މިގޮތުން 'މައި މޮޑާން މެޓް' ގައި ބުނެފައިވާގޮތުން މި މަހަކީ އުފަންވާއިރު އަންހެން މަހެއްގެ ގޮތުގައި ހުރުމަށް ފަހު އުމުރުން ދުވަސް ވުމުން ފިރިހެން މަހަކަށް ވާ މަހެއް ކަމަށެވެ. ޖިންސު ބަދަލުވާވަރަކަށް މަހުގެ ކުލަތަަކަށް ވެސް ބަދަލު އަންނަކަމަށް ސައިންސުވެރިން ބުނެއެވެ.
މި މަހަށް ސައިންސުވެރިން ނަން ދީފައިވަނީ ވެސް ދިވެހިރާއްޖޭގެ ގައުމީ މައު ފިނިފެންމަލުގެ ނަމުންނެވެ.
މި މަހަކީ ވަކި އާއިލާއެއްގެ މަހެއްގެ ގޮތުގައި ބަލައިގަނެފައިވަނީ 2022 ވަނަ އަަހަރު މި މަސް ދިވެހިރާއްޖެއިން ފެނުމުންނެވެ.
މި މަހަށް ނަން ކިޔާފައިވަނީ ދިވެހި ސައިންސުވެރިއެކެވެ. އެއީ މެރިން ރިސާޗު އިންސްޓިޓިއުޓުގެ އަހުމަދު ނަޖީބެވެ. މިއީ ދިވެހި ސައިންސުވެރިއެއް މަހަކަށް ނަންކީ ފުރަތަމަ ފަހަރެެވެ.
މިމަސް ދިރިއުޅެނީ އިންޑިއާ ކަނޑުގެ 130-230 ފޫޓު އަޑީގައެވެ. އެ ހިސާބަށް ޑައިވަރުން ދާންޖެހީ ހާއްސަ ގިޔަރުތަކެއް ބޭނުންކޮށްގެނެވެ.
މި މަހަކީ މިހާރު މުޅި ދުނިޔޭގައި ވެސް ވަރަށް މަގުބޫލު މަހެކެވެ. ބައެއް މީހުން ޓޭންކުތަކަށް ލުމަށް ވެސް މި މަސް ވިއްކަމުން ވެސް ގެންދާކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މި މަހަކީ ދުނިޔެއިން ނެތި ދިއުމުގެ ބިރު އޮތް މަހެއް ނޫންކަމަށް ވެސް ސައިންސުވެރިން ބުނެއެވެ.
މީގެ އިތުރުން 2019 ވަނަ އަހަރު ޔީ-ކައި ޓީ ކިޔާ ސައިންސުވެރިއެއް ވަނީ މި އާއިލާގެ އިތުރު މަހެއް ވެސް ހޯދާފައެވެ. އެ މަސް ހޯދާފައިވަނީ ޓެންޒޭނިއާގެ އައްސޭރިންނެވެ. އެ މަހަށް ކިޔާފައިވަނީ "ސިރްހިލަބްރަސް ވަކަންޑާ" އެވެ. ދިވެހި ރާއްޖެއިން ފެންނަ "ސިރްހިލަބްރަސް ފިނިފެންމާ" މަހާ ޓެންޒޭނިއާއިން ފެނުނު މަހާ ކުލަ ވަރަށް ތަފާތެވެ. ނަމަވެސް ދެ މަހަކީވެސް އެއް އާއިލާއަކަށް ނިސްބަތްވާ ތަފާތު ދެ ބާތަކެއްގެ ދެ މަހެވެ.