ads
ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު
ސަބަބުވެރި ވިސްނުމަކުން މާޗު މަހު ރައީސް ޔާމީން މިނިވަންވުން
ޕީޕީއެމް - ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް މިދިޔަ ޑިސެމްބަރު މަހު އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުން މިއަހަރުގެ މާޗު ހިސާބުގައި މިނިވަންވެ ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ މިދިޔަ ހަފްތާގައެވެ.

ޑރ. ޖަމީލް ވިދާޅުވީ، އިސްތިއުނާފީ މަރުހަލާއަކީ މާ ދިގުދެމިގެންދާ މަރުހަލާއެއް ނޫންކަމަށެވެ. އަދި މި އަހަރުގެ މާޗު މަސްތެރޭ އެމަނިކުފާނު މިނިވަންވެ ވަޑައިގަންނަވާނެ ކަމަށް ކުރިން ޖަސްޓިސް މިނިސްޓަރުކަންވެސް ކުރެއްވި ޖަމީލް ވިދާޅުވިއެވެ.

މިހާރު ފެބްރުއަރީ މަސް ފެށިގެން ހަފްތާއެއްވާން ދަނީއެވެ. އަދި ކުޑަ މިނުން ޔާމީންގެ މައްސަލަ އިސްތިއުނާފަށް ހުށަނާޅައެވެ. ފެބްރުއަރީ މަސް ފެށުނު އިރު ހުށަނާޅައި އޮތް މައްސަލައެއް މާޗު މަހު ނިންމައި ޔާމީން މިނިވަންވާނެ ކަމަށް ޑރ. ޖަމީލް ވިދާޅުވުމުން، ނުފޫޒެއް ނެތި އެކަން ވާނެތޯ އެއީ ސުވާލެކެވެ.

މާޗު މަހު ޔާމީން މިނިވަންވާނެ ކަމަށް ގާނޫނީ ޓީމުން ބުނެފައިވާތީ، މީގެ ކުރިން ހައިކޯޓުން ނިންމާފައިވާ ޔާމީންގެ ބައެއް މައްސަލަތަކުގެ ތަފްސީލް ހިއްސާކޮށްލާނަމެވެ. މުޅިންވެސް މި ހިއްސާ ކުރަނީ ޕަބްލިކް ޑޮމެއިންގައި އެންމެންނަށްވެސް ބެލޭނެހެން ހުރި މައުލޫމާތެވެ. ހުރިހާ ރިޕޯޓެއް އެހުރީ ހައިކޯޓުގެ ވެބްސައިޓުން ފެންނާށެވެ. މި ރިޕޯޓް ކިޔާ މީހުންގެ ރިފަރެންސްއަކަށް ހައިޕަލިންކްކޮށް ކޮންމެ މައްސަލައެއްގެ ހުކުމް އެޓޭޗްކޮށްފައިވެސްވާނެއެވެ. 

ބަލާލަން މިއުޅެނީ ކޮންމެހެން ޔާމީން މިނިވަން ވާނެތޯ ނުވަތަ ނޫންތޯއެއްވެސް ނޫނެވެ. އެއީ މި ރިޕޯޓުގެ މައުލޫއެއްވެސް ނޫނެވެ. ހަމަ އެކަނި މުއްދަތުތަކަށް ނަޒަރެކެވެ. 

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ހިފެހެއްޓި މައްސަލަ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ނުވަތަ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅިގެން، 13 ޑިސެމްބަރު 2018 އިން ފެށިގެން 12 މާޗު 2019 ގެ ނިޔަލަށް އަބްދުﷲ ޔާމީންގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓްތައް ފްރީޒް ކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ހައިކޯޓުގައި ރަޖިސްޓްރީކޮށްފައިވަނީ 10 ޖަނަވަރީ 2019 ގައެވެ. މި މައްސަލަ ހައިކޯޓުން ނިންމާފައިވަނީ 31 މާޗު 2019 ގައެވެ.

ކޯޓު އަމުރެއްގެ މި މައްސަލަ ހައިކޯޓުން ނިންމާފައިވަނީ 80 ދުވަހުންނެވެ. 80 ދުވަހަކީ ދެ މަހާއި 21 ދުވަހެވެ.

ހެކިންނަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ރައީސް ޔާމީން ހައްޔަރު ކުރި އަމުރުގެ މައްސަލަ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ނުވަތަ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅިގެން، ފުލުހުން ކުރަމުން ގެންދިޔަ ތަހުގީގުގެ ހެކިންނަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށް ކްރިމިނަލް ކޯޓުން ޔާމީން ބަންދުކުރަން ނެރުނު އަމުރު ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. މި މައްސަލަ ހައިކޯޓުގައި ރަޖިސްޓްރީކޮށްފައިވަނީ 21 ފެބްރުއަރީ 2019 ގައެވެ. މި މައްސަލަ ނިންމައި ހައިކޯޓުން ރައީސް ޔާމީން މިނިވަން ކުރަން އަމުރުކުރީ 28 މާޗު 2019 ގައެވެ. މި މައްސަލަ ނިންމަން ހައިކޯޓުން ނެގި މުއްދަތަކީ 35 ދުވަސް ނުވަތަ 1 މަހާއި 5 ދުވަހެވެ.

އާ ރަށުގެ މައްސަލައިގައި އިއްވި 5 އަހަރުގެ ހުކުމް  

ވ. އާރަށާ ގުޅިގެން މަނީ ލޯންޑްރިންގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ މައްސަލަ ހައިކޯޓަށް ރަޖިސްޓްރީ ކޮށްފައިވަނީ 17 ޑިސެމްބަރު 2019 ގައެވެ. އެ މައްސަލަ ހައިކޯޓުން ނިންމާފައިވަނީ 21 ޖަނަވަރީ 2021 ގައެވެ. މި މައްސަލަ ހައިކޯޓުން ނިމުނީ 401 ދުވަސް ނުވަތަ، 1 އަހަރާއި 1 މަހާއި 4 ދުވަހުންނެވެ. 

ހަގީގަތުގައި މިހާރު ޔާމީން ތަންފީޒު ކުރަމުންދާ ހުކުމުގެ އިސްތިއުނާފު މަރުހަލާ އެންމެ ފަސޭހައިން އަޅާ ކިޔައިލެވޭނެ ހުކުމަކީ މިއެވެ. އަނެއްކާވެސް ފާހަގަކޮށްލަމެވެ. ހުކުމޭ ދެންނެވިޔަސް މި ދައްކަނީ ހައިކޯޓު މަރުހަލާގައި ހިނގާނޭ ކަމަށް ބެލެވޭ މުއްދަތުގެ ވާހަަކައެވެ. 

އިންޑިއާ އައުޓް ބެނާގެ މައްސަލަ 

ރައީސް ޔާމީންގެ ގެކޮޅުގައި އިންޑިއާ އައުޓް ޖަހާފައިވާ ބެނާއަށް ހަރުކުރުމުން ކްރިމިނަލް ކޯޓުން އެ ބެނާ ނެގުމަށް ފުލުހުންނަށް ދިން އަމުރު، ޔާމީންގެ ފަރާތުން ހައިކޯޓުގެ އިސްތިއުނާފު ކުރިއެވެ. މި މައްސަލަ ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފު ކުރުމުން ހައިކޯޓުގައި އެ މައްސަލަ ރަޖިސްޓްރީ ކުރީ 18 މެއި 2022 ގައެވެ. ހައިކޯޓުން އެ މައްސަލަ ނިންމީ 29 މެއި 2022 ގައެވެ. މައްސަލަ ނިންމަން ހައިކޯޓަށް ނެގީ 11 ދުވަހެވެ. 

އިސްވެ މި ފާހަގަ ކުރި މައްސަލަތަކާ ހިލާފަށް މި މައްސަލައަކީ، ގާނޫނުން ވަކި މުއްދަތެއްގެ ތެރޭގައި ނިންމުން ލާޒިމްކޮށްފައިވާ މައްސަލައެކެވެ. 

ގާނޫނުން ވަކި މުއްދަތެއް ކަނޑައަޅާއިވާ މައްސަލަވެސް ހިމެނޭ ގޮތުން ހައިކޯޓުގައި ރައީސް ޔާމީން މި ފަހުން ހުށަހެޅި މައްސަލަތައް ނިންމަން ނެގި މުއްދަތަށް ބަލާއިރު، އެވްރެޖަކީ ހަތަރު މަސް ދުވަހެވެ. އެކި މައްސަލަތައް ބަލަން ނަގާ މުއްދަތު ތަފާތުވުމުން މި ގޮތަށް އެވްރެޖެއް ހަދައިގެން ހަގީގަތުގައި އޭނގެން އެއްވެސް ތާކުން ތާކު ޖެހޭ މާނައެއް ދޭހައެއް ނުވެސްވާނެއެވެ. ދޭހަކޮށްދޭން އުޅެގެންވެސް ނުވާނެއެވެ. 

ދަންނަވަން މިއުޅޭ ވާހަކައަކީ، ނުވަތަ އަސްލު ޕޮއިންޓަކީ އަދި އިސްތިއުނާފަށް ހުށަހަޅާފައިވެސް ނުވާ މައްސަލައެއް މާޗު މަހުގެ ތެރޭގައި ނިމި، ނުގޫޒެއް ނުފޯރުވައި މައްސަލަ ނިންމައި ރައީސް ޔާމީން މިނިވަންވާނެ ކަމަށް ބުނާ ބުނުމަކީ އޭގައި ގާނޫނީ ގޮތުންވެސް އަދި ސަބަބުވެރި އިންސާނެއްގެ ވިސްނުމުންވެސް އެއްވެސް ލޮޖިކަލް ބުރަދަނެއް ހުރި ވާހަކައެއްތޯއެވެ؟

މައްސަލަ ހުށަހެޅުމުގެ ކުރިން ވަކި ގޮތަކަށް ވަކި މުއްދަތެއްގެ ތެރޭގައި މައްސަލަ ނިމޭނެ ކަމަށް ބުނުމަކީ މައްސަލައަށް ނުފޫޒު ފޯރުވުމުގެ އިތުރުން ގާނޫނީ ވަކީލެއްގެ ސުލޫކާ ހިލާފު ކަމެއް ނޫންތޯއެވެ؟

ދެން އޮތީ އަދި މައްސަލަ ނިމޭ ގޮތަކުން ސުޕްރީމް ކޯޓުގެ މަރުހަލާއަށް ނަގާނެ ވަގުތެވެ. އެ ވާހަކަ މި ރިޕޯޓަކު ނުހިމަނާނަމެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް