
މި ބޯޓުގެ ކެޕްޓަނަކީ އިންޑޮނޭޝިއާއަށް ނިސްބަތްވާ 30 އަހަރުގެ ނަސްވަން އަދީލެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރިކަމަށެވެ. އެ ބޯޓުން ކެޕްޓަން ހިމެނޭހެން 10 މީހުން ހައްޔަރުކޮށްފައިވާއިރު، ކެޕްޓަން ނޫން އެހެން އެންމެން މިހާރުވަނީ ދޫކޮށްލާފައެވެ. ކެޕްޓަންގެ ބަންދަށް އިތުރު 30 ދުވަސްވަނީ ޖަހާފައެވެ.
މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހުން
ނަސްވަން އާދިލް (30އ)
އެޑްރިއަންސަޔާ (25އ)
މުޙައްމަދު އިޤްބާލް މަކްރޫމް (30އ)
ޕްރަބާކަރަން ނަގަރާޖަން (35އ)
ރޯމަންސް ސަންތިޔާ ފެނާންޑޯ (58އ)
ގަނޭޝް ބޮމްމާލީ (22އ)
ޑަތުކިލޭ ދަރްޝަން ވިޖޭ (22އ) މިހާރު ދޫކޮށްލާފައިވަނީ
ޕީޓާ ވިނީ (28އ)
ސަރަން ޕަދްމަން (28އ)
ގޯސިކް ރާޖް ޖޭމްސް ނޮކްސް (30އ)
ކްރިމިނަލް ކޯޓުގެ އަމުރުގައި ވާގޮތުން، މި ބޯޓުގެ އިންޖީނު ރޫމުގެ ވަތެއްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 7 ޝީޓް ތަހުލީލުކުރުމުން އިޑްރޯކެނަބިނޯހަޓެޓްރާލް އަދި ކެނަބިނޯލްއަށް ޕޮޒިޓިވް ވެފައިވެއެވެ. މި ތަކެތީގެ ޖުމްލަ ބަރުދަނަކީ 6.5 ކިލޯއެވެ. ކޯޓުން ފާހަގަކޮށްފައިވާ ގޮތުގައި ނަސްވަންއަކީ ބޯޓުގެ ކެޕްޓަން ކަމަށްވުމުން، ބޯޓަށް އެރުވޭ އެއްޗެހީގެ ޒިންމާ އެހެން ފަރާތަކުން ނުނަގާ ހާލަތުގައި އެކަމުގެ ޒިންމާ ނަގަންޖެހޭނީ އޭނާއެވެ.
އެހެންނަމަވެސް، ނަސްވަންގެ ދިފާއީ ވަކީލު ވަނީ ބޯޓުގެ ބައެއް ފަޅުވެރިން ދޫކޮށްލާފައިވާކަން ފާހަގަކޮށްފައެވެ. ކޯޓު އަމުރުގައި ބަޔާންކޮށްފައިވަނީ، ބޯޓުގައި މަސްތުވާތަކެތި ހުރިކަން އޭނާއަށް ނޭނގޭކަމަށް ބުނިނަމަވެސް، ކެޕްޓަންގެ ޒިންމާއިން ބަރީއައެއް ނުވެވޭނެ ކަމަށެވެ. ބޯޓުން މަސްތުވާތަކެތި ފެނުމާ ގުޅިގެން މާޗް 21 ވަނަ ދުވަހު 10 ބިދޭސީން ހައްޔަރުކޮށްފައިވާއިރު، އޭގެތެރެއިން ކެޕްޓަން ނޫން އެހެން އެންމެން މިހާރުވަނީ ދޫކޮށްލާފައެވެ.