ads
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ--
ސަރުކާރުން އަދާލަތަށް ހައްގުވާ މިންވަރު ލިބެން ޖެހޭ: ހޯމް މިނިސްޓަރު އިމްރާން
ސަރުކާރުގެ ތެރެއިން އަދާލަތު ޕާޓީއަށް ހައްގުވާ މިންވަރު ލިބެން ޖެހޭނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ އެ ޕާޓީއަށް ނިސްބަތްވާ ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފުގެ ބޮލުގައި ހުރިހާ ކަމެއްގެ އިހުމާލު ނޭޅުވޭނެ ކަމަށެވެ. 

އެގޮތުން ޝިދާތާގެ އިހުމާލު ނުހިމެނޭ ދެ ކަމެއް އޭނާގެ ބޮލުގައި އެޅުވި ކަމަށެވެ. އެއީ ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އެމްބެސެޑަރު އަހުމަދު ހިޝާނަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތަކެވެ. 

އިމްރާން އެހެން ވިދާޅުވިއިރު، މިދިޔަ މަހު ޝިދާތާ އިސްތިއުފާ ދެއްވާފައި ވަނީ އެ ދެ މައްސަލާގައި ކުރިމަތިވި ޕްރެޝާގެ ސަބަބުންނެވެ. އެހެންކަމުން މިހާރު ސަރުކާރު ކޯލިޝަނުގައި ތިބީ އަދާލަތުގެ ދެ މިނިސްޓަރުންނެވެ. އެއީ އިމްރާނާއި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރެވެ. 

އިމްރާން ވިދާޅުވީ ޝިދާތާގެ ބަދަލުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަނު ކުރެއްވި ފަރާތް ގަބޫލުކުރައްވަން ޖެހިވަޑައިގެންފައިވާ ކަމަށެވެ. 

އާ ޖެންޑާ މިނިސްޓަރުގެ މަގާމަށް އައްޔަނު ކުރެއްވި އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އާއިޝަތު މުހައްމަދު ދީދީ އަކީ ""މާބޮޑު ދެކޮޅުވެރިކަމެއް ނެތް، މައްސަލަ ނުޖައްސާނެ" ފަދަ ބޭފުޅެއް ކަމަށް އިމްރާން ވިދާޅުވި އެވެ. 

އެ ނިންމުން ނިންމުމުގެ ކުރިން ރައީސް ވަނީ އިމްރާނާ ބައްދަލުކޮށްފައި ކަމަށާއި، އަދާލަތު ޕާޓީއަށް ހައްގުވާ މިންވަރު ހޯދަދޭން މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅަށް އިތުބާރު ކުރައްވާ ކަމަށާއި "އެކަމަށް ވަގުތުކޮޅެއް ނަގާނެ" ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. 

53%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
47%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް