މިނިސްޓަރު އަމީރު ސޮއިކުރައްވައި، އިއްޔެ ނެރުނު ސާކިއުލާގައި ވަނީ ކައުންސިލްތައް ފިޔަވައި ދައުލަތުގެ ހުރިހާ އޮފީހަކުން އެ ސާކިއުލާއަށް އަމަލުކުރުމަށް އަންގާފައެވެ. އަދި މިއަަހަރުގެ ބަޖެޓު މިހާރަށް ވުރެ ތަންފީޒުކުރުމަށް ސަރުކާރުގެ ހުރިހާ އޮފީސްތަކުން އަމަލުކުރަންވީ ގޮތް ސާކިއުލާގައި ބަޔާންކޮށްފައި ވެއެވެ.
ސާކިއުލާގައި އަންގާފައިވަނީ:
ސަރުކާރުން މި އަހަރަށް ކަނޑައަޅާފައިވާ 42.8 ބިލިއަން ރުފިޔާ ބަޖެޓުން މި އަހަރުގެ މިހާތަނަށް 1.3 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ.
ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލި، ދައުލަތުގެ ހަރަދުތައްވެސް ދެކޮޅުނުޖެހިދާނެކަމުގެ ބިރުވެރިކަން ބޮޑުވެ، ހަރަދުކުޑަކުރަން ގިނަ ފިޔަވަޅުތަކެއް ސަރުކާރުން މިދިޔަ އަހަރުންސުރެ އަންނަނީ އަޅަމުން ނެވެ. ހަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އަޅަން އަންގައި މިދިޔަ އަހަރުގެ ޖޫން މަސްތެރޭގައި ވެސް ފިނޭންސުން އޮފީސްތަކަށް ސާކިއުލާއެއް ފޮނުވި އެވެ.
އެ ސާކިއުލާގައި ވެސް ބުނެފައިވަނީ ދުނިޔޭގެ ބާޒާރުގައި އިންޓްރެސްޓް ރޭޓު އުފުލެމުންދާ ދަނޑިވަޅުގައި ހަރަދުތައް އިތުރަށް ކޮންޓްރޯލް ނުކޮށްފިނަމަ ޑެފިސިޓް އިތުރުވެގެންދާނެ ކަމަށާއި، އޭރުން ޑެފިސިޓް ފައިނޭންސް ކުރުމަށް ދައުލަތުގެ ބަޖެޓުން އިތުރު ބުރައެއް އުފުލަން ޖެހޭނެ ކަމަށެވެ. އެ ބުރަ އުފުލުމަކީ، އެންމެ ރަނގަޅު ގޮތެއް ކަމަށް ނުފެންނާތީ، ދައުލަތުގެ ހަރަދުތައް ކުޑަކޮށް އިގްތިސާދުކުރުމަށް ބޭނުން ޖެހިފައިވާ ކަމަށް އެ ސާކިއުލާގަ ވެއެވެ.
ދުނިޔޭގެ ބާޒާރުގައި އަގުތައް އިންތިހާއަށް އުފުލިފައިވާކަން ފާހަގަކޮށް، ސާކިއުލާގައި އޮތީ ދައުލަތުގެ ހަރަދުތައް ކުރިން އަދާޒާކުރި މިންވަރަށް ވުރެ ބޮޑުތަނުން އިތުރުވަމުން ދާތީ، ދައުލަތަށް ލިބޭނެ އާމްދަނީ އާއި ކުރަން ޖެހޭ ހަރަދު ދިމާނުވެ، އިތުރު ގޮންޖެހުންތައް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުންވެސް ފާހަގަކޮށްފަ އެވެ.