
މުޅި މަޝްރޫއުގެ 83 ޕަސަންޓް މަސައްކަތް ވެސް ނިމިފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން ބުނެއެވެ.
އިންޑިއާގެ ކްރެޑިޓްލައިނުގެ ދަށުން ތަރައްގީކުރަމުން އަންނަ ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ. މި މަޝްރޫއުގެ ދަށުން 2.7 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލަކާއި އާ އެއާޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތެއްގެ އިތުރުން ފިއުލް ފާމެއް ހެދުމުގެ މަސައްކަތް ވެސް ކުރިއަށްދަނީ އެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން މި މަޝްރޫއަށް 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކުރެވޭނެ އެވެ. ހަނިމާދޫ އެއާޕޯޓަކީ މިވަގުތު ރާއްޖޭގައި ހިންގާ އެއާޕޯޓު ތަރައްގީކުރުމުގެ އެންމެ ބިޔަ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ އެއް މަޝްރޫއެވެ. އެންމެ ބޮޑެތި ބޯޓު ވެސް ޖެއްސޭ ގޮތަށް ހަދާފައިވާ އެ އެއާޕޯޓުގެ އާ ރަންވޭގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ.