
އެކަން ހާމަކޮށްފައިވަނީ އެ ކުންފުނީގެ މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ ރިޕޯޓުގައެވެ. އެ ރިޕޯޓު ވަނީ އެ ކުންފުނީގެ ވެބްސައިޓުގައި މިއަދު އާންމު ކޮށްފައެވެ.
ރިޕޯޓުން ފާހަގަކުރެވޭ ގޮތުގައި:
- މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 4.6 ބިލިއަން ރުފިޔާ
- މިއީ އަހަރުގެ ތިންވަނަ ކުއާޓަރުގައިވެސް ލިބުނު އަދަދު
- ތިންވަނަ ކުއާޓަރުގައި އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި ލިބިފައިވަނީ 255 މިލިއަން
- ޓެކްސްއަށް ކެނޑުމަށްފަހު، ފައިދާގެ ގޮތުގައި ލިބިފައިވަނީ 168 މިލިއަން ރުފިޔާ
- ހަތަރުވަނަ ކުއާޓަރުގައި އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި 368 މިލިއަން ރުފިޔާ ލިބިފައިވޭ
- ޓެކްސްއަށް ކެނޑުމަށްފަހު، ފައިދާގެ ގޮތުގައި 269 މިލިއަން ރުފިޔާ ލިބުނު
- މިއީ ތިންވަނަ ކުއާޓަރުގައި ލިބުނު އަދަދާ އަޅާބަލާއިރު، 101 މިލިއަން ރުފިޔާގެ އިތުރުވުމެއް
ކުއާޓަރުގެ ހިސާބުތަކާ އެކު، އެސްޓީއޯއިން ވަނީ އޮޑިޓް ނުކުރާ 2022 ވަނަ އަހަރުގެ ހިސާބުތައްވެސް ހާމަކޮށްފައެވެ. އެގޮތުން، 2022 ވަނަ އަހަރު އެ ކުންފުނިން ވަނީ ރެކޯޑު އަދަދަކަށް އާމްދަނީ އަދި ފައިދާ ހާސިލުކޮށްފައެވެ.
- 2021 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 10.2 ބިލިއަން ރުފިޔާ
- ނިމިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ ލިބިފައިވޭ
- މިއީ 2021 ވަނަ އަހަރާއި އަޅާބަލާއިރު 79 އިންސައްތައިގެ ކުރިއެރުމެއް
އެ ކުންފުނިން ބުނި ގޮތުގައި މުޅި އަހަރުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނީގެ ހުރިހާ ވިޔަފާރިތައްވެސް ކުރިއަރާ، އާމްދަނީ އިތުރުވެފައިވުން ކަމުގައެވެ.
- 2021 ވަނަ އަހަރު ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.5 ބިލިއަން ރުފިޔާ
- ނިމިދިޔަ އަހަރު ޖުމްލަ ފައިދާގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ލިބިފައިވޭ
- މިއީ 2021 ވަނަ އަހަރާއި އަޅާބަލާއިރު 41 އިންސައްތައިގެ ކުރިއެރުމެއް
އެސްޓީއޯ އިން އާންމުކޮށްފައިވާ ރިޕޯޓުން އެންމެ ފާހަގަކުރެވުނު ކަމަކީ އެ ކުންފުނީގެ އޮޕަރޭޓިން ޕްރޮފިޓް ތާރީހުގައިވެސް އިތުރުނުވާ މިންވަރަށް އިތުރުވެފައިވުމެވެ. އެ ގޮތުން،
- 2022 ވަނަ އަހަރު އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ލިބިފައިވޭ
- 2021 ވަނަ އަހަރު އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި ލިބިފައިވަނީ 643 މިލިއަން ރުފިޔާ
- މިއީ އެ ކުންފުނީގެ ތާރީހުގައިވެސް އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ހާސިލުކުރި ފުރަތަމަ ފަހަރު
ހަމަ އެ އާއެކު، ޓެކުހަށް ކެނޑުމަށްފަހު އެ ކުންފުނިން ވަނީ ސާފު ފައިދާއިން އާ ރެކޯޑެއް ގާއިމުކޮށްފައެވެ.
- 2021 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 487 މިލިއަން ރުފިޔާ
- ނިމިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 742 މިލިއަން ރުފިޔާ ލިބިފައިވޭ
- މިއީ 2021 ވަނަ އަހަރާއި އަޅާބަލާއިރު 52 އިންސައްތައިގެ ކުރިއެރުމެއް
އެސްޓީއޯ އިން އާންމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު ފާހަގަކުރެވިފައިވަނީ ވޭތުވެދިޔަ އަހަރަކީ އެ ކުންފުނީގެ ތާރީހުގައި އެންމެ ކާމިޔާބު އަހަރު ކަމުގައެވެ.