
ކުރިން ރިއާލް މެޑްރިޑާ ޓޮޓެންހަމަށް ކުޅުނު ބޭލް، އަންނަ ބުރާސްފަތި ދުވަހު ފަށާ އޭޓީއެންޓީ ޕެބުލް ބީޗް ގޮލްފް މުބާރާތުގައި ވާދަކުރާނޭކަންވަނީ އިއުލާންކޮށްފައެވެ. މި މުބާރާތުގައި ޕްރޮފެޝަނަލް ގޮލްފް ކުޅުންތެރިންގެ އިތުރުން ބައެއް ސެލެބްރިޓީންވެސް ވާދަކުރާނެއެވެ.
އެމެރިކާގެ ކެލިފޯނިއާގައި ހަތަރު ދުވަހަށް ކުރިއަށްދާ މި މުބާރާތަކީ ނުވަ މިލިއަން ޑޮލަރުގެ އަގުހުރި މުބާރާތެކެވެ. ގޮލްފަކީ އާއްމު ގޮތެއްގައި މުއްސަނދިންގެ ކުޅިވަރެއްގެ ގޮތުގައި އޮންނަނީ ބެލެވިފައެވެ. ބޭލް އާއެކު މި މުބާރާތުގައި މަޝްހޫރު ގޮލްފް ކުޅުންތެރިންކަމަށްވާ، އިނގިރޭސިވިލާތުގެ ފިޒްޕެޓްރިކް އާއި ދުނިޔޭގެ ރޭންކިންގެ ފަސް ވަނައިގަ މިވަގުތު ހުރި އެމެރިކާގެ ޕެޓްރިކް ކޭންޓްލޭ ބައިވެރިވެއެވެ.
އުމުރުން އެންމެ 33 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލިކަން ބޭލް އިއުލާން ކުރީ މީގެ ތިން ހަފުތާއެއްހާ ދުވަސްކުރިންނެވެ. ބޭލް ކުޅުން ހުއްޓާލީ އެންމެ މަތީ ފެންވަރުގައި 17 ސީޒަން ކުޅުމަށް ފަހުއެވެ. ބޭލްގެ ކެރިއަރު ފެށީ ސައުތެމްޓަނަށް 1998 ވަނަ އަހަރުއެވެ. 2007 ވަނަ އަހަރު އޭނާ ޓޮޓެންހަމަށް ބަދަލު ވުމަށް ފަހު، ޓޮޓެންހަމަށް ކުޅެމުން ބޭލް ވަނީ ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.
ޓޮޓެންހަމުން ދެން ބޭލް ބަދަލުވީ ރިއާލް މެޑްރިޑަށެވެ. ރެއާލްގައި ބޭލް ވަނީ 16 ތަށި ހޯދައިފަ އެވެ. އޭގެ ތެރޭގައި، ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމާއި ތިން ފަހަރު، ސްޕެނިޝް ލީގު ހޯދުމާއި ތިން ފަހަރު ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކުރުން ހިމެނެ އެވެ. ކުޅުން ހުއްޓާލިއިރު ބޭލް އަކީ ވޭލްސް އަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާވެސް މެއެވެ.