ޔޯގާ ކަންތަކާ ގުޅިގެން ޓެރަރިޒަމް އަމަލެއް ހިންގަން ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ ދެ ޝޭހުންގެ މައްޗަށް އުފުލާފައިވާއިރު، ކްރިމިނަލް ކޯޓުގައި މިއަދު ވަނީ މި މައްސަލައިގެ ދެވަނަ އަޑުއެހުމެއް ބާއްވާފަ އެވެ.
މިއަދުގެ ޝަރީއަތުގައި ދެ ޝޭހުންގެ ވަކީލް އަލީ ސައީދު އެދިވަޑައިގަތީ މިއީ ވަރަށް ގިނަ ރައްޔިތުންގެ މަސްލަހަތު އޮތް މައްސަލައަކަށް ވާތީ ޝަރީއަތް ލައިވް ކޮށްދިނުމަށެވެ. މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒް ރަޝާދު އެކަމާ ގުޅޭ ގޮތުން ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި އެކަމަށް ގޮތެއް ނިންމަވާނެ ކަމަށެވެ. މިއަދުގެ އަޑުއެހުމުގައި ދައުވާއަށް ޖަވާބުދާރީވެފައެއް ނުވެ އެވެ. އެއީ ދިފާއީ ވަކީލަށް މިއަދު ލިޔެކިޔުންތައް ލިބިފައިވާތީ ދިރާސާ ކުރަން އަދި ވަގުތުކޮޅެއް ބޭނުންވާނެ ކަމަށް ވިދާޅުވެފައި ވާތީ އެވެ.
ޓެރަރިޒަމް އަމަލެއް ހިންގަން ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ ކުށުގެ އަދަބަކީ 10 އަހަރާއި 15 އަހަރަށް ޖަލަށްލުމެވެ. އެހެންކަމުން މި މައްސަލަ ޝޭހުންގެ މައްޗަށް ސާބިތު ވެއްޖެނަމަ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ. މި މައްސަލައިގެ އަޑު އެހުމެއް ދެން އޮންނާނީ އަންނަ މަހުއެވެ. އަންނަ މަހު އޮންނަ އަޑު އެހުމުގައި ދައުވާއަށް ޖަވާބުދާރީވުން އޮންނާނެއެވެ.
ޔޯގާ ދުވަހު ހިންގި ހަމަނުޖެހުމުގައި ދެ އިލްމުވެރިންނާއެކު 18 މީހަކަށް ވަނީ ދައުވާ ކޮށްފަ އެވެ.