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގައި ހުންނަ "ޓޯކަނައިޒޭޝަން" ކިޔާ ފީޗާއެއް
  • އެ ފީޗާއަކީ ޕާސްވޯޑެއް ޖެހުމަކާ ނުލާ ފައިސާގެ މުއާމަލާތްތައް ކާޑުން ކުރެވޭ ރައްކާތެރި ފީޗާ އެއް
  • ރާއްޖޭގައި އެ ފީޗާ މެދުވެރިކޮށް ހިދުމަތް ހޯދޭނީ ހަމައެކަނި ބީއެމްއެލްގެ ކާޑުތަކުން

އެސްޓީއޯގެ މި ފިހާރައިން ލިބެން ހުންނާނީ ހަމައެކަނި އެ ކުންފުނިން އެތެރެކޮށް ވިއްކާ އުފެއްދުންތައް ނޫން ކަމަށާއި އެ ފިހާރައިން އާންމު ކުދި ވިޔަފާރިތަކުގެ އުފެއްދުންތައް ވެސް ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

"ފިހާރައިން މީހަކު އެއްޗެއް ގަންނައިރަށް އަންނާނެ ވެންޑާއަށް އެޕްލިކޭޝަނުން ނޯޓިފިކޭޝަނެއް. އެނގޭނެ މިހާރު ފިހާރައިގައި ހުރީ ތިމަންނަމެންގެ ކިހާ މުދަލެއްކަން، ރީސްޓޮކް ކުރަންވީ ކޮންއިރަކު ކަން،" އެ ފިހާރައިގައި ހުންނަ އޭއައި ކެމެރާތަކުން ފިހާރައިގެ ސްޓޮކު ބެލެހެއްޓުމުގެ ގާބިލުކަން ވެސް ލިބިފައިވާކަން ފާހަގަކޮށް މިފްރާހު ވިދާޅުވިއެވެ.

2016 ވަނަ އަހަރު ތައާރަފުކުރެވުނު މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 3،000 އަށް ވުރެ ގިނަ ކޭޝިއަ-ލެސް ފިހާރަ ދަނީ ހިންގަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް