އެމްޓީސީސީން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން އެ ކުންފުނިން އެ ކުއާޓަރުގައި އަށް މަޝްރޫއެއްގެ މަސައްކަތް ނިންމާ، 15 މަޝްރޫއެއްގެ މަސައްކަތް ފަށާފައިވެއެވެ.
ހަތަރުވަނަ ކުއާޓަރުގައި ނިންމި މަޝްރޫއުތަކުގެ ތެރޭގައި ހއ. ހޯރަފުށި އަދި ހދ. ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތާއި ހުރާ ފަޅު ހިއްކުމުގެ މަސައްކަތުގެ އިތުރުން ގއ. ދާންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހިމެނެއެވެ.
އެމްޓީސީސީން އާންމުކުރި މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ ރިޕޯޓުގައިވާ ގޮތުން:
އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު އާމްދަނީ އިތުރުވެފައިވީ ނަމަވެސް، ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު ދަށްވެފައެވެ.
އެމްޓީސީސީގެ ރިޕޯޓުގައި ބުނެފައިވަނީ އެ ކުންފުންޏަށް ނިމިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވެފައިވަނީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުން ދިޔުމާ ގުޅިގެން ތަކެތި ގަތުމަށް ކުރަން ޖެހޭ ހޭދަ އިތުރުވެފައިވުމުގެ ސަބަބުން ކަމަށެވެ.