ރިޝްވަތުގެ މައްސަލައަކާ މަނީ ލޯންޑްރިންގެ މައްސަލައެއްގެ ކުށް ސާބިތުވެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލާން ހުކުމް ކުރީ، މިދިޔަ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެ މައްސަލަ މި ނިމުނު ހަފްތާ ތެރޭ އިސްތިއުނާފު ކުރާނެ ކަމަށް ރައީސް ޔާމީންގެ ލީގަލް ޓީމުން ބުނި ނަމަވެސް އެ މައްސަލަ އިސްތިއުނާފު ކޮށްފައިވާ ކަމަކަށް ހައިކޯޓުގެ ރަޖިސްޓްރީއަކުން ނުދައްކައެވެ.
އިސްތިއުނާފުގެ މަރުހަލާއަކީ ގާނޫނީ ގިނަ ބަހުސްތަކެއް ކުރެވޭނެ މަރުހަލާއެކެވެ. އެކަމަށް ގިނަ ވަގުތުތަކެއް ނަގާނެއެވެ. ހައިކޯޓަށް މައްސަލަ ހުށަހެޅުމުން، މައްސަލަ ރަޖިސްޓްރީ ކުރުމަށް ނަގާ ވަގުތާއި، މައްސަލައިގެ އަޑު އެހުންތަކުގައި މައްސަލަ ހުށަހެޅުމާއި މައްސަލައަށް ޖަވާބުދާރީވުމާ، އަދި މައްސަލަ ދިރާސާ ކުރުމުގެ ވަގުތެވެ. މިކަމަށް ގިނަ ވަގުތުތަކެއް ނަގާއިރު، ރިޔާސީ އިންތިހާބުގެ ތާރީހު އެއޮތީ އިއުލާންކޮށްފައެވެ.
ޕީޕީއެމްގެ ބައެއް އާއްމު މެންބަރުންނާއި ލީޑަޝިޕްގެ ބައެއް މީހުންވެސް ދެކެނީ އިސްތިއުނާފު ލަސްވުމަކީ ރިޔާސީ އިންތިހާބުގެ ފުރުސަތު ޔާމީނަށް ގެއްލުމަށް މެދުވެރިވެދާނެ ސަބަބަކަށްވެދާނެ ކަމަށެވެ.
ޕީޕީއެމްގެ އިސް މެންބަރަކު ނަން ހާމަ ނުކުރާ ގޮތަށް ވިދާޅުވީ، ޔާމީންގެ ލީގަލް ޓީމުން މައްސަލަ އިސްތިއުނާފު ނުކޮށް ލަސް ކުރަމުންދަނީ ކީއްވެގެން ކަމެއް ސާފު ނުވާ ކަމަށެވެ.
މިދިޔަ ހަފްތާގައި އިސްތިއުނާފު ކުރާނެ ކަމަށް ލީގަލް ޓީމުން ބުނި ނަމަވެސް މައްސަލަ އިސްތިއުނާފު ނުކޮށް ލަސްވެގެންދާ ކޮންމެ ދުވަހަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޔާމީނަށް ފުރުސަތު ހަނިވާނެ ދުވަހެއް ކަމަށް ޕީޕީއެމްގެ އިސް އެ މެންބަރު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ އިސްތިއުނާފު، ލީގަލް ޓީމުން ގަސްތުގައި ލަސްކުރަނީ ކަމަށް ގަބޫލު ކުރާކަށް އެކަމަކު އެ މެންބަރު ބޭނުމެއް ނުވެއެވެ. އިސްތިއުނާފު ގަސްތުގައި ލަސް ނުކުރިނަމަވެސް ލަސްވާ ސަބަބާ މެދު ސުވާލު އުފެއްދުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާވެސް އެއްބަސްވެވަޑައިގަތެވެ.
ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމް އިސްތިއުނާ ކުރުމަށް މި ނިމުނު ހަފްތާގައި ހުށަހަޅާނެ ކަމަށް ރައީސް ޔާމީންގެ ލީގަލް ޓީމް ލީޑު ކުރައްވާ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ކުރީ ހަފްތާ ގައެވެ.
އެ ދުވަހު ޖަމީލް ވިދާޅުވީ ކްރިމިނަލް ކޯޓުން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ލިބުން އިރު އެހެން ރިޕޯޓްތަކުން ނުފެންނަ އާދަޔާ ހިލާފު ކަންތައްތަކެއްވެސް ހުރިކަމަށެވެ.
ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގެ ސަބަބުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ދޮރު ޔާމީނަށްވަނީ މި ވަގުތަށް ބަންދުވެފައެވެ. މި ދޮރު ހުޅުވެން އަންނަނީ އިސްތިއުނާފުގެ ތެރެއިންނެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވުމުގެ ކުރިން ހައިކޯޓުން މި މައްސަލަ ބާތިލު ނުކޮށްފިނަމަ ރިޔާސީ އިންތިހާބުގައި ޔާމީނަކަށް ވާދައެއް ނުކުރެވޭއެނެވެ.
ހައިކޯޓުގައި އާއްމުކޮށް މައްސަލައެއް ހިންގުމަށް ހޭދަވާ މުއްދަތަށް ބަލާއިރު އަދި ކުރިން ޔާމީންގެ މައްސަލަ ހައިކޯޓުގައި ކުރިއަށް ދިޔަ މުއްދަތަށް ބަލާއިރު މި މައްސަލަ އިންތިހާބުގެ ކުރިން ނިމިދާނެތޯ ސުވާލު އުފެދެއެވެ.
ހަގީގަތުގައި ރައީސް ޔާމީނާ ނުލާ ރިޔާސީ އިންތިހާބަށް ތައްޔާރުވާން ޕީޕީއެމްގެ ބައެއް މެންބަރުން ބޭނުންވެއެވެ. އެކަމަކު މަސްލަހަތަށްޓަކައި އެ ވާހަކަ ނުދައްކަނީއެވެ. ޕީޕީއެމްގެ ތެރޭގައި ރިޔާސީ ޓިކެޓަށް އުއްމީދުކޮށްގެން ތިބި މީހުން އެބަތިއްބެވެ. އަދި ވަކިވަކި ލޮބީ ގްރޫޕުތައްވެސް އުފެދިފައި އެބައޮތެވެ. ޖަލު ހުކުމުގެ ކުރިން ރައީސް ޔާމީންވަނީ އެ ވާހަކަ ވިދާޅުވެފައެވެ.
ޖަލު ހުކުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ޕީޕީއެމްގެ އިސް މެންބަރުންނާއެކު ރައީސް ޔާމީން ބޭއްވި ބައްދަލުވުމެއްހައި އެ ވާހަކަ ދެއްކެވިކަން ކުރިން ވާހަކަ ދެއްކެވި މެންބަރު ކަށަވަރުކޮށްދެއްވިއެވެ.
"ޔާމީނަށް އެނގިވަޑައިގަންނަވާ ކުރިންވެސް އެ މަނިކުފާނަށް ޖަލު ހުކުމެއް އަންނާނެކަން. އެހެންވެ ޔާމީން ކުރިން ވިދާޅުވީ އެ މަނިކުފާނު ޖަލަށް ލިޔަސް ރިޔާސީ އިންތިހާބުގެ ޓިކެޓާ އެންމެން ހިފައި ނުގަތުމަށް. ވިދާޅުވީ އެ މަނިކުފާނު ލުޔެއް ލިބެން ހުރި ހުރިހާ ކަމެއް ކޮށްދެއްވުމަށް. އަދި ވަރަށް ޔަގީން ކަމާއެކު ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ އެ މަނިކުފާނު ކަމަށާއި އެނބުރި ވަޑައިގަންނަވާނެ ކަމަށް. ވިދާޅުވީ މިއީ އަދި ނިހާއީ ހުކުމެއް ނޫން ކަމަށާ ރިޔާސީ ކެންޑިޑޭޓަކީ އަދިވެސް އެމަނިކުފާނުކަމަށް"