ads
ރައީސް މިއަދު ރިޔާސީބަޔާން އިއްވަވަނީ
ރައީސް ސޯލިހްގެ އުއްމީދީ ރިޔާސީ ބަޔާނެއް
ރައީސުލް ޖުމްހޫރިއްޔާ 2023 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވެވުން
Advertisement

ރައީސުލް ޖުމްހޫރިއްޔާ 2023 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަން ފައްޓަވައިފި އެވެ. ރައީސް ވިދާޅުވީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަންނަ މޭ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ބޮޑުވާނެ ކަމަށެވެ.

2023/02/06 10:34

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 2023 ވަނަ އަހަރުގެ އުއްމީދީ ރިޔާސީ ބަޔާން ނިންމަވައިލައްވައިފި

2023/02/06 10:33

ﷲ ސުބްޙާނަހޫ ވަތަޢާލާގެ ތަނަވަސް ރަޙްމަތާ ޢާފިޔަތުގެ ހިޔާ، މުޅިރާއްޖެ އަށް މިންވަރު ކުރައްވާށި، ދިވެހިންގެ ގައުމިއްޔަތާ ދިވެހިއްޔަތު ، ދުވަހަކު ވެސް މިގައުމުން ފިލާނުދާށި، ދިވެހިގައުމަށް ނަޞްރާ ނަޞީބާ ކާމިޔާބު މިންވަރު ކުރައްވާށި. އާމީން: ރައީސް

2023/02/06 10:31

2028 ނިމޭއިރު ، ރާއްޖޭގެ އިޤްތިޞާދު ދެގުނަ ވެގެންދާނެ ބޮޑު ބަދަލެއް، 2018 ވަނަ އަހަރު ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަމަކީ 81 ބިލިއަން ރުފިޔާ. ނަމަވެސް އޭގެ 10 އަހަރު ފަހުން ، ރާއްޖޭގެ އިޤްތިޞާދު ދެގުނަކޮށް ، 2028 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 177 ބިލިއަން ރުފިޔާއަށް ގެންދެވޭނެ ، އިޤްތިސާދަށް މިއަންނަ ކުރިއެރުންތަކާއެކު ދައުލަތަށްލިބޭ އާމްދަނީވެސް 2018 ވަނަ އަހަރާ އަޅާބަލާއިރު ދެގުނަ ކުރެވި ، 2028 ވަނަ އަހަރު 45 ބިލިޔަން ރުފިޔާ ދައުލަތަށް ލިބޭނެ: ރައީސް

2023/02/06 10:30

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2028 ވަނަ އަހަރާ ހަމައަށްދާއިރު ، މަދުވެގެން އަހަރަކަށް 3.5 މިލިއަނަށް އިތުރުވާނެ. އެގޮތަށް އެކަން އެވަނީ ހަމަ ހުރެފައެއް ނޫން. މިއަދު ފަށާ ، ހިންގާ ، ނިންމަމުން މިދާ މަޝްރޫޢުތަކަކީ އެހިސާބަށް ރާއްޖޭގެ ފަތުރުވެރިކަން ގެންދެވޭނެ ސަބަބު: ރައީސް

2023/02/06 10:29

ފާއިތުވެދިޔަ ތިން އަހަރަކީ ރާއްޖޭގެ މުޅި ތާރީޚުގައި ކުރިމަތިވި އެންމެބޮޑު އިޤްތިސާދީ ގޮންޖެހުންތައް ތަހައްމަލް ކުރަންޖެހުނު ތިން އަހަރު، ކޮވިޑް19 ގެ އާލަމީ ބަލިމަޑުކަމާއެކު ދިވެހި ރާއްޖޭގެ އިޤްތިސާދު ހުއްޓިގެން ދިޔަ، ކުރެވުނު މަސައްކަތާ ކުރާން ހުރި ކަންކަމުގެ މައްޗަށް ހިސާބު އަކުރުން ނަތީޖާ ނެރެދޭ ހަގީގަތްތަކެއް އެބަފެނޭ، ފެންނަނީ ދިވެހިރާއްޖޭގެ ހާލަތު ރަނގަޅު އިޤްތިޞާދެއްގެ މައްޗަށް ބިނާވާ މަންޒަރު: ރައީސް

2023/02/06 10:29

ރާއްޖޭގެ މައި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމަކީ މާލެ ސަރަހައްދާ މުޅި ރާއްޖެއަށް އޭގެ މަންފާ ލިބޭނެ މުހިއްމު މަޝްރޫޢެއް، ބޯހިޔާވަހިކަމާ ޕޯޓުގެ ބޭނުމަށް އިތުރަށް ބޭނުންވާ ބިން ، ފަހުން އިތުރުކޮށްފައިވާ ބިމާ ގުޅާލުމުގެ ޢަމަލީ މަސައްކަތް މިހާރުވަނީ ކޮންޓްރެކްޓަރާ ހަވާލުކޮށްފަ، ކުރިއަށްއޮތް ދެތިން މަސްތެރޭ މީގެ ޢަމަލީ މަސައްކަތް ފެށިގެންދާނެ، ތިލަމާލެ ބްރިޖްގެ މަސައްކަތް ޝެޑިއުލްއާ އެއްގޮތަށް ކުރިއަށް އެބަދޭ: ރައީސް

2023/02/06 10:28

ދިވެހިންނަށް މިހާރު ވިސާއާ ނުލާ ދުނިޔޭގެ 89 ގައުމަކަށް ދަތުރު ކުރެވޭނެ. ބައިނަލް އަގްވާމީ އަދި ސަރަހައްދީ ގުޅުންތަކުގެ އިސް ސަފުގައި ރާއްޖޭގެ ބަސް މިއަދު ހިނގާ. ޢަރަބި އިސްލާމީ ގައުމުތަކާ އަދި މެދުއިރުމަތީ ގައުމުތަކާއެކު ހީނަރުވަމުން ދިޔަ ގުޅުންތައް މިހާރުވަނީ އިޢާދަވެ ވަރުގަދަވެފަ: ރައީސް

2023/02/06 10:26

ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރަކީ ރާއްޖޭގެ މިނިވަންކަމާ އިސްތިގްލާލަށް ލިބިފައިވާ ޖޯރު، ދިވެހި ގައުމިއްޔަތުގެ ހުރިހާ ރުކުންތަކުގެ ދިފާޢުގައި ތިބީ ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަށް، ބޭނުންވާ ޒަމާނީ ތަޢުލީމާ ތަމްރީނާ ވަޞީލަތް ތަށް ފަހިވެ، ފުރިހަމަ ވެގެން މެނުވީ އަދުގެ ދުނިޔޭގެ ހަލަބޮލި ކަމުގައި ހިފަހައްޓައެއް ނުލެވޭނެ، ރައްޔިތުންނާ ގައުމަށް ދިމާވާ ކޮންމެ ބޮޑުކަމަކުން ދިފާޢު ވުމުގެ އެންމެ ކުރީސަފަށް އިސްވަނީ ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަށް، އެއްގަމާ ކަނޑާ ވައިގާ ރައްޔިތުން ސަލާމަތުގެ އައްސޭރިއަށް ގެނެސްދެއްވަނީ އެޚިދުމަތް ތަކުން، މިފަދަ 25610 އެތައް އޮޕަރޭޝަނެއް ފާއިތުވީ 4 އަހަރު ދުވަހުގެ ތެރޭ ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ހިންގާފައިވޭ: ރައީސް

2023/02/06 10:25

27 މާރޗް 2021 ގައި ތަސްދީގު ކުރެވުނު ދިވެހިފުލުހުންގެ ގާނޫނުގެ މަންފާ ރައްޔިތުންނާ އަދި ފުލުހުންނަށް ދަނީ ލިބެމުން، 100 އަށް ވުރެ ގިނަ ރަށުގައި ނެއިބަރހުޑް ޕޮލީސިން ތަޢާރަފް ކުރެވިއްޖެ. ބޮޑީ ވޯރން ކެމެރާ ތަޢާރަފް ކުރެވި ރައްޔިތުންނާ ފުލުހުންގެ ރައްކާތެރިކަމަށް އޮންނަ ޖާގަ ފުޅާ ކުރެވިއްޖެ. ރާއްޖޭގެ ފުލުހުންގެ އޮފިސަރަކު ފުރަތަމަ ފަހަރަށް އިންޓަރޕޯލްގާ މިހާރު މަސައްކަތްކުރަމުން އެބަގެންދޭ. މިއީ ދިވެހި ފުލުހުންގެ ހިދުމަތަށް ލިބުނު  ބޮޑު ޝަރަފެއް: ރައީސް

2023/02/06 10:24

އެމްއެމްޕީއާރުސީގެ ޚިޔާނާތާގުޅޭގޮތުން މިދިޔަ އަހަރު އަޅުގަނޑު ދެންނެވި ޤާނޫނީ މަރުހަލާތައް ފެށިގެން ކުރިއަށް އެބަދޭ، ރިޔާސީ ކޮމިޝަންގެ ތަހްޤީޤު ރިޕޯޓްގެ މައްޗަށް މައްސަލަތައް ކުރިއަށް ގެންދަވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާގުޅޭ 14 މައްސަލައެއް ވަނީ ކޯޓަށް ހުށައެޅިފަ (.) އޭގެ ތެރެއިން 5 ފަރާތަކަށް ކުރެވުނު ޖުމްލަ 43 ދައުވާއެއް ކޯޓްގައި ވަނީ ސާބިތުވެފަ، އިތުރު 7 ފަރާތަކާއި 2 ކުންފުންޏެއްގެ މައްސަލަ ކޯޓުގައި އެބަ ކުރިއަށްދޭ، އަދި ގުޅުންހުރި އިތުރު 53 މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަމުން އެބަގެންދޭ، މީގެތެރެއިން 8 މައްސަލައެއް ގައި ޖިނާއީ ދައުވާ ކުރުމަށް ޑިއުޓީ ޕްރޮސެކިއުޝަންގެ މަސައްކަތްތައް އޭސީސިއާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާ ގުޅިގެން ކުރިއަށް އެބަގެންދޭ: ރައީސް

2023/02/06 10:23

ރިޔާސީ ކޮމިޝަނުން ހިންގި އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުވާލާފައިވާ މައްސަލައިގެ ތަހުގީގު ނިންމާ އެރިޕޯޓް އަޅުގަނޑަށް ލިބިއްޖެ. އެރިޕޯޓުގައިވާ ރިކޮމެންޑޭޝަންތަކާ އެއްގޮތަށް ކުރަންޖެހޭ ކަންކަން މިއަންނަނީ ކުރަމުން. އެމައްސަލައިގައި ދަޢުވާލިބޭ  3 ފަރާތެއް ހައްޔަރުކޮށް، ކޯޓު މަރުހަލާ ވަނީ ފެށިފައި. އަދި ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަހްޤީގު ރިޕޯޓުގެ މަސައްކަތްތައް ރިޔާސީ ކޮމިޝަނުން ދަނީ ކުރަމުން. އިތުރު  މައްސަލަތަކުގެ މަސައްކަތްވެސް ކޮމިޝަނުން ދަނީ ކުރަމުން: ރައީސް

2023/02/06 10:23

ވަސީލަތުގެ ގޮތުން ޖުޑީޝަރީއަށް ހުރި ދަތިތައް ހައްލުކުރުމަށް ސަރުކާރުން މިދަނީ މަސައްކަތްކުރަމުން. އަތޮޅުތެރޭގާ އިތުރު ކޯޓް އިމާރާތްތަކުގެ މަސައްކަތް އެދަނީ ހިނގަމުން. މާލޭ ސަރަހައްދުގެ ކޯޓްތަކުގައި މައްސަލަތައް ފުނިޖެހުމުގެ އެންމެ ބޮޑު ސަބަބަކީ ވަސީލަތުގެ ދަތިކަން. އެކަން ދެނެގަނެ ، އަލަށް އިމާރާތްކުރެވޭ މާލޭ ކޯޓް ކޮމްޕްލެކްސްގެ މަސައްކަތް ލަސްނުކޮށް ކުރިއަށް ގެންދިއުމަށް ސަރުކާރުން އިސްކަންދެން: ރައީސް

2023/02/06 10:22

ރާއްޖޭގެ އަދުލް އިންސާފާމެދު ރައްޔިތުންގެ އިތުބާރާ އިހްތިރާމާ ގަދަރު ހިފަހައްޓަން ޖެހޭ، ފާއިތުވީ 4 އަހަރުތެރޭ ރާއްޖޭގެ އަދުލް އިންސާފްގެ ދާއިރާ ހަރުދަނާކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ، އަދި އެދާއިރާއާމެދު ރައްޔިތުން ކުރާ އުންމީދު އަންނަނީ ބޮޑުވަމުން. ކުރަންޖެހޭ މަސައްކަތް އަދިވެސް ގިނަ . ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުމަށްޓަކައި ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިޞްލާޙުތައް މި ދައުރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިގެންދާނެ: ރައީސް

2023/02/06 10:21

މިންތީގެ ހަމަހަމަކަން ނެތި އިޖްތިމާޢީ އަދާލަތު ހިފެހެއްޓުމަށް ދަތިވާނެ، މިގޮތުން ބަލާއިރު ކެބިނެޓާ ލޯކަލް ކައުންސިލްތަކުގެ 33 އިންސައްތަ ޝާމިލްވަނީ އަންހެނުން،އަދި ރާއްޖެ ތަމްސީލު ކުރާ ޑިޕްލޮމެޓިކް މިޝަންތަކުގެ 50 އިންސައްތަ އަކީ ވެސް އަންހެނުން، ހަމައެހެންމެ ކޯޓް ތަކުގެ ފަނޑިޔާރުކަމާ ، ފުލުހުންނާ ސިފައިންގެމަތީ ރޭންކްތަކުގައި މިހާރު އަންހެނުން އެބަތިބި، ޖެންޑަރ އީކުއެލީޓީ އެކްޝަން ޕްލޭން ތަންފީޒްކުރަން މިއަހަރު ފަށައިފިން، މި މަސައްކަތާއެކު މިންތީގެ ހަމަހަމަކަމަށް އިތުރު ހެޔޮ ބަދަލު އަންނާނެ: ރައީސް

2023/02/06 10:21

ހިދުމަތް ލިބުމުގާ ރައްޔިތުންނަށް އޮތް އަނެއް ތަކުލީފަކީ ކިޔުގާ ޖެހުމާ ، ފޯނު ނުނެގުމާ ، ޖަވާބެއް ނުލިބުމުގެ މައްސަލަ. ވަން-ގަވް ޚިދުމަތަކީ ސަރުކާރުން މިކަމަށް ގެނެސްދޭ ޒަމާނީ ހައްލު. އަންނަ މާރިޗު މަސްތެރޭ ވަން-ގަވް ޚިދުމަތްވެސް ލޯންޗް ކުރެވޭނެ. އޭގެ ސަބަބުން ފުރަތަމަވެސް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ޓޫރިޒަމް ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީއާ ފުވައްމުލަކު ސިޓީ ކައުންސިލުން ދޭ ހިދުމަތް މުޅިން އޮންލައިން ވާނެ. މީގެއިތުރަށް މާލެ ، އައްޑޫ އަދި ފުވައްމުލަކުގާ ޤާއިމްކުރެވޭ ފިޒިކަލް އެކްސްޕީރިއަންސް ސެންޓަރުތަކަކީ އޮންލައިންކޮށް ހިދުމަތް ލިބިގަންނަން ދަތި ރައްޔިތުންނަށް ހިދުމަތްދޭ މަރުކަޒުތަކެއް: ރައީސް

2023/02/06 10:20

ހިދުމަތްތައް ބޭނުންވެގެން ތަކުރާރުކޮށް އައިޑީކާޑާ ، އެކި ލިޔުންތަކުގެ ކޮޕީ ސަރުކާރަށް ހުށަހަޅަންޖެހުމަކީ ރައްޔިތުންނަށް އޮތް ވަރަށް ބޮޑު ތަކުލީފެއް، ހިދުމަތް ލަސްވެ ، އޮޅުންބޮޅުންވެ، އެކަމެއްގާ ތާށިވެ ރައްޔިތުން ތިބެންޖެހޭ ކަމެއް، މިކަން މިދަނީ ބަދަލުކުރަމުން، އަންނަ މާރިޗު މަހު ޑިޖިޓަލް އައިޑީ ލޯންޗް ކުރެވޭނެ: ރައީސް

2023/02/06 10:19

ސަރުކާރު ޝާމިލްވާ އާ ސަބްމެރިންކޭބަލުން މިކަމަށް އިތުރު ފަހިކަން ގެނުވާނެ. ފްރާންސްގެ މާސޭއިން ސިންގަޕޫރަށް އަޅާ ސަބްމެރިން ކޭބަލް ކުރިއަށްއޮތް 5 މަސްތެރޭ ރާއްޖެއަށް އެއްގަން ކުރެވި ، ސެޕްޓެންބަރު މަހުގެ ނިޔަލަށް މި ސަބްމެރިން ކޭބަލްގެ ބޭނުންކުރުމުގެ ފުރުޞަތު ލިބޭނެ. މިއީ އިންޓަރނެޓުގެ އަގު ހެޔޮވެ، ސްޕީޑަށް އިންގިލާބީ ބަދަލެއް ގެނުވާނެ މަޝްރޫޢެއް. އެއީ އުފެއްދުންތެރި ޒުވާނުންނާ ވިޔަފާރިތަށް ދުނިޔޭގެ މާރކެޓާ ގުޅުވައިދޭނެ ވަޞީލަތެއް: ރައީސް

2023/02/06 10:18

ދުނިޔެ ބަދަލުވެ އިންޓަރނެޓްގެ ޒަރީޢާއިން ކުރެވޭ މުޢާމަލާތާ ހިންގުމުގެ ދާއިރާއަށް އަންނަ އަވަސް ކަމަކީ ކުރިއަށް އޮތް ތަނަށް މުހިންމު ބަދަލެއް، ރާއްޖޭގެ އިންޓަރނެޓްގެ އަގަށް ގެނެވުނު ބަދަލާ އޭގެ ސްޕީޑަށް އަދިވެސް އިތުރު ތަރައްގީ އައުން މުހިންމު: ރައީސް 

2023/02/06 10:18

މި 5 އަހަރުގެ ތެރޭގައި ޖުމްލަ 42.6 މެގަވޮޓްގެ އަވި ހަކަތަ އުފައްދާ ސޯލާ ޕީވީ ސިސްޓަމް ގާއިމުކޮށް ނިމޭނެ. އެއީ 50 ހާސް ޓަނުގެ ވިހައިން ޖައްވު ސަލާމަތްވުން،  މި މަސައްކަތް ނިމުމުން އަހަރަކު ގާތްގަނޑަކަށް 320 މިލިއަން ރުފިޔާ ، ތެޔޮ ބިލުން ސަލާމަތް ކުރެވޭނެ.  ކުނި އެންދުމުން އަރާ ދުމުން މިންޖުވެ ، ކުންޏަކީ މެނޭޖްކުރަން ޖެހޭ ވަޞީލަތެއްގެ ވިސްނުމަށް ސަރުކާރު މިވަނީ ހިޖުރަކޮށްފަ، އަދި ރާއްޖޭގެ ގުދުރަތީ މާޙައުލަށް ރައްކާތެރިނޫން ޕްލާސްޓިކްގެ ބާވަތްތަށް މަދުކޮށް ، މަނާކުރުމުގެ މަރުޙަލާތަށް ދަނީ ތަންފީޒު ކުރަމުން. މިދިޔަ ނޮވެންބަރުމަހު އޮތް ކޮޕް 27 ގެ ޑެކްލެރޭޝަންގައި އަލަށް އުފައްދަން ނިންމި ލޮސް އެންޑް ޑެމޭޖް ފަންޑު ޤާއިމްކުރުމުގައި ރާއްޖޭން ވަރަށް އިސް ދައުރެއް އަދާކުރި: ރައީސް

2023/02/06 10:16

ރާއްޖޭގެ ތިމާވެށީގެ ނާޒުކުކަމާ މެދު އަޅުގަނޑުމެން އެންމެން އެއްބަސްވަން. މޫސުމީ ބަދަލުތަކާ އެކު ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުގެ ނުރައްކާ އެންމެ ބޮޑު އެއް ގައުމަކީ ދިވެހިރާއްޖެ. މިކަމަށްޓަކާ ނާޒުކު ހާލަތަށް ހުށައެޅިފައިވާ ސަރަހައްދުތަށް ޙިމާޔަތް ކުރުން މުހިންމު. މިއަހަރުގެ ނިޔަލަށް ، ރާއްޖޭގެ ޖުމްލަ 130 ސަރަހައްދެއް ހިމާޔަތް ކުރެވޭނެ. އޭގެތެރެއިން 82 ސަރަހައްދު ޙިމާޔަތް ކުރެވޭނީ މިހިނގާ 5 އަހަރުގެ ތެރޭގަ: ރައީސް

2023/02/06 10:15

މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީއާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އުފައްދާ ، މީގެކުރިން ކުޅިވަރު ކުޅުމުން މަހުރޫމްވެފައިތިބި ނުކުޅެދިންތެރިކަން ހުންނަ ފަރާތްތަކަށް މިއަދު އެވަނީ ފުރުސަތު ހޯދައިދެވިފައި. ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ރާއްޖޭގެ އެތުލީޓުން ވިދާލައިފި، 2019 ވަނަ އަހަރު ބޭއްވުނު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ފެށިގެން މިހާތަނަށް ، ބައިނަލްއަޤްވާމީ މުބާރާތްތަކުން ރާއްޖެވަނީ 33 ގޯލްޑް މެޑެއްޔާ 18 ސިލްވަރ މެޑެއްޔާ 88 ބްރޮންޒް މެޑަލް ހޯދާފަ: ރައީސް

2023/02/06 10:15

ކުޅިވަރުގެ ދާއިރާއިން  ރާއްޖޭގެ  ޒުވާނުން ކުރިއަށް ދިއުމަށާއި މުނިފޫހި ފިލުވުމަށާއި ދުޅަހެޔޮ ސިއްހަތެއްގާ ތިބުމަށް ބޭނުންވާ މަޝްރޫޢުތައް ދަނީ ހިނގަމުން، މުޅިން އަލަށް ގާއިމުކުރެވުނު 39  ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމިއްޖެ، ރަނގަޅު ފެންވަރުގެ ވޮލީ ، ބެޑްމިންޓަން  އަދި ހޭންޑް ބޯލް ކޯޓުތަކާ ސިންތެޓިކް ޓްރެކާ ، ޓީޓީ ސެންޓަރުތަށް ވަނީ ނިމިފައި، 50  އަށްވުރެ  ގިނަ  އައުޓްޑޯ ޖިމް  ގާއިމްކޮށް  ނިމިއްޖެ: ރައީސް

2023/02/06 10:14

ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިންނަށް ޢާއިލީ ވެއްޓެއް ހޯދައިދިނުގެ މަސައްކަތް ދަނީ ކުރެވެމުން.  މިފަދަ އަމާންވެށީގެ 7 މަރުކަޒު ގާއިމުކޮށް އެތަންތަނަށް ކުދިން ބަދަލުކުރެވިއްޖެ. ލާމަރުކަޒީ އިންތިޒާމެއްގެ ދަށުން މުޅިރާއްޖެއަށް ބޭނުންވާ އިޖްތިމާޢީ ހަރަކާތްތެރިންގެ މުހިންމުކަން ބޮޑު. 19 އަތޮޅުގައިވާ ފެމެލީ އެންޑް ޗިލްރަން ސަރވިސް ސެންޓަރ ތަކަކީ މިކަމަށް ޚާއްޞަ މަރުކަޒުތައް. ފުރިހަމަ ޚިދުމަތެއް ދިނުމަށްޓަކާ އިތުރަށް ބޭނުންވި 156 މުވައްޒަފުން ފާއިތުވި 4 އަހަރުގެ ތެރޭގައި ވަނީ ޚިދުމަތަށް ނެރެފަ: ރައީސް

2023/02/06 10:13

އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ދަށުން ގާތުންބަލާ އެހީތެރިކަން ފޯރުކޮށްދެވޭ މަދަދުވެރިން މުޅިރާއްޖޭގާ ޙަރަކާތްތެރިވެވޭނެ އިންތިޒާމަށް ޢަމަލީ ސިފަ ދަނީ އަންނަމުން، ވޭތުވެދިޔަ އަހަރު ރާއްޖޭގެ 7 އަތޮޅެއްގެ 62 ރަށަކާ 2 ސިޓީއެއްގައި މިފަދަ 430 ފަރާތަކަށް ބޭނުންވާ އަސާސީ ތަމްރީނު ދީފިން. އަދި މިޕްރޮގްރާމް މިއަހަރުވެސް ކުރިއަށް ގެންދެވޭނެ: ރައީސް

2023/02/06 10:13

ހަމަ އެފަދައިން ހުކުމް ތަންފީޒު ކުރަމުންދާ އެފަދަ ފަރާތްތަކަށް ޚާއްޞަ ރިހެބިލިޓޭޝަން ޕްރޮގްރާމެއް މިދިޔަ މާރިޗް މަހު މާފުށީ ޖަލުގައި ފަށައިގެން ކުރިއަށް އެބަދޭ، އެއީ ޑިޓޮކްސް ކުރެވި ރިހެބިލިޓޭޝަން ފުރިހަމަކޮށް، މަސައްކަތްތެރިކަން ދަސްކޮށްދެވި ، އަނބުރާ މުޖުތަމަޢަށް އައުމަށް ތައްޔާރު ކުރެވޭ ވަށާޖެހޭ ޕްރޮގްރާމެއް، މިޕްރޮގްރާމްގެ ފުރަތަމަ ބެޗްގެ 32 ބައިވެރިން ކާމިޔާބު ކަމާއެކު މަރުޙަލާތަށް ނިންމައިފި، އެބެޗް މިހާރުވަނީ މުޖުތަމަޢާ އަލުން ގުޅިފަ، އޭގެ ނަތީޖާ މިހާތަނަށް ފެންނަނީ ކާމިޔާބު ކޮށް. ފަރުވާ ދިނުމާ މުޖުތަމަޢަށް އަނބުރާ އައުމުގެ އިތުރު ޕްރޮގްރާމެއް މާލެ ފިޔަވާ 4 ސަރަޙައްދެއްގައިވެސް ދަނީ ހިނގަމުން: ރައީސް

2023/02/06 10:12

މަސްތުވާ ތަކެއްޗާ ގޭންގް ކުށް ތަކަކީ ރާއްޖޭގެ އިޖްތިމާޢީ މަސްލަޙަތަށް އޮތް އެންމެ ބޮޑުގޮންޖެހުން. ޒުވާނުން ބާކީވެ މަގުމަތިވެދާނެ ފުރުޞަތު ނައްތާލުމަށް ސަރުކާރުން އިސްކަން ދެން، ޒުވާނުންނަށް ދެވޭ ތަމްރީނު ޕްރޮގްރާމްތަށް ގިނަކޮށް ، ހިލޭ ޑިގްރީ ތަޢާރަފް ކުރުމުން، ފެންނަ ހެޔޮނަތީޖާ ފާހަގަވޭ، ހުޅުމާލޭ ހާފްވޭ ހައުސްގައި އަންހެނުންނަށް ޚާއްޞަ ރީހެބިލިޓޭޝަން ތަޢާރަފް ކުރެވުނީ މިދިޔަ އަހަރު ނޮވެމްބަރ މަހު؛ ރައީސް

2023/02/06 10:11

ސެންޓަރ ފޮރ މެންޓަލް ހެލްތް މި ސަރުކާރުން ގާއިމް ކުރީ އެކަމުގެ މުހިންމުކަން ބޮޑުވުމުން (.) މިހާތަނަށް 60،000 ވުރެ ގިނަ ކޮންސަލްޓޭޝަން އެސެންޓަރުން ހަދައިފި، 3000 އަށްވުރެ މަތީގައި އޮތް ވެއިޓްލިސްޓް މިއަދު އެވަނީ 411 އަށް ދަށްކުރެވިފަ، މި ސެންޓަރުގެ އިންޕޭޝަންޓް ކެއަރ ޔުނިޓް ގެ ވާހަކަ މިދިޔަ އަހަރު ދެންނެވިން، އެޔުނިޓް ނިންމާ މިހާރު ޚިދުމަތްދޭން ފަށައިފިން،  ރާއްޖޭގެ 5 ސަރަހައްދެއްގައި މެންޓަލް ހެލްތް ހިދުމަތް ގާއިމުކޮށްފިން، މާލެއާއި އައްޑޫގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު ގާއިމުކޮށް، ޚިދުމަތްދޭން ފަށައިފިން: ރައީސް

2023/02/06 10:10

ހަމައެކަނި ކުޅުދުއްފުއްޓާ އައްޑޫއާ ހަމައިން ނިންމާލާ ކަމެއްވެސް ނޫން، ގދ.ތިނަދޫ ، ލ.ގަމާ ، ރ.އުނގޫފާރުގެ ޓާރޝަރީ ހޮސްޕިޓަލަށް ވެސް ހަގީގީ މާނައިގެ ޓާރޝަރީ ބަދަލު ސަރުކާރުން އެބަ ގެންނަން، މީގެއިތުރަށް ، 30 އެނދުގެ ހޮސްޕިޓާ 12 ރަށެއްގާ ، އަދި 50 އެނދުގެ ހޮސްޕިޓާ 6 ރަށެއްގާ އިމާރާތް ކުރާނަން، ސިއްހީ ދާއިރާއިން މުޅި ރާއްޖެއާ މެދު ސަރުކާރު ގެންގުޅޭ ތަސައްވަރު ފުރިހަމަވާނީ މިދެންނެވި ހުރިހާ ހޮސްޕިޓާތަކާއެކު: ރައީސް

2023/02/06 10:09

ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީކުރެވޭ މަސައްކަތުގެ ތެރެއިން ގިނަ މުވައްޒަފުންތަކެއް އިތުރު ކުރެވިއްޖެ، ސްޕެޝަލިސްޓް ޑޮކްޓަރުންނާ ، މެޑިކަލް އޮފިސަރުންނާ، ނަރުހުންނާ ، ޓެކްނިކަލް އަދި އިދާރީ މުވައްޒަފުންގެ ގޮތުގާ 144 މުވައްޒަފުން އެ ހޮސްޕިޓަލަށް އިތުރު ކޮށްފިން، އަދި ކުރިއަށް އޮތް ތަނުގައިވެސް މުވައްޒަފުން ދާނީ އިތުރުވަމުން، މީގެކުރިން ކުޅުދުއްފުށީ ހޮސްޕިޓަލުން މާލެއަށް ރިފަރކުރި ބަލިމީހުންގެ 24 އިންސައްތަ މިހާރުވެސް ދަށްކުރެވިއްޖެ. މި ބަދަލު ހަމަ ހުރިހާ ޓާޝަރީ ހޮސްޕިޓަލަކަށްވެސް އަންނާނެ: ރައީސް

2023/02/06 10:09

ރާއްޖޭގެ ޞިއްޙީ ޚިދުމަތް މަރުކަޒު ވެފައި އޮތުމުން ކުރިމަތިވާ ޒަމާންވީ ގޮންޖެހުންތައް ގިނަ، އެކަމުން އަރައިގަނެވޭނެ ދެމެހެއްޓެނިވި މަޝްރޫޢަކީ ސަރަޙައްދީ ޓާރޝަރީ ހޮސްޕިޓާތައް، ކަރުދާހުގައި އޮންނަ ކުލަ ކުރެހުންތައް ދޫކޮށް ، ޢަމަލީ މަސައްކަތުގާ މިމަޝްރޫޢު އެދަނީ ހިނގަމުން، ހަމައެކަނި ކުޅުދުއްދުއްފުށީ ޓާޝަރީ ހޮސްޕިޓަލަށް ގެނެވުނު ތަރައްގީގެ ލިސްޓް ދިގު، އެހޮސްޕިޓަލުގާ މުޅިން އަލަށް ދޭންފެށިފައިވަނީ ޒަމާނީ ޞިއްޙީ ޚިދުމަތް، އެމްއާރުއައި - ކަކުލު ހުޅު ބަދަލު ކުރާ އޮޕަރޭޝަން - ލެޕްރޮސްކޯޕިކް ސާޖަރީ - މެމޯގްރާމް–އަދި މިނޫންވެސް އެކި ޚިދުމަތްތައް ފެށިއްޖެ: ރައީސް

2023/02/06 10:08

އަތޮޅުތެރޭގާ ޢިމާރާތް ކުރެވޭ ހައުސިން ޔުނިޓް ތަކުން 556 ހައުސިންގ ޔުނިޓް އަންނަ މޭމަހުގެ ނިޔަލަށް އެއްކޮށް ނިންމާނެ، އިތުރު 2200 ހައުސިންގ ޔުނިޓްގެ މަސައްކަތް އަތޮޅުތެރޭގާ އެ ދަނީ ހިނގަމުން: ރައީސް

2023/02/06 10:08

ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އަނެއް ކޮމްޕޯނަންޓަކީ ހައުސިންލޯނު، ހުސްވި ޖަނަވަރީގެ ނިޔަލަށް ގެދޮރުވެރިޔާ ލޯނުގެ 579 އެޕްލިކޭޝަން ސަރުކާރަށް ލިބުނު، އޭގެ 55 އިންސައްތަ ލޯނު މިހާރުވަނީ އެޕްރޫވް ކުރެވިފަ، އަދި 249 ފަރާތަކާ އެކު ލޯނު އެއްބަސްވުމުގައި ސޮއި ކުރެވިއްޖެ: ރައީސް

2023/02/06 10:07

މާލޭގެ ބޯހިޔާވަހިކަމަށް ހުޅުވާލުމުން ފްލެޓަށް އެދި ޖުމްލަ 20697 އެޕްލިކޭޝަން ހުށަހެޅި، ގޯތި ހޯދުމަށް 15164 އެޕްލިކޭޝަން ހުށަހެޅި، މި އެޕްލިކޭޝަންތައް މިހާރު މިދަނީ ޕްރޮސެސްކުރަމުން، މިއަހަރުގެ ޖޫން ނިމުމުގެ ކުރިން ބޯހިޔާވަހިކަން ލިބޭ ފަރާތްތަކަށް އެކަމުގެ ލިޔުން އިރާދަކުރެއްވިއްޔާ ހަވާލުކުރާނަން، މިއަދު ދަންނަވަން އޮތް އާ ވާހަކައަކީ ، ކުރިން ދޭނެކަމަށް ދެންނެވި އަދަދަށްވުރެ ، މާލެ ސަރަހައްދުން ދޭ ގޯތީގެ އަދަދު ، އިތުރުކުރުމަށް އަޅުގަނޑު ނިންމި ވާހަކަ: ރައީސް

2023/02/06 10:06

ދައުރެއްގެ ތެރޭގައި ބިންގަލުން ފެށި ފްލެޓް ޢިމާރާތެއް ނިންމާ ، ރައްޔިތުން ބޯހިޔާވަހި ކުރާ ފުރަތަމަ އަހަރަށް މިއަހަރު ވެގެންދާނެ، އެ ފްލެޓް ތަކަކީ ޖާގައިގެ ގޮތުން ތަނަވަސް ، ތަފާތު ފްލެޓްތަކަކަށް ވެގެންދާނެ: ރައީސް

2023/02/06 10:05

އެގްރޯނެޓް ކުންފުންޏަކީ މިކަމަށް ހައްލުހޯދުމަށް ސަރުކާރުން ކޮށި މަގެއް، ޖުމްލަ 46 ރަށެއްގެ 800 އަށްވުރެ ގިނަ ދަނޑުވެރިން ވަނީ އެގްރޯނެޓްގެ ނެޓްވޯރކާ ގުޅިފަ، ވެވޭ އެއްބަސްވުމުގެ ދަށުން ކޮންޓްރެކްޓް ފާމިންގގާ 485 ދަނޑުވެރިން ދަނީ ޙަރަކާތްތެރިވަމުން، ދަނޑުވެރިކަމަށް ބޭނުންވާ ތަކެތި 534 ދަނޑުވެރިއަކަށް ފޯރުކޮށްދެވިއްޖެ، މިއަހަރުގެ ނިޔަލަށް ހިފާފައިވާ އަމާޒަކީ ޖުމްލަ 750 ދަނޑުވެރިން އެމަސައްކަތް ފަށާ ، އުފައްދާ ތަކެތި އެގްރޯނެޓުން ގަންނަމުން ދިއުން: ރައީސް

2023/02/06 10:05

1 މާރިޗު 2022 ން ފެށިގެން މަސްގަންނަ އަގު ބޮޑު ކުރިން، މަހުގެ ޑިއުޓީއާ ގުޅޭގޮތުން އިނގިރޭސި ވިލާތާ ޔޫރަޕްގެ އިއްތިޙާދުން އީޖާބީ ނިންމުމެއް ނިންމާނެކަމުގެ އުންމީދު ބޮޑު، އެގައުމުތަކަށް ރާއްޖޭން އެކްސްޕޯރޓް ކުރާ މަހުގެ ޑިއުޓީ އަށް ލުޔެއް ލިބުމުގާ އިތުރަށް ގިރާކުރަން ޖެހޭ އޮޅިއެއް ދެން ނެތް، މިއާއެކު މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް މިހާރު ކުރަމުންދާ މަސައްކަތަކީ މަހުގެ އަގަށް އަނެއްކާވެސް އިތުރު ހެޔޮ ބަދަލު އަންނާނެ ކަމެއް: ރައީސް

2023/02/06 10:04

ހުސްވި 2022 ވަނަ އަހަރަކީ ފާއިތުވި 16 އަހަރުގެ ތެރޭގައި އެންމެ ގިނަ މަސް މިފްކޯއިން ގަތް އަހަރު، އަދި މަސްވެރިކަމުގެ ތާރީހުގާ ، އެންމެ ގިނަ ފައިސާ މަސްވެރިންނަށް ސަރުކާރުން ދޫކުރި އަހަރު، އެއީ 1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ: ރައީސް

2023/02/06 10:03

މިދައުރުގެ ތެރޭގާ ފަތުރުވެރިކަމުގެ ދާއިރާއަށް 16758 އެނދު އިތުރު ކުރެވިއްޖެ، ރާއްޖޭގެ އުތުރާ ދެކުނަށް ފަތުރުވެރިކަން ފުޅާކުރުމުގެ މަޝްރޫޢު ފެށެނީ އައްޑޫއާ ހަނިމާދޫގެ އިންޓަރނޭޝަނަލް އެއަރޕޯޓުން، އެ އަރޕޯޓްތައް ނިމެމުންދާއިރު ، އެ ސަރަހައްދަށް ބޭނުންވާ އެނދު އިތުރު ކުރުމުގެ މަސައްކަތްވެސް ފަށައިފިންއައްޑޫ ، ހަންކެޑެ އިންޓަރގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫޢާ ، އައްޑޫގާ ތަރައްޤީކުރެވޭ 5 ރިޒޯޓަކީ މިދެންނެވި މަސައްކަތް، ހަމައެގޮތަށް އުތުރުން ބީލަމަށް ހުޅުވާލެވިފައިވާ ރަށްތަކަކީ ހަނިމާދޫ އެއަރޕޯރޓާ ގުޅިފައިވާ ރިޒޯޓްތައް، ކުރިއަށް އޮތްތަނުގާ އެސް.އެމް.އީ ބޭންކް ތައްޔާރު ވަމުންދާނީ މިދެ ސަރަހައްދުގާ  ކުދި ވިޔަފާރިވެރިން އުފައްދާ ކޮޅަށްޖެހުމަށް، ގެސްޓް ހައުސްތަކާ ، ސިޓީ ހޮޓާތަކުން އެސަރަހައްދުގެ ރައްޔިތުންނަށް އިތުރު ތަނަވަސްކަމާ ފަހި ފުރުޞަތު ލިއްބައި ދިނުމަށް: ރައީސް

2023/02/06 10:02

ވޭތުވެދިޔަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ފާގަތި އަހަރެއް، ހުސްވި 2022 ވަނައަހަރަށް ސަރުކާރުން އަމާޒު ހިފީ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް، އަހަރު ނިމިގެން ދިޔައީ އެޓާގެޓަށް ވުރެ މަތިން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްގެން، 2023 ވަނަ އަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރުމަކީ ސަރުކާރުގެ އަމާޒު، ހުސްވި ޖަނަވަރީ މަހުގެ ނިޔަލަށް 172,536 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވޭ، އެއީ 2022 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 31 އިންސައްތައިގެ ކުރިއެރުމެއް: ރައީސް

2023/02/06 10:01

އޯތެންޓިކް މޯލްޑިވްސްގެ ފިހާރަތައް ބައިނަލްއަޤްވާމީ ވާން ފަށައިފި، ޖަޕާންގެ ނަރީޓާ އަދި ކަންސާއި އެއަރޕޯޓުން އޯތެންޓިކް މޯލްޑިވްސްގެ އުފެއްދުންތައް މިހާރު ލިބޭނެ، ކުރިއަށްއޮތްތަނުގާ ދުނިޔޭގެ އެކި ގައުމުތަކުން އޯތެންޓިކް ދިވެހި އުފެއްދުންތައް ލިބޭނެ، މިފިހާރަތަކަކީ މިފަދަ އުފެއްދުންތައް މާކެޓްކޮށް އެވިޔަފާރިއަށް ފަހިކަން ގެނެސްދިނުމުގެ ޕްލެޓްފޯމް، އޭގެ ޒަރީއާއިން 2000 އަށްވުރެ ގިނަ ދިވެހި އުފެއްދުން ދުނިޔޭގެ މާކެޓްގާ ޑިސްޕްލޭ ކުރެވޭނެ މަގު ފަހިވެއްޖެ. މިހާތަނަށް 182 ދިވެހި ސަޕްލަޔަރުން މިވިޔަފާރީގާ ޙަރަކާތްތެރިވާއިރު އޭގެ 57 އިންސައްތައަކީ އަންހެނުން: ރައީސް

2023/02/06 10:00

ޕްރައިވެޓް ސެކްޓަރަކީ ދިވެހި އިޤްތިސާދުގެ ދިރުން. ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އެހީތެރިވެދޭ އެސްއެމްއީ ބޭންކަކީ އެޅުނު އެންމެ ހަރުދަނާ އެއް ފިޔަވަޅު. އެބޭންކް ގެ ހިސާބު ތަކަށް ބަލާއިރު ފެންނަނީ އުންމީދީ މަންޒަރެއް. ޒުވާނުންނާ ، އަންހެނުންނާ އުފެއްދުންތެރިކަމުގާ ކުރިއަށްދާ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން އެބޭންކުން ދެމުން އެބަދޭ، މިގޮތުން ޖުމްލަ 1100 ފަރާތަކަށް 1.16 ބިލިއަން ރުފިޔާ އެބޭންކުން މިހާތަނަށް ދޫކޮށްފި: ރައީސް

2023/02/06 10:00

ހުސްވި ޖަނަވަރީ މަހަކީ މިހާތަނަށް ރާއްޖޭގެ ތާރީހުގާ އެއް މަސްތެރޭ ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު މަސް، އެއީ 3.5 ބިލިއަން ރުފިޔާ، ކުރިއަށް އޮތްތަނުގެ އުންމީދު އާވެ ، ރައްޔިތުންނަށް އިތުރު ބޮޑުތަކުލީފެއް ކުރިމަތި ނުވާނެކަމުގެ އުންމީދު ހޯދިއްޖެ، އަދި ދައުލަތުގެ ރިޒާވް އޭގެ ރައްކާތެރި މިންގަނޑުގާ ދެމެހެއްޓޭނެކަމުގެ އިތުބާރު އިރާދަކުރެއްވިއްޔާ މިހާރު މިވަނީ ލިބިފަ، މިދިޔައަހަރު ނިމުނު އިރު ދައުލަތުގެ ރަސްމީ ރިޒަރވްގައި 827 މިލިއަން އެމެރިކާ ޑޮލަރުހުރި: ރައީސް

2023/02/06 09:59

ކޯވިޑް 19 އާއި ، ހަނގުރާމައިގެ ޙާލަތުން ދުނިޔޭގެ އިގްތިޞޯދަށް އެރި ލޮޅުމުގެ އަސަރު ރާއްޖެއަށް ނުހަނު ބޮޑުވި. މިކަމަށްޓަކާ ސަމާލުވެ ހޭލާތިބެ އަޅަންޖެހުނު މުހިންމު ފިޔަވަޅުތައް ސަރުކާރުން އެޅިން ، ރާއްޖޭގެ އިގްތިޞޯދުގެ ހަމަ ހިފެހެއްޓުމަށްޓަކާ މާލީ ސިޔާސަތަށް ގެންނަން ޖެހުނު ބަދަލު މިވަނީ ގެނެވިފަ، މިފިޔަވަޅުތަކާ އެކު ކުރިއަށް އޮތްތަނުގާ ކުރިމަތިވެދާނެ އިގްތިޞޯދީ އަޑިގުޑަން ކުޑަކުރެވިއްޖެ: ރައީސް

2023/02/06 09:59

މިދިޔަ 2022 ވަނަ އަހަރު ރާއްޖޭގެ އިގްތިޞޯދު ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ފުރަތަމަ ލަފާކުރީ 7.6 އިން ސައްތައިން، އަހަރު ނިމުނުއިރު ވޯލްޑް ބޭންކުގެ އަންދާޒާ 7.6 އިންސައްތައިން 12.4 އިންސައްތައަށް މަތިކުރި،މިހިނގާ އަހަރަށް ރާއްޖޭގެ އިގްތިޞޯދު ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރަނީ 8.2 އިންސައްތައިން: ރައީސް

2023/02/06 09:58

މާލެ ސަރަޙައްދުން ބޭރުގާ ހިންގޭ އެއަރޕޯރޓް އެޅުމުގެ އެންމެ ބޮޑު ދެމަޝްރޫޢު ދަނީ ކުރިއަށް. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓްގެ ޢަމަލީ މަސައްކަތް ފެށިއްޖެ. އަމާޒަކީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ރަންވޭ މިއަހަރުގެ ފަހު ކުއަރޓަރގާ ނިންމުން.  އަދި އައްޑޫ އިންޓަރނޭޝަލް އެއަރޕޯރޓްގެ ޢަމަލީ މަސައްކަތް ފެށުމަށް އިރާދަކުރެއްވިއްޔާ މިފެބްރުވަރީ މަހު ޙަވާލު ކުރެވޭނެ. މިއީ ރާއްޖޭގެ އެންމެ އުތުރާ ، އެންމެ ދެކުނަށް އަހަރަކު ޖުމްލަ 2.8 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ގޮތަށް ތަރައްގީ ކުރެވޭ ބައިނަލްއަގްވާމީ ޒަމާނީ ދެ އެއަރޕޯރޓް: ރައީސް

2023/02/06 09:57

ފ. މަގޫދޫ އަދި މ. މުލީ އެއަރޕޯރޓް ލަސްވެގެން މިއަހަރުގެ ނިޔަލަށް އިރާދަ ކުރެއްވިއްޔާ ނިމޭނެ. އަލިފުށީ އެއަރޕޯޓަށް ބޭނުންވާ ބިން އިތުރުކުރުމުގެ މަސައްކަތް ފެށިއްޖެ. މަކުނުދޫ ، ބިލެތްފަހި ، ތުޅާދޫ ، އަދި ވިލުފުށީ އެއަރޕޯރޓަށް ބޭނުންވާ ބިން އިތުރު ކުރުމުގެ އަމަލީ މަސައްކަތް މިއަހަރު މެދު ތެރޭ ފެށިގެންދާނެ. އަދި މީގެއިތުރަށް ރ. އަތޮޅު ދެކުނު ބިތުގަ ތަރައްޤީކުރެވޭ އެއަރޕޯޓާ ، ދެންވެސް ކޮންމެހެން ބޭނުންތެރި ޑޮމެސްޓިކް އެއަރޕޯޓްތަކާއެކު މުޅި ރާއްޖެ ، ވައިގެ މަގުން ގުޅާލައި ނިމޭނެ: ރައީސް

2023/02/06 09:57

ދިވެހިރާއްޖެއަށް ބޭނުންވާ ހުރިހާ ޑޮމެސްޓިކް އެއަރޕޯރޓެއް ގާއިމް ކުރުމުގެ މަޝްރޫޢު އެދަނީ ކުރިއަށް، ހޯރަފުށީ އެއަރޕޯޓު ހުޅުވިއްޖެ، މި އަންނަ މަހު ފަރެސްމާތޮޑާ އެއަރޕޯޓު ހުޅުވޭނެ، މާފަރު ބައިނަލްއަޤްވާމީ އެއަރޕޯޓުގެ އެކްސްޕޭންޝަން މަސައްކަތް ފެށިއްޖެ: ރައީސް

2023/02/06 09:56

މިއަދު ބޮޑުތިލަދުންމަތީގެ އިތުރުން ފާދިއްޕޮޅުގެ ހުރިހާ ރަށެއް ކޮންމެ ދުވަހަކު – އާދެ! ހަމަ ކޮންމެ ދުވަހަކު ، އެދަނީ އާރްޓީއެލްގެ ނިޒާމުން އަމުނާ ގަތާ ބަދަހިވަމުން، އިރާދަ ކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރިން ހުވަދުއަތޮޅާ ފުވައްމުލަކު ، އަދި އައްޑޫ ، އާރްޓީއެލްގެ މި ނިޒާމުން ގުޅާލާނެ، މިގޮތަށް ކުރިއަށް ގޮސް ރާއްޖޭގެ ހުރިހާ ރަށެއް އާރުޓީއެލުން ގުޅާލާނަން، އާރުޓީއެލްގެ މިނީބަހުގެ ޚިދުމަތް މާލެ ސަރަހައްދާއި ބޮޑެތި ރަށްތަކުގާ ފެށިއްޖެ: ރައީސް

2023/02/06 09:56

ދިވެހިރާއްޖޭގެ ރަށްތައް ތަރައްޤީވެ އިގްތިސާދީ ހަރަކާތްތަކަށް ފައްކާވަމުންދާއިރު ، ވާންޖެހޭ ގޮތެއް އޮވޭ، އެއީ އެރަށްތަކުގެ ގޮނޑުދޮށާ ހަމައިގާ ހުއްޓިފައި އޮންނަ އިގްތިސާދު މުޅި ރާއްޖެއަށް ފަތުރާލުން، އެކަން ކުރެވޭނީ އިތުބާރާ ޔަޤީންކަން އޮތް ބަދަހި ދަތުރު ފަތުރުގެ ނިޒާމަކުން. އެއްރަށް އަނެއްރަށާ ، އެއް އަތޮޅު އަނެއް އަތޮޅާ ގުޅި ، މުޅި ރާއްޖޭގާ އެކީއެކަށް ހިނގާ އިޤްތިޞާދީ އިންޖީނަކީ މިދެންނެވި ދަތުރު ފަތުރުގެ ނިޒާމް. އެއްގަމާ ، ކަނޑާ ވައިގެ މަގުން ރާއްޖެ ގަތާލެވޭ ގަތާލުން: ރައީސް

2023/02/06 09:55

ކަރަންޓާ ، ބަނދަރާ ، މަގާ ، ފެނާ ، ނަރުދަމާއާ ، އާރުޓީއެލް އަކީ މުޅިރާއްޖޭގެ އިގްތިޞޯދު އެތައް ގުނައަކުން ބިނާކުރެވޭ ބިންގާ. ބަނދަރާ ، ފެނާ ނަރުދަމާ ގާއިމް ކުރުމުގެ ކުރިން ބ.ފުޅަދޫގަ 2000 އަކަފޫޓުގެ ބިމެއްގެ ކުއްޔަކީ  7000 ރުފިޔާ، ބަނދަރު ނިމި، ފެނާ ނަރުދަމާގެ މަސައްކަތް ހިނގަން ފެށުމާއެކު ، މިއަދު ހަމަ އެބިމުގެ އަގަކީ 15000 ރުފިޔާ، މިހާރު އެކި ރަށްރަށުގާ ކުރިއަށް މިގެންދާ ތަފާތު އެކި ތަރައްޤީގެ މަޝްރޫޢުތައް ނިމެމުން ދިޔަވަރަކަށް އެރަށްތަކުގެ ބިމުގެ އަގުއަރާ، އެރަށުގާ އިޤްތިޞާދީ ހަރަކާތްތައް ހިނގަން ފަށާ ، އޭގެ މަންފާ ރައްޔިތުންނަށް ކުރާނެ: ރައީސް

2023/02/06 09:54

ހަކަތައަށް ގެނެވޭ އެންމެ ބޮޑު ދާއިމީ ޙައްލަކީ އިޢާދަ ކުރުވަނިވި ހަކަތަ. އެކަމަށްޓަކާ ހިންގޭ މަޝްރޫޢުގެ ދަށުން ކުރިއަށް އޮތް 2 އަހަރު ތެރޭގާ ރާއްޖޭގެ 39 ރަށެއްގެ އިންޖީނުގެ ދުވާލު ހަތަރުދަމު ނިއްވާލެވޭނެ. މިދެންނެވި މަޝްރޫޢު ފުރިހަމަ ވުމުން މުޅިރާއްޖެއިން ތެލަށް ކުރާ ޚަރަދު ކުޑަވެގެންދާނެ (.) ތެލުގެ ޚަރަދު ކުޑަވެއްޖެ ނަމަ ކަރަންޓުގެ އަގު ކުޑަވާނެ. ކަރަންޓުގެ އަގު ހެޔޮވެއްޖެނަމަ ، އެފައިސާ ކޮންމެވެސް އެހެން ކަމަކަށް ރައްޔިތުންގެ ޖީބަށް އިތުރުވާނެ: ރައީސް

2023/02/06 09:54

އެންމެ ބޭނުން ޖެހިފައިވާ 76 ރަށެއްގެ އިންޖީނުގެ މުޅިން އަލަށް ޒަމާނީ ފެންވަރަށް ޢިމާރާތްކޮށް ފުރިހަމަ ކުރެވިއްޖެ، 144 ރަށެއްގެ އިންޖީނުގޭގައި 313 ޖެނެރޭޓަރ ސެޓް އަލަށް ބެހެއްޓިއްޖެ. މިއީ ކުރިއަށް އޮތް 50 އަހަރަށް އެކަށޭނަ ބޮޑު ބަދަލެއް: ރައީސް

2023/02/06 09:53

މިދާގޮތަށްގޮސް މުޅިރާއްޖޭގެ ހުރިހާ ރަށެއްގެ ފެނާ ނަރުދަމާ މުޅިން ނިމޭނެ. މިއާ އެކުއެކީ ލަފާފުރުމުގެ ދަތިކަން ވެސް މުޅިރާއްޖެއިން ނައްތާލުމުގެ ފުޅާ މަޝްރޫޢު އެދަނީ ހިނގަމުން ، މަސައްކަތްތައް ނިމެމުން. ހުރިހާ ރަށެއްގެ ހުރިހާ އިންޖީނުގެ އެރަށަކާ އެކަށޭނަ މިންވަރަށް އެދަނީ ތަރައްގީކުރެވެމުން: ރައީސް

2023/02/06 09:53

މަސައްކަތާ ދިރިއުޅުމުގެ މާހައުލުގާ ގާނޫނުގެ ރައްކާތެރިކަމާ ޙިމާޔަތް އޮންނަން ޖެހޭ، އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ ބިލް ، ސަރުކާރުން މިހާރުވާނީ މިޢިއްޒަތްތެރި މަޖިލިހަށް ފޮނުވާފަ، އަދި އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް މަޖިލީހުގެ މިދައުރަށް ސަރުކާރުން ފޮނުވާނެ. މިފެށޭ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި މިބިލްތަކުގެ މަސައްކަތް ތިޔަ ޢިއްޒަތްތެރި މެމްބަރުން ކުރިއަށް ގެންގޮސް ނިންމަވައިދެއްވުމަށް އަޅުގަނޑު އެދެން: ރައީސް

2023/02/06 09:52

އަދި ސަރުކާރުގެ ވުޒާރާތަކުގާ 35 ޕަސަންޓް އެލަވަންސް ނުލިބި މިހާރު ތިއްބެވި ހުރިހާ މުވައްޒަފުންނަށް 1 މޭއިން ފެށިގެން މި އެލަވަންސް ލިބެންފަށާނެ، އަދި އަންނަ މާރިޗު މަހު ރާއްޖޭގެ ޔުނިވަރސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަށްވެސް އެ ހެޔޮ ބަދަލު އަންނާނެ، ޕޭ ހާމަނައިޒް ކުރުން ނިމިގެން ދާއިރު ، ޝަރުއީ ދާއިރާ އާ އިމާމުންނާ މުދިމުންނާ އަދި ޖުމްލަކޮށް ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުން ޝާމިލްވާނެ: ރައީސް

2023/02/06 09:52

މިދިޔަ އަހަރު މިމަގާމްގާ ހުރެ އަޅުގަނޑު ދެންނެވި ގޮތަށް ތަޢުލީމީ ދާއިރާގެ ޕޭހާމަނައިޒް ކުރިން، ދެންނެވި ތާރީޚުގާ ، އެމުވައްޒަފުންގެ މުސާރައަށް ބޮޑު ބަދަލެއް ގެނައިން، މިއަހަރު ކުރިއަށް އޮތީ ޞިއްޙީ ދާއިރާ (.) އިރާދަ ކުރެއްވިއްޔާ އަންނަ މޭ މަހުގެ 1 ން ފެށިގެން ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެ: ރައީސް 

2023/02/06 09:51

1 ޖަނަވަރީ 2022 ގައި ތަންފީޒުކުރަންފެށި މިނިމަމް ވޭޖްގެ ބޮޑު ބަދަލަށް އަހަރެއް ވެއްޖެ. މިއީ ދިވެހި އެތަކެއް މަސައްކަތްތެރިންނަށް ލިބުނު ބޮޑު ކުރިއެރުމެއް. ސީދާ ގޮތުގާ މިދެންނެވި ހެޔޮ ބަދަލު އައީ 33500 އަށް ވުރެ ގިނަ މަސައްކަތްތެރިންނަށް. 22  ސެޕްޓެމްބަރު 2022 ގައި ގެޒެޓް ކުރެވުނު ގާނޫނީ އަނެއް ހެޔޮ ބަދަލަކީ ފަތުރުވެރިކަމުގެ ޞިނާޢަތުގެ ސާރވިސް ޗާޖާގުޅޭ ބަދަލު. އެއީ މަދުވެގެން 10 އިންސައްތައިގެ ސަރވިސް ޗާޖެއް ނަގާ މުވައްޒަފުންގެ މެދުގާ ހަމަހަމައަށް ބެހުން ލާޒިމްކުރާ ގާނޫނީ ބަދަލު. މުވައްޒަފުންގެ އާމްދަނީ އަށް އައި ބަދަލުން އެޢާއިލާ ތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެއްޖެ: ރައީސް  

2023/02/06 09:49

ކ.ތުލުސްދޫ ޕޮލިޓެކްނިކް ސެންޓަރާ ، ނ.ކެނދިކުޅުދޫ ޖޫނިއަރ ކޮލެޖް މިހާރުވަނީ ކޮންޓްރެކްޓަރާ ހަވާލުކުރެވިފައި، ދެންއޮތީ ކުޅުދުއްފުއްޓާ ، ފުވައްމުލަކު ޓިވެޓް ސެންޓަރާއި ނ. ވެލިދޫ ޖޫނިއަރ ކޮލެޖްގެ މަސައްކަތް، އަޅުގަނޑު މިދިޔަ އަހަރުވެސް ދެންނެވިފަދައިން ، ޤައުމަށްޓަކާ ބިނާކުރެވޭ އެންމެ އުސްބިނާއަކީ ހެދި ހުރި ދިވެހި އިންސާނާ: ރައީސް

2023/02/06 09:49

6000 އަށްވުރެ ގިނަ ހުނަރުވެރިން ވަޒީފާގެ ބާޒާރާ މަސައްކަތު މާހައުލަށް ފައްކާ ކުރުމުގެ މަޝްރޫޢު އެދަނީ ހިނގަމުން. ރާއްޖޭގެ އެކި ސަރަޙައްދުތަކުގާ ޖޫނިއަރ ކޮލެޖް ، ޓިވެޓް ސެންޓަރު އަދި ޕޮލިޓެކްނިކް ސެންޓަރުތައް ޤާއިމްކުރުން ދަނީ ކުރިއަށް. ރ. އަލިފުށީގެ ޓިވެޓް ސެންޓަރާ ، ހއ. ދިއްދޫ ގެ ޖޫނިއަރ ކޮލެޖްގެ ޢަމަލީ މަސައްކަތް އެދަނީ ހިނގަމުން: ރައީސް

2023/02/06 09:48

މިހާތަނަށް 1986 ދަރިވަރަކަށް ސްޓޫޑަންޓް ލޯނުގެ ފުރުޞަތު ދީފިން. އަދި މި ލޯނުތަކުގެ ތަކުލީފު ކުޑަކުރުމަށްޓަކާ ސްޓޫޑަންޓް ލޯނު ސަރުކާރުން ރީ-ސްޓަރަކްޗަރ ކޮށްފިން. ކުރިން 5% ގައިހުރި އިދާރީ ފީ %1 އަށް ކުޑަކޮށްފިން. ލޯނު އަނބުރާ ދެއްކުން 20 އަހަރަށް އިތުރުކޮށްފިން. މިގެނެވުނު ބަދަލާއެކު ކުރީގެ ބޮޑު ރޭޓްގާ ދެއްކި ފައިސާ ވާނީ ޖުމްލަ ލޯނު އަދަދުން އުނިކުރެވިފަ. އަދި ކޮންމެ މަހަކު ދަރިވަރުން އަނބުރާ ދައްކާ ފައިސާ މިހާރު ކުޑަވާނެ: ރައީސް

2023/02/06 09:47

ރަނގަޅު ހެދިހުރި ޒުވާނަކަށް ބޭނުންވާ ތަޢުލީމާ ތަރުބިއްޔަތު ދިނުމަށްވުރެ ބޮޑު އިންވެސްޓްމެންޓެއް ގައުމަކުން ނުކުރާނެ. ބިނާކުރަނިވި އާ ޖީލެއް އުފެއްދުމަށްޓަކާ އެޅުނު އެންމެ މުހިންމު ބިންގަލަކީ ހިލޭ ޑިގްރީ ޕްރޮގްރާމް. މި ޕްރޮގްރާމަކީ ކޮންމެ މަޔަކާ ބަފައެއްގެ އަދި ބެލެނިވެރިއެއްގެ ރޭނިދި ގެއްލި ދިއުމަށް މިސަރުކާރުން ދިން ތަސައްލީ. އެ ކަންބޮޑުވުން މުޅި ރާއްޖެއިން ނައްތާލެވިއްޖެ. ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ހަމަ ކޮންމެ ދިވެހި ޒުވާނަކަށް މިއަދު އެބަ އޮތް. މިއަދާ ހަމައަށް 16315 ދަރިވަރުން ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގައި ބައިވެރި ވެއްޖެ. 6500 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ: ރައީސް

2023/02/06 09:46

މިހާތަނަށް ސްކޫލްތަކުގާ ކިޔަވައިދިނުމަށް އޮތް ތަކުލީފު ކުޑަކޮށް، ޖާގައާ ވަސީލަތްތައް އިތުރުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގާ 1578 ކްލާސްރޫމާ، 85 މަލްޓިޕާޕަސް ހޯލް ދަނީ ނިމެމުން. މީގެ އިތުރަށް ތަޢުލީމީ ދާއިރާއާ ގުޅޭ އިތުރު 509 ޢުމުރާނީ މަޝްރޫޢު އެދަނީ ހިނގަމުން ނިމެމުން: ރައީސް

2023/02/06 09:45

ތަފާތު ކުރުން ދޫކޮށްލުމުން،  ކުރިންނެތް އެތަށް ހަމަޖެހުމަކާއި ކިތަންމެ މަޞްލަޙަތެއް އިޢާދަ ކުރެވި ، ހިފެހެއްޓި - ދެމެހެއްޓިއްޖެ. ރައްޔިތުންގެ ފަރާތުން އުފެދި ރައްޔިތުންނަށް ހިދުމަތްކުރުމުގާ ދެމިތިބެގެން ސަރުކާރު ކުރިއަށްދާކަން، ރައްޔިތުންގެ ހިތްތަކަށް ވަންނަން ފަށައިފި: ރައީސް

2023/02/06 09:45

ހުރިހާ ތަފާތެއްގެ މަތީގާއި އެކަތިގަނޑެއްގެ ގޮތުގާއި، ގާއިމްވެ އޮންނަ މާމުގައްދަސް  އެހެން އެއްޗެއް އެބަވޭ، އެއީ މާތްވެގެންވާ އިސްލާމްދީނާ، ދިވެހިގައުމިއްޔަތާ، އަދި މިގައުމު، ދިވެހިދިދަ ދޭ ހިޔަލުގާ ނެތް ތަފާތެއް – ސަރުކާރަކަށް ނުގެންގުޅެވޭނެ: ރައީސް

2023/02/06 09:44

ދޭޭދޭ ކޮންމެ ދެމީހަކާއި ދެގެއާއި ދެއަވަށާއި ދެރަށާ އަދި ދެއަތޮޅު ވިޔަސް ، ފަރަގު ހުރޭ. އަމުދުން ސިޔާސީ ޕާޓީތަކުގާ އެކަން ބޮޑު. އެހެންނަމަވެސް، ސަރުކާރަށް ހައްތާވެސް ތިބޭނީ ހަމަހަމަ ދިވެހިރައްޔިތުން. އަދާކުރަން ޖެހޭ ޙައްގުތަކާ، އުފުލަން ޖެހޭ މަސްއޫލިއްޔަތާ،ދޭންޖެހޭ ޚިދުމަތުގާ ، ކޮންމެ ރައްޔިތަކީ ވެސް ސަރުކާރުގެ ކުރިމަތީގާ ގަދަރުވެރި ދިވެހިރައްޔިތެއް: ރައީސް

2023/02/06 09:42

ފާއިތުވި ހަތަރު އަހަރަކީ އޭގެ ކުރިން ހިނގާދިޔަ އަހަރުތަކަށްވުރެ މިދެންނެވި ގޮތުން ރާއްޖެއަށް ހަމަޖެހުން ގެނުވި ހަތަރު އަހަރު. އަދި ކުރިއަށް އޮތްތަނުގާވެސް އެންމެ ބޮޑު އިސްކަމެއް އަޅުގަނޑު ދޭނީ އެކަމަށް: ރައީސް

2023/02/06 09:41

އަލުން ރިޔާސީ ބަޔާން އިއްވަވަން ފައްޓަވައިފި

2023/02/06 09:18

މަޖްލިސް ފެށުމާއި އެކު އިދިކޮޅު މެމްބަރުން އިހްތިޖާޖު ކުރައްވާ މަޖިލިސް ހުއްޓުވުމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު، މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު، ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދު އަދި ފަރެސްމާތޮޑާ މެންބަރު ހުސެއިން މުހައްމަދުގެ ނަން މަޖިލީހުގެ ރިޔާސަތުން ވަނީ އިއްވަވާފައެވެ.

2023/02/06 09:15

ރިޔާސީ ބަޔާން އިއްވުމާއި ރައްޔިތުންގެ މަޖިލިސް މިއަހަރަށް ފެށިމަށް މިއަދު ބޭއްވުމަށް ޖަމަޖެހިފައިވާ ޖަލްސާ ފެށުމާއިއެކު، އިދިކޮޅު މެމްބަރުން މަޖިލީހުގައި އިހްތިޖާޖުކޮށް އަޑުގަދަކުރަން ފެށުމުން މަޖިލިސް ހަމަބޮލިވެ މަޖިލިސް މެދުކަނޑާލައިފިއެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް