ads
ޕްރައިމަރީން ލިބުނު ކާމިޔާބީއަށްފަހު އުފާ ފާޅުކުރަނީ---ފޮޓޯ:ދައުރު
ރައީސް ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރާނީ އަންނަ މަހު
އިއްޔެބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޮޑުތަފާތަކުން ކާމިޔާބު ކުރައްވާ އެމްޑީޕީގެ ރިޔާސީ ޓިކެޓު ކަށަވަރުކުރެއްވި އެ ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޓިކެޓު ހަވާލުކުރާނީ އަންނަ މަހުގެ މެދުތެރޭގައި ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) މިއަދު ވިދާޅުވި ގޮތުގައި، ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ ފަސް ދުވަސްތެރޭ އިއުލާންކުރުމަށްފަހު، ރައީސް ސޯލިހަށް ރަސްމީކޮށް ޓިކެޓު ހަވާލު ކުރުން އޮންނާނީ އަންނަ މަހުގެ މެދުތެރޭގަ އެވެ. ސީދާ ތާރީހެއް މިއަދު ވިދާޅެއް ނުވެ އެވެ. 

އިއްޔެ ބޭއްވި އެ ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ، 61 އިންސައްތައިގެ ކުރިއެރުމަކާއިއެކު ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވެ. މިހާރު އިއުލާންކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ރައީސް ސޯލިހަށް 24،566 ވޯޓު ލިބިވަޑައިގެންފައިވެއެވެ. އަދި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 15،641 ވޯޓެވެ. އެއީ ޖުމްލަ ވޯޓުގެ 38.90 އިންސައްތަ އެވެ. 

ޖުމްލަ 57،255 އެމްޑީޕީ މެމްބަރުންނަށް ވޯޓު ލުމުގެ ހައްގު ލިބުނު މި ޕްރައިމަރީގައި ވޯޓުލާފައިވަނީ، 40،887 މެމްބަރުން ނެވެ. އެއީ ޖުމްލަ ވޯޓު ހައްގުވާ މެމްބަރުންގެ 71.44 އިންސައްތަ އެވެ. މިއީ އެޕާޓީގެ އެތެރޭގެ އިންތިހާބެއްގައި އެންމެ ގިނައިން މެމްބަރުން ވޯޓުގައި ބައިވެރިވި ފަހަރުވެސް މެއެވެ. 

މިވަގުތު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ޓިކެޓު ލިބިފައިވަޑައިގަންފައިވަނީ ރައީސް ސޯލިހްގެ އިތުރުން އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އަދި، އިދިކޮޅު ޕީޕީއެމްގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަށެވެ. އެކަމަކު ރައީސް ޔާމީން މިވަގުތު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ކަމުން އެމަނިކުފާނުގެ ކެންޑިޑެސީ އާއިމެދު ވަނީ ސުވާލު އުފެދިފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް