ޕްރައިމީ އިންތިޒާމް ކުރުމަށް ކަނޑައެޅި ފަސް މެމްބަރުން ހިމެނޭ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަގުވޯޓާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެ ކޮމިޓީގެ މުގައްރަރު، އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ، އިއްޔެގެ ޕްރައިމަރީގައި ވަގު ވޯޓު އެޅުމާއި، ޑަބަލް ވޯޓިންފަދަ ކަމެއް ހިނގާފައިވާ ކަމަށް މިހާތަނަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
ޑަބަލް ވޯޓިން ޕްރައިމަރީތެރޭ ކުރިއަށް ގެންދާނެކަމުގެ ޝަކުވާތައް ރައީސް ނަޝީދުގެ ފަރާތްޕުޅުން ފާހަގަކުރެއްވުމުންވެސް އެކަން ބަލާފައިވާނެ ކަމަށާއި، މިހާތަނަށް އެފަދަ ކަމެއް ފާހަގަކުރެވިފައި ނުވާކަމަށް އިބުރޭ ވިދާޅުވި އެވެ.
އިންތިހާބު ގަވާއިދު ބުނާގޮތުން އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކުރާ ހިސާބުން ފެށިގެން 48 ގަޑިއިރުގެ މުހުލަތެއް ޝަކުވާ ހުށަހެޅުމަށް ލިބެއެވެ. އިބުރޭ ވިދާޅުވީ، އެ މުއްދަތުގައި އަންނަ ޝަކުވާތައް ބެލުމަށްފަހު އިތުރަށް ކަމެއް ފާހަގަވާނަމަ ހާމަ ކުރާނެ ކަމަށާއި، މިހާތަނަށް ހުށަހަޅާފައިވާ ޝަކުވާތަކަށް ބަލާއިރު ޑަބަލް ވޯޓިންވެސް އަދި ވަގު ވޯޓު އެޅިކަންވެސް ފާހަގަކުރެވެން ނެތް ކަމަށެވެ.
މި ޕްރައިމަރީގައި އެންމެ ބޮޑަށް އައި އެއް ޝަކުވާއަކީ ނަން ނެތް މީހުން ވޯޓު އެޅުމުގެ ޝަކުވާ އެވެ. އެކަން އެހެންވަނީ، ދެ ކެންޑިޑޭޓުންގެ މަންދޫބުންގެ އަތުގައި އޮތް ވޯޓާސް ލިސްޓުގައި ހުރި އޮޅުންތަކެއްގެ ސަބަބުން ކަމަށް އިއްޔެވެސް އެ ކޮމިޓީން ބުންޏެވެ. އަދި މިހާރު އިއުލާންކޮށްފައިވާ ވަގުތީ ނަތީޖާ ރައީސް ނަޝީދުގެ ފަރާތުން ގަބޫލުނުކުރައްވާކަން ފާހަގަކޮށްފައިވަނީ، އާދަޔާ ހިލާފަށް ގިނައިން އެއްވޯޓު ފޮއްޓަށް ވޯޓު އަޅާފައިވާކަން ވޯޓާސް ޝީޓުތަކުން ދައްކާތީ ބުނެ އެވެ.
އެކަމާއި ގުޅިގެން އެ ކޮމިޓީން މިއަދު ބުނީ ވޯޓާސް ޝީޓުގައި ފާހަގަކޮށްފައިވާ ވޯޓުލިބުމުގެ ހައްގުލިބޭ މީހުންގެ އިތުރަށް ސައްހަ ވޯޓު ގުނާފައިވަނީ، އަމިއްލަ ރަށުގައި ހުންނަ ވޯޓު ފޮއްޓަށް ނުވަތަ މާލޭގައި ހުންްނަ އެ ރަށަކަށް ހާއްސަ ފޮއްޓަކަށް ވޯޓުލުމުގެ ފުރުސަތު މި ޕްރައިމަރީގައި ދީފައިވާތީ ކަމަށެވެ.
ވޯޓާސް ލިސްޓު ތައްޔާރުކޮށްފައިވަނީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އެމްޑީޕީ ޗެއަޕާސަން އިންތިހާބުގައި ވޯޓުލީ މީހުންގެ ވޯޓާސް ލިސްޓަށް ބަލާފައި ކަމަށް ކޮމިޓީން ބުންޏެވެ.
އަދި އެމީހުން ވޯޓުލާނެ ތަން ކަނޑައަޅާފައިވަނީ އެ ލިސްޓަށް ބަލައި ނަމަވެސް އޭގެ ތެރެއިން ރަށުގެ ތިބި މީހުންގެ އަދަދާއި މާލޭގައި ތިބި މީހުންގެ އަދަދު ޔަގީންކުރެވެން ނޯންނާތީ މިފަހަރުގެ ވޯޓު ކަރުދާސް ޗާޕުކުރީ ވޯޓުލުމުގެ ހައްގުލިބޭ އެންމެންގެ އަދަދަށް ކަމަށް ފާހަގަކުރި އެވެ.
އެހެންކަމުން އެ އަދަދު ގިނަވެފައިި ހުރުން އެކަށީގެންވާ ކަމަށާއި، އެކަމަކު ވޯޓު ލުމުގެ ފުރުސަތު ދީފައިވާނީ ވޯޓާސް ލިސްޓުގައި ނަން އޮތް ފަރާތްތަކަށް ކަމުގެ ޔަގީންކަން އެ ކޮމިޓީން މިއަދު ދިނެވެ.