މީގެތެރެއިން ތަކުރާރުކޮށް ވިޕްލައިންތަކާއި ހިލާފުވި ބައެއް މެމްބަރުންނަށް ފިޔަވަޅު އެޅިކަން އަންގައި މިހާރު ދަނީ ސިޓީ ފޮނުވަމުން ނެވެ.
އެ މެމްބަރުންގެ ތެރެއިން ޕާޓީން ދޭ އިނާޔަތްތައް ކަނޑާލާކަން އަންގައި ސިޓީ ފޮނުވާފައިވާ މާފަންނު މެދުދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ އެޅި ފިޔަވަޅުގައި ތަފާތުކުރުން އޮތްކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އެގޮތުން ސިޓީގެ ޖަވާބުގައި އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕް ލީޑަރު އަސްލަމަށް، މެމްބަރު އިބްރާހިމް ރަޝީދު ފޮނުވި ސިޓީގައި ބުނެފައިވަނީ، މިދިޔަ ދައުރުގެ ބަޖެޓް ވޯޓުގައި ވިޕްލައިންއާއި ހިލާފްވުމާއި ގުޅިގެން ފިޔަވަޅު އަޅާ ތިން ސިޓީއެއް އޭނާ އަށް ލިބިފައިވާ ކަމަށެވެ.
މެމްބަރު ވިދާޅުވިގޮތުން، އެތަނުން ދެ ސިޓީގައި އެދިފައިވަނީ 2023 ވަނަ އަހަރުގެ ސަޕްލިމެންޓަރީ ބަޖެޓްގައި ބިލިއަނުން ތަފްސީލެއްނެތި ބަޖެޓުގައި ޖަހާފައިވާ ރުފިޔާ އަދަދު ތަކުގެ ތަފްސީލު ހޯދުމަށް އެދިފައިވާ ދެ ރެކޮމެންޑޭޝަން ހުއްޓުވުމަށް ޕާޓީން ނެރިފައިވާ ވިޕުގެ އިތުރުން ޓީޖީއެސްޓީއާއި ޖީއެސްޓީ އިތުރަށް ބޮޑުކުރާން ވޯޓުނުދިމަކީ ވެސް ކުށެއްކަމަށެވެ. އެހެންވެ އެކަމަށް މާފަށް އެދުމަށެވެ.
ގާނޫނުއަސާސީގައި ބަޔާންކުރާ ރައްޔިތުންގެ މަޖިލީހު މެމްބަރުންގެ ވާޖިބަކީ އަދި ތަމްސީލްކުރަން ޖެހޭނީ ދާއިރާއާއި ރާއްޖޭގެ އެންމެހާ ރައްޔިތުންގެ ހައްގުތައްކަމުން މެމްބަރަކު ދޭ ވޯޓަކީ ދާއިރާއާއި މުޅިރާއްޖޭގެ ރައްޔިތުންގެ ހައްގުގައި ދެވޭ ވޯޓެއްކަމަށް އަބަދުވެސް ދެކޭ ކަމަށް މެމްބަރުގެ ސިޓީގައި ވެއެވެ.
ފިޔަވަޅު އެޅިކަން އަންގައި ފޮނުވި ތިންވަނަ ސިޓީގައި އޮތީ ޕާޓީގެ ފަރާތުންދޭ އިނާޔަތްތައް ކަނޑާލިކަމުގެ ވާހަކަ އެވެ. އެކަމަށް ޝަކުވާއެއް ނެތްކަމަށް މެމްބަރު ވިދާޅުވި އެވެ.
ޕާލަމެންޓަރީ ގުރޫޕުން ފާސްކުރާ ވިޕަށް ވޯޓުދިނުމަށް މަޖިލީހަށް ހާޒިރުނުވުމަކީ ވެސް ވިޕްލައިނާއި ހިލާފުވުމެއްކަން ފާހަގަކުރައްވާ އެ ސިޓީގައި ވަނީ އެހެންކަމުން ފާއިތުވީ ހަތަރު އަހަރު އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނެރިފައިވާ ވިޕަށް ވޯޓުދޭން މަޖިލީހުގެ އެތަކެއް ޖަލްސާއަށް ހުދު ޕީޖީ ގުރޫޕުގެ ލީޑަރު އަސްލަމްވެސް ހާޒިރުނުވާ ކަމަށެވެ.
އެޅި ފިޔަވަޅަކީ ގަވާއިދާއި ހިލާފަށް އަޅާފައިވާ ފިޔަވަޅެއް ކަމަށް ވިދާޅުވެ، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ ކަންބޮޑުވުމާއިއެކު އަސްލަަމަށް މެމްބަރު ލަތީފް ފޮނުވި ސިޓީގައި އޮތީ، މެންބަރަކު ވިޕްލައިނާއި އެއް ގޮތަށް އަމަލު ނުކޮށްފިނަމަ، އެ ކަން އެ ގޮތަށް އެ މެންބަރަކު ކުރި ސަބަބު ވިޕުން އޮޅުން ފިލުވައި، އެ ކަމުގެ މައުލޫމާތު ޕާޅިމެންޓްރީ ގްރޫޕްގެ ލީޑަރަށް އަންގަންވާނެ ކަމަށް ސާފުކޮށް އޮންނަ ކަމަށެވެ. އެކަމަކު އެ މައްސަލާގައި ފިޔަވަޅު އަޅާފައިވަނީ އެގޮތަށް ނޫންކަމުން އެއީ ހިންގާ ގަވާއިދާ ހިލާފަށް އެޅި ފިޔަވަޅެއް ކަމަށް މެމްބަރު ލަތީފުގެ ސިޓީގައި ވެއެވެ.
މިކަމާއި ގުޅޭގޮތުން އަސްލަމްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެެވެ.