
ޑރ. މާލާއަކީ ކީރިތި ޤުރުއާނުގެ އާޔަތްތައް ކިޔަވައިގެން ވަގުތުން މަންމަނު މީހުންނާއި، އަޑު ނީވޭ ބީރު މީހުން އަދި ލޮލަށް ނުފެންނަ މީހުންނަށް ފަރުވާދޭކަމަށް ދައުވާކުރާ މީހެކެވެ.
އޭނާގެ ފަރުވާ ހޯދުމަށް ގިނަ އަދަދެއްގެ މުސްލިމުން އޭނާ ގާތައް ދެއެވެ. މިގޮތުން ދާދިފަހުން އޭނާވަނީ ރާއްޖެއަށް އައިސްފައެެވެ.
އޭނާ ރައްޖެއަށް އައިކަން އޭނާގެ ޔޫޓިއުބް އެކައުންޓުގައި ވަނީ އިއުލާނުކޮށްފައެވެ. އޭނާ ރާއްޖެއައިކަމަށް ބެލެވެނީ މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ.
ޑރ. މާލާގެ ސޯޝަލް މީޑިއާތަކުގައި ދިވެހި ދިދައެއް މޭމަތީގައި ޖަހައިގެން ބައެއް ދިވެހިންނަށް ވެސް 'ފަރުވާ' ކުރަމުން ގެންދިޔަތަން ވަނީ ފެނިފައެވެ.
ޑރ. މާލާ އަކީ އިރާގު މީހެކެވެ. އޭނާ މީގެ ކުރިން ވަނީ މަކަރު ހަދާކަމަށް ބުނެ ސައުދީ އަރަބިއްޔާއިން ޑީޕޯޓުވެސް ކޮށްލާފައެވެ.
މިއަދު ސީއެންއެމްއިން ލިޔުނު ހަބަރުގެ ސްކްރީންޝޮޓަކާއެކު އަލީރަމީޒް ވިދާޅުވެފައިވަނީ މާލާއާ މެދު "ސަމާލުވުމަށް އެންމެހާ ބޭފުޅުންނަށް އިލްތިމާސް ކުރާ،" ކަމަށެވެ.
"ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން މީނާ ކުރަމުން މިގެންދާ ކަންތައް ބެލުމަށް ގޮވާލަން،" އަލީ ރަމީޒް މިއަދު ވިދާޅުވެފައިވެއެވެ.
މާލާ އަކީ ކޮން އާޓިސްޓެއް ކަމަށް ބައެއް މީހުން ބުނި ނަމަވެސް، އޭނާއަށް އޮތް ތަރުހީބު ގިނަ މުސްލިމުންގެ ތެރޭގައި ވަރަށް ބޮޑެވެ. އޭނާ ރާއްޖެ އައުމުގެ ކުރިން ހުރީ ޕާކިސްތާނުގައެވެ.