ads
ބޭރުގެ ފަރާތްތަކަށް ދިގުމުއްދަތައް ބިން ވިއްކުން ހުއްޓާލުމަށް ކުއްލި މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް
ބޭރު މީހުންނަށް ބިން ވިއްކުން ހުއްޓުވަން މަޖިލީހަށް ހުށަހެޅި މައްސަަލަ ބޭރުކޮށްލައިފި
ބޭރުގެ ކުންފުނިތަކަށް ތިލަފުށީން ބިންނ 99 އަހަރަށް ދެވޭގޮތަށް ހަދާފައިވާ އުސޫލާއި ގުޅޭގޮތުން މަޖިލީހަށް ހުށަހެޅި މައްސަލައަށް ބަހުސް ކުރުމެއްވެސް ނެތި ބޭރުކޮށްލައިފި އެވެ.

ތިލަފުށީ ދެވަނަ ފިޔަވަހީން ސިނާއީ ބޭނުމަށް ބިން ވިއްކުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ވަނީ އިއުލާންކޮށްފަ އެވެ. މިތަނުން ބޭރުގެ ކުންފުނިތަކަށް ވެސް ބިން ގަނެވޭނެ އުސޫލެއް އެޗްޑީސީން ވަނީ ހަދާފަ އެވެ. 

އެގޮތުން، ބީލަން ކާމިޔާބުކުރާ ފަރާތަކީ ބޭރުގެ ފަރުދެއް ނުވަތަ ކުންފުންޏެއްނަމަ 99 އަހަރަށް ބިން ކުއްޔަށް ދޫކުރާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ. 

މިކަމާއި ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކާއިއެކު މިއަދުގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އެވެ. މި ކުއްލި މައްސަލައަށް ބަހުސްކުރުމާއިމެދު މިއަދު ނެގުނު ވޯޓުގައި މައްސަަލަ ބަލައިނުގަނެ ބޭރުކޮށްލީ، ވޯޓުގައި ބައިވެރިވި 45 މެމްބަރުންގެ ތެރެއިން 36 މެމްބަރުންގެ ވޯޓުން ނެވެ. މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ 9 މެމްބަރުން ނެވެ. ހަތަރު މެމްބަރުން ވޯޓުގައި ބައިވެރިވެސް ނުވެ އެވެ.

މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައިވަނީ ތިލަފުއްޓަކީ ދިވެހީންގެ ވިސްނުމާއި ހިތްމަތާއި މިންނަތުން އަދު ރައްޔިތުންގެ ބައިތުލުން މާލުން އުފައްދާ ތަރައްގީކުރަމުން އަންނަ ދިވެހީންގެ ސިނާއީ މަސައްކަތްތަކަށް ހާއްސަކުރެވިފައިވާ ތަނެއް ކަމަށެވެ. އަދި ބިމުގެ ދަތިކަން މާލޭ ސަރަހައްދުގައި ދިވެހި ވިޔަފާރިވެރިންނަށް ނުހަނު ބޮޑަށް ކުރިމަތިވެފައި އޮތްއިރު ބީލަމުގެ އުސޫލުން ބިދޭސީންނަށް 99 އަހަރަށް ނުއަގުގައި ވިއްކުމަކީ ދިވެހި ވިޔަފާރި ވެރިންނަށް އަދި އިގްތިިިސޯދަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމެއް ކަމަށެެވެ. 

ބިން ގަތުމުގެ ވާދަވެރިކަމުގެ ތެރޭގައި، ހާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރީން ބިދޭސީންނާއި ވާދަކުރަންޖެހޭފަދަ އުސޫލެއް އުކުލަވާލައި، ދިވެހީންނެކޭ އެއްގޮތަށް ބިދޭސީންނަށް ބިން ގަނެވޭގޮތް ހެދުމަކީ ދިވެހީންނަށް ވިޔަފާރީގެ ފުރުސަތުތައް ހަނިވެ، ކުރިމަގުގައި ދިވެހީންގެ ވިޔަފާރިތައް ކޮންޓްރޯލް ކުރުމުގެ ބާރު ބޭރުގެ ކުންފުނިތަކުގެ އަތްމައްޗަށް ގޮސްދާނެ ކަމެެއްކަންވެސް މެމްބަރު ފާހަގަކުރެއްވި އެވެ. 

އެހެންވެ، ވަގުތީ މަންފާއަކަށް މާލޭ ސަރަހައްދުން ބިދޭސީންނަށް ނުއަގުގައި 99 އަހަރަަށް ބިން ވިއްކުމަކީ ރާއްޖޭގެ އިގްތިސޯދަށް ދިގުމުއްދަތެއްގެ ގެއްލުން ލިބިދާނެ ކަމެއްކަމަށްވާތީ، ބޭރުގެ ކުންފުނިތަކާއި ފަރާތްތަކަށް ބިން ވިއްކުން ހުއްޓާލުމަށް، އެ ކުއްލި މައްސަލާގައި ގޮވާލާފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް