ads
ކަސެމީރޯއަށް ރަތް ކާޑު ދައްކަނީ
ބޮޑު ފައިޓަކާއެކު ކަސެމީރޯއަށް ދެއްކި ރަތް ކާޑު
މެންޗެސްޓަރ ޔުނައިޓެޑުގެ ސަޕޯޓަރުންގެ މެދުގައި މިހާރު އެންމެ މަގްބޫލު އެކަކީ ޔަގީނުންވެސް ބްރެޒިލްގެ ކަސެމީރޯއެވެ.

ރިއާލް މެޑްރިޑުން ޔުނައިޓެޑަށް ގުޅުނު ކަސެމީރޯ އަންނަނީ އޭނާއަކީ ކްލަބުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާކަން ސާބިތުކޮށްދެމުންނެވެ.

ޔުނައިޓެޑުގެ ސަޕޯޓަރުންގެ މެދުގައި ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު މަގުބޫލު ކަމެއް ހޯދި، ކަސެމީރޯއަށް ރޭވަނީ އޭނާގެ ކެރިއަރުގައިވެސް ފުރަތަމަ ފަހަރަށް ސީދާ ރަތް ކާޑެއް ދައްކާފައެވެ. 

މެންޗެސްޓާ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް އާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ކަސެމީރޯއަށް ރަތްކާޑު ދެއްކީ، ކަސެމީރޯއާއެކު ބްރެޒިލްގެ ގައުމީ ޓީމުގައި ހިމެނޭ ޔުނައިޓެޑްގެ އެންތަނީ އަށް ޕެލަސްގެ ޝްލަޕް ކުރި ފައުލަކާ ގުޅިގެން ކުޅުންތެރިން ހޫނުވި ވަގުތު ހިނގި ހަމަ ނުޖެހުމުގެ ތެރޭގައި ޕެލަސްގެ ވިލް ހިއޫޖްސް ގެ ކަރުގައި ހިފި ކަމަށް ވީއޭއާރު ރެފްރީ އަށް ފާހަގަ ވެގެންނެވެ. 

ކެރިއަރުގައި ކްލަބާ ގައުމީ ޓީމަށް 600 އަށްވުރެ ގިނަ މެޗު ކުޅެފައިވާ ކަސެމީރޯއަށް މީގެ ކުރިން ދުވަހަކުވެސް ސީދާ ރަތެއް ދައްކައި ދަނޑުން ފޮނުވާލާފައެއް ނުވެއެވެ. ކަސެމީރޯގެ ކެރިއަރުގައި ކުޅުނު 600 މެޗުގެ ތެރޭގައި ސައޯޕޯލޯ، ރިއާލް މެޑްރިޑް އަދި ޕޯޓޯއަށް ކުޅުނު މެޗުތަކުގެ އިތުރުން ބްރެޒިލްގެ ގައުމީ ޓީމަށް ކުޅުނު މެޗުތައް ހިމެނެއެވެ. މިއިން އެއްވެސް މެޗެއްގައި ސީދާ ރަތްކާޑެއް ކަސެމީރޯއަށް ދުވަހަކުވެސް ދައްކާފައި ނުވަނީސް ރޭގައި ކުއްލިއަށް ދެއްކި ރަތް ކާޑު ގިނަ ބަޔަކަށް ގަބޫލެއް ނުކުރެވެއެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ކަސެމީރޯއަށް ދެއްކި ރަތް ކާޑަކީ ހަގީގަތުގައި ދައްކަން ޖެހޭވެސް ކާޑެއް ނޫނެވެ. އެކަމަކު ކުޅުންތެރިން ހޫނު ވެގެން އުޅުނު އިރު ހިއޫޖްސްގެ ކަރުގައި ކަސެމީރޯ ހިފައިގެން ހުންނަ މަންޒަރު ފެނެއެވެ.

އެއްބަޔަކު ބުނަނީ ކަރުގައި ހިފުމުގެ ނުވަތަ ތަޅާފޮޅުމުގެ އިންޓެންޝަނެއް ކަސެމީރޯގެ ނެތް ކަމަށާއި، އޭނާ މަސައްކަތް ކުރީ ހަމަ ނުޖެހުން ހުއްޓުވަން ކަމަށެވެ. އަދި އެތަނުގައި ހިނގި ކަންތަކަށް ބަލާއިރު ރަތެއް ދެއްކުން މާ އައުލާކަން ބޮޑު އެހެން ކުޅުންތެރިން ތިބި ކަމަށްވެސް ބައެއް މީހުން ބުނެއެވެ.

ކަސެމީރޯއަށް ދެއްކި މި ރަތް ކާޑާ އެކު ކަސެމީރޯ އަށް ޔުނައިޓެޑުން ލީގުގައި ދެން ކުޅޭ ތިން މެޗަށް ކަސެމީރޯ ސަސްޕެންޑްވާނެއެވެ. އެއީ އަންނަ ހަފްތާ ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ ދެ މެޗާއި ދެ ހަފްތާ ފަހުން ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ.

10%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
70%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް