ads
'އެމްއެސް ކޯސްޓާ ޑެލިޒިއޯސާ' މާލޭގެ ބޭރުގައި ބަނދަރުކޮށްފައި - ފޮޓޯ:މޯލްޑިވްސް މެރިޓައިމް ޖާނަލް
1620 ފަތުރުވެރިންނާ އެކު އައި އިޓަލީގެ ކްރޫޒް ލައިނާއެއް މާލޭގެ ބޭރުގައި
1620 ފަތުރުވެރިންނާ އެކު ރާއްޖެއަށް މި ކްރޫޒް ލައިނާ އައިސްފައިވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައެވެ.

މާލޭގެ ބޭރުގައި އިޓަލީގެ 'އެމްއެސް ކޯސްޓާ ޑެލިޒިއޯސާ' ބަނދަރު ކުރުމާ އެކު އެ ކްރޫޒް ލައިނާ އިން އައި ފަތުރުވެރިން ވަނީ މާލެއަށް ފައިބާފައެވެ. ބައެއް ފަތުރުވެރިން ރިސޯޓުތަަކަށް ވެސް ދިއައެވެ.

އިޓަލީގެ ކޮސްޓާ ކްރޮސިއެރޭއިން އޮޕަރޭޓްކުރާ 'ކޯސްޓާ ޑެލިޒިއޯސާ'

  • 92،720 ޓަނުގެ މި ކްރޫޒް ލައިނާގެ ދިގުމިނުގައި 294 މީޓަރު އަދި ފުޅާ މިނުގައި 32.3 މީޓަރު ހުރޭ 
  • 2،828 ފަސިންޖަރުންނާއި 934 ފަޅުވެރިންގެ ޖާގަ ހިމެނޭ
  • ހަތް ސްވިމިން ޕޫލާއި ފަސް ރެސްޓޯރަންޓާއި ތިއޭޓަރަކާއި ކުޅިވަރު ކުޅޭނެ ސަރަހައްދެއްގެ އިތުރުން ޖިމާއި ފިހާރަތައް ހުރޭ
  • ގާތްގަނޑަކަށް 670 މިލިއަން ޑޮލަރުގެ އަގުހުރި ކްރޫޒްލައިނާއެއް

ކޮވިޑަށްފަހު ކްރޫޒް ލައިނާތަކުގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށާފައިވާއިރު މިއީ މިއަހަރު މާލެއަށް ބަނދަރުކުރި ދެވަނަ ކްރޫޒްލައިނާއެވެ. ނިމިދިޔަ މަހު 1،000 އަށް ވުރެ ގިނަ ފަތުރުވެރިންނާ އެކު ޖަރުމަނުގެ ކްރޫޒް ލައިނާއެއް ކަމަށްވާ 'އެމްއެސް އާޓިއާނިއާ' ވަނީ މާލެއަށް ބަނދަރުކޮށްފައެވެ. އެ ކްރޫޒް ލައިނާ ވަނީ އައްޑޫ ސިޓީއަށްވެސް ދަތުރުކޮށްފައެވެ.

ރާއްޖެއަށް މިއަހަރު އައުމަށް ހަމަޖެހިފައިވާ ކްރޫޒްލައިނާތަކުގެ ތެރޭގައި އެމްއެސް ސިލްވާ ޝެޑޯ އާއި އެމްއެސް ސެވަން ސީސް މެރީނާ އާއި އެމްއެސް އައިޑާބެއްލާގެ އިތުރުން އެމްއެސް ވަސްކޮ ޑަ ގާމާ ނިކޯ އަދި އެމްއެސް ފްރެޑް އޮލްސެން ބޮލެޓް ހިމެނެއެވެ. މި ކްރޫޒް ލައިނާތަކުގެ ތެރެއިން އެމްއެސް ސިލްވާ ޝެޑޯ ބަނދަރުކުރާނީ އައްޑޫ ސިޓީގައެވެ. އެމްއެސް ފްރެޑް އޮލްސެން ބޮލެޓް ބަނދަރުކުރުމަށް ހަމަޖެހިފައިވަނީ ހއ. އަތޮޅުގެ އިތުރުން އައްޑޫ ސިޓީގައެވެ.

މި އަަހަރު ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާ ކްރޫޒް ލައިނާތަކަކީ މިދިޔަ އަހަރު ރާއްޖެ އައި ކްރޫޒް ލައިނާތަކަށް ވުރެ ބޮޑެތި ކްރޫޒް ލައިނާތަކެެކެވެ.

17%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
83%
ވަރަށް ސަލާމް
ކޮމެންޓްސް