
ވެމްކޯ ޗެމްޕިއަންކަން ހޯދީ، ހުކުރު ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގައި ތިން ސެޓު އެއް ސެޓުން ކްލަބް ވޮލީބޯލް ބަލިކޮށްގެނެވެ. މިއީ ވެމްކޯއިން އަންހެން ގައުމީ ވޮލީ މުބާރާތް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.
ފައިނަލުގައި ވެމްކޯ މޮޅުވިއިރު، ފައިނަލުގައި ނުކުތް ނަތީޖާއިން ލީގު ބުރުގައި ވެމްކީވަނީ ކްލަބު ވޮލީބޯލް އަތުން ބަލިވެފައެވެ. ފުރަތަމަ ފަހަރަށް ވެމްކޯ އަންހެން ޓީމުން ގައުމީ ތަށި ހޯދިއިރު މިއީ އެ ޓީމުން ކުޅުނު ދެ ވަނަ ގައުމީ ފައިނަލް އެވެ.
ކުރިން ފައިނަލުގައި ކުޅުނީ 2019 ވަނަ އަހަރުއެވެ، އެފަހަރު ފައިނަލުގައި ޕޮލިސް ކްލަބު އަތުން ބަލިވީއެވެ. ހުކުރު ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގެ ސެޓުތައް ދިޔައީ 25-11، 22-25، 25-19 އަދި 25-14 އިންނެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމާއި މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ޕްރަތީބާ އެވެ. ގައުމީ މުބާރާތުގެ އަންހެން ޑިވިޝަންގެ ޑްރީމް ޓީމުގައި ހިމެނެނީ ވެމްކޯގެ މާޖިދާ، އަރީޝާ، ޖޫޒާން އަދި ރިޔާޝާގެ އިތުރުން ކްލަބް ވޮލީބޯލްގެ ޝާނިޔާ، ނަރީމާ އިދުރީސް (ނަންނި) އަދި ފައިހާ އެވެ.
މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ކްލަބް ވޮލީބޯލްގެ ފާތިމަތު ލިވާ ހުސެއިން ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ވެމްކޯގެ މާޖިދާ އެވެ. އެންމެ މޮޅު ކޯޗަކީ ވެމްކޯގެ އައިޝަތު ނާޒިމާ އެވެ.