ads
ރައީސް ނަޝީދު މިއަދު ސަޕޯޓަރުންނާއިއެކު
ރައީސް ނަޝީދު ސަޕޯޓަރުންނާއިއެކު ކާނިވަލުގައި
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީ ރިޔާސީ ޕްރައިމަރީއަށްފަހު ރައީސް މުހައްމަދު ނަޝީދު ފުރަތަމަ ފަހަރަށް ސަޕޯޓަރުންނާއި ބައްދަލުކުރައްވައިފިއެވެ.

ކާނިވާ ސަރަހައްދުގައި ހުންނަ ދޮންމަނިކު ސްކައިވިއުގައި ނަޝީދު ސަޕޯޓަރުންނާއި ބައްދަލުކުރައްވާފައިވަނީ މިއަދު މެންދުރުގެ ފަރިއްކޮޅާއި އެކުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޕްރައިމަރީއާއި ގުޅޭގޮތުން ރައީސް ނަޝީދުވަނީ ސަޕޯޓަރުންނާއި ކޮންމެވެސް ވަރަކަށް މަޝްވަރާވެސް ކުރައްވަފައެވެ.

މިއަދު ސަޕޯޓަރުންނާއި ބައްދަލުކުރެއްވިއިރު ރައީސް ނަޝީދު މިއަދު ވަނީ ޕްރައިމަރީން ބަލިވިކަމަށާއި ނަމަވެސް ރައީސް ސޯލިހްއާއެކު 2023 ނުލިބޭނެކަމަށް ވިދާޅުވެ އެމްޑީޕީގެ ތެރޭގައި "ފިކުރެއްގެ ދިރުން" ގެ ނަމުގައި އާ ސިޔާސީ ހަރަކާތެއް ފައްޓަވާނެކަމަށް ވިދާޅުވެފައެވެ.

ހޮނިހިރު ދުވަހު އޮތް އެމްޑީޕީ ރިޔާސީ ޕްރައިމަރީއަށްފަހު އެއްޗެއް ވިދާޅުނުވެ ހުންނެވުމަށްފަހު، މިއަދު އެމްޑީޕީ ގައުމީ މަޖިލިސް ވަޓްސްއެޕް ގުރޫޕަށް ރައީސް ނަޝީދު ފޮނުއްވި މެސެޖްގައިވެސް ވަނީ ޕްރައިމަރީ ގަޑުބަޑުކުރެއްވިކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އެކަމާއި އެކުވެސް ކުޑަ ތަފާތަކުން ރައީސް ސޯލިހް އިންތިހާބު ކާމިޔާބު ކުރެއްވިކަމަށް ލަފާކުރެވޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އިންތިހާބުގެ އޮޅުވާލުންތައް އެއްކިބާކޮށްފިނަމަ، ރައީސް ސޯލިހްއަށް ލިބުނުކަމަށް ބުނާ ވަރަށް ގިނަ ވޯޓް އުނިވާނެ، އެހެނަސް އަޅުގަނޑު ލަފާކުރަނީ ވޯޓްލީ މީހުންގެ ލިސްޓަށް ބަލައިފި ނަމަ ކުޑަ ފަރަގަކުން ރައީސް ސޯލިހް މޮޅުވެދާނެކަމަށް" ރައީސް ނަޝީދު ފޮނުއްވި މެސެޖްގައި ވިދާޅުވެފައި ވެއެވެ.
ކުޑަ ތަފާތަކުން ރައީސް ސޯލިހްއަށް އިންތިހާބު ކާމިޔަބު ކުރެވުނުކަމަށް ލަފާކުރެވުނު ނަމަވެސް ރައީސް ސޯލިހްއާއިއެކު 2023 ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ނުކުރެވޭނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން އެމްޑީޕީން ދަފްތަރުން އުނިކުރު 29000 މެމްބަރުން އަލުން ޕާޓީއަށް ވައްދައި، "ފިކުރެއްގެ ދިރުން" މިނަމުގައި އެމްޑީޕީގެ ގޮފިތައް އަލުން އެކުލަވާލައި އެމީހުންނާއިއެކު ގޮތެއް ނިންމުމަށް އެދިވަޑައިގަންނަވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

"ފިކުރެއްގެ ދިރުންގެ ފަރާތުން ތާއީދުކުރާ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާނީ ފަހުން. ރިޔާސީ އިންތިހާބުގެ ކުރިއަށް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން އެއްބަސްވާ ކެންޑިޑޭޓަކީ ތާއީދުކުރަން ފަސޭހަވާނެ ކެންޑިޑޭޓެއް" ރައީސް ނަޝީދު ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސް ނަޝީދުގެ މައްޗަށް ރައީސް ސޯލިހް ކުރި ހޯއްދެވީ 61 އިންސައްތަ ވޯޓް ކާމިޔާބު ކުރައްވައިގެންނެވެ. އެއީ 24566 ވޯޓެވެ. 15641 ވޯޓާއިއެކު ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 39 އިންސައްތަ ވޯޓެވެ.

15%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
77%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް