
ޑރ. މާލާއަކީ ކީރިތި ޤުރުއާނުގެ އާޔަތްތައް ކިޔަވައިގެން ވަގުތުން މަންމަނު މީހުންނާއި، އަޑު ނީވޭ ބީރު މީހުން އަދި ލޮލަށް ނުފެންނަ މީހުންނަށް ފަރުވާދޭ މީހެކެވެ. އޭނާ ވަނީ މިހަފުން ރާއްޖެއައިސް ރާއްޖޭގައިވެސް ބައެއް ކުދިންނާއި މީހުން ރަނގަޅުކޮށްފައެވެ.
ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މާލާ ރާއްޖޭގައި މަސައްކަތްކޮށްފައިވަނީ އެ މިނިސްޓްރީން ހޯދަންޖެހޭ ހުއްދަތައް ނުހޯދާކަމަށެވެ. އެހެންކަމުން އޭނާ ރާއްޖޭގައި ފަރުވާދިން މައްސަލަ ބަލަމުން ގެންދާކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.
އޮފިޝަލް ވިދާޅުވީ ޑރ މާލާގެ މައްސަލަ ފެންމަތިވެ ބެލިއިރު އޭނާ ރާއްޖޭގައި ނެތްކަމަށާއި އެހެންކަމުން އޭނާ ރާއްޖެއިން ދިޔައީ ކޮން ތަންތަނަކަށްތޯ ބަލަމުން ގެންދާކަމަށެވެ.
ހެލްތު މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ މާލާގެ މައްސަލަ ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށެވެ.
ޑރ މާލާއަކީ އިރާގްގެ ކުރުދީއެކެވެ. ވާހަކަ ނުދެއްކޭ މީހުންނާއި އަޑު ނީވޭ މީހުން ޤްރުޢާން ބޭނުންކޮށްގެން އޭނާ ރަނގަޅު ކުރުމަށްފަހު ފުރަތަމަ ވެސް އެމީހުން ލައްވާ ކިއުންވަނީ "ﷲ" އެވެ. އޭނާ ރާއްޖެއައިސް ފަރުވާދީ މީހުން ރަނގަޅުކޮށްފައިވާ ވީޑިއޯތައް އޭނާގެ ޔޫޓިއުބް ޗެނަލްގައިވަނީ ހިއްސާކޮށްފައެވެ.
ޑރ މާލާގެ ފަރުވާގެ ސަބަބުން އޭނާ މަޝްހޫރުވެފައިވީ ނަމަވެސް ބައެއް ގައުމުތަކުން އޭނާއާއިމެދު ޝައްކުގެ ނަޒަރަކުން ދެކެއެވެ. އެގޮތުން އޭނާ މީގެކުރިން ވަނީ މަކަރު ހަދާކަމަށް ބުނެ ސައުދީ އަރަބިއްޔާއިން ޑީޕޯޓުވެސް ކޮށްލާފައެވެ.
ރާޢްޖޭގައި މާލާ ހުރިކަމުގެ ހަބަރުތައް ލިބުމުން ބައެއް އިލްމުވެރިންވެސް އަދި ދީނީ ދައުވަތު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ފަރާތްތައްވެސް ވަނީ އޭނާއާއި މެދު ސަމާލުވުމަށް ގޮވާލާފައެވެ. އަދި އޭނާގެ ހަރަކާތްތައް ބެލުމަށް ސަރުކާރަށްވެސް ގޮވާލާފައި ވެއެވެ.