އެސްއެސްނެޓަށް ބްރޯޑްކާސްޓިން ލައިސަންސް،
އެސްއެސްނެޓުގެ ސީއޯއޯ މުހައްމަދު އާސިފް (މޮންދު) ވިދާޅުވެފައިވާ ގޮތުގައި އެސްއެސްނެޓުގެ ހިދުމަތް ފޯރުކޮށްދެނީ ދިރާގުގެ ޒަމާނީ އައިޕީޓީވީ / އޯޓީޓީ ނެޓްވޯކާއި ޕްލެޓްފޯމް މެދުވެރިކޮށް ކަމުގައެވެ.
ދިރާގު ޓީވީގެ ހިދުމަތް ހޯދަމުން ދިޔަ ކަސްޓަމަރުންނަށް އެސްއެސްނެޓަށް ބަދަލުވުމުގެ ފުރުސަތު ހުޅުވާލުމާ އެކު، އެތައް ކަސްޓަމަރުންނެއް އެސްއެސްނެޓަށް ބަދަލުވެ، އެ ނެޓުވޯކުގެ ހިދުމަތް ހޯދަން ފަށާފައިވާ ކަމަށް އެސްއެސްނެޓުން ބުނެއެވެ.
ދިރާގުގެ އައިޕީޓީވީ / އޯޓީޓީ ނެޓްވޯކް މެދުވެރިކޮށް އެސްއެސްނެޓުގެ ހިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް އެސްއެސްނެޓުން ވަނީ ދިރާގާ އެެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އެ އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ އިސްމާއީލް ރަޝީދެވެ. އެސްއެސްނެޓްވޯކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒުލައިހާ މަނިކެވެ.
އެސްއެސްނެޓުގެ ހިދުމަތް ފޯރުކޮށްދޭން ފެށުމާ އެކު ރާއްޖޭގެ ކޭބަލް ޓީވީ ހިދުމަތުގެ ދާއިރާއަށް ބޮޑު ބަދަލެއް އަންނަން ފަށާނެކަން ފާހަގަކުރައްވާ މޮންދު ވިދާޅުވެފައިވަނީ ކޮންޓެންޓުގެ ގޮތުން ރާއްޖެއަށް ބޮޑު ބަދަލުތަކެއް އެސްއެސްނެޓުގެ ފަރާތުން ގެނެސްދޭނެ ކަމަށެވެ.
އެސްއެސްނެޓުގެ ކަސްޓަމަރުންނަށް މުނިފޫހިފިލުވުމުގެ ރަނގަޅު ތަޖުރިބާއެއް ފަހިކޮށްދިނުމަކީ އަމާޒެއް ކަމުގައި މޮންދު ވިދާޅުވެފައިވެއެވެ.