ރައްޔިތުން މަޖިލީހުގެ މިދައުރުގެ ފުރަތަމަ ޖަލްސާގައި ހިނގި ހަމަނުޖެހުން ހުއްޓުވަން ހަރަކާތްތެރިވި މަޖިލީހުގެ އަންހެން ސެކިއުރިޓީންނަށް ސޯޝަލް މީޑިއާގައި ކިޔާފައިވާ ފާޑުކިއުންތައް ކުށްވެރި ކުރައްވައި އިއްޔެގެ މަޖިލީހުގައި ރޮޒައިނާ ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.
ރޮޒައިނާ ވިދާޅުވީ އެ ހަމަނުޖެހުމުގައި އަންހެން ސެކިއުރިޓީން ހަރަކާތްތެރިވީ އެމީހުނާއި ހަވާލުވެގެންތިބި ވެރީން އެންގެވުމުން ކަމަށާއި، އެކަން ހިގާފައިވަނީ އިޖުރާއަތުތަކާއި ހިލާފަށް ކަމަށެވެ. އެހެންވެ ކުރިއަށް އޮތްތަނުގައި ފިރިހެން މެމްބަރުން ނެރުމުގައި އަންހެން މެމްބަރުން ނެރެން އަންހެން ސެކިއުރިޓީން ބޭނުންކުރަން ނެޖެހޭނެ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް އިއްޔެގެ މަޖިލީހުގައި އެކަމަނާ ވިދާޅުވި އެވެ.
މިއަދު އެ އިސްލާހު ހުށަހަޅުއްވާފައިވާއިރު، ރޮޒައިނާ ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ހަމަނުޖެހުންތައް ހުއްޓުވުމާއި، މީހުން ހައްޔަރުކުރުމުގައި އަދި ބަލާ ފާސްކުރުމުގައި އެމްއެންޑީއެފް އާއި ފުލުހުންގެ އިތުރުން އިމިގްރޭޝަން ފަދަ ތަންތަނުގައި ވެސް ހަރަކާތްތެރިވަނީ އެ ޖިންސަކަށް ނިސްބަތްވާ މީހަކު ކަމަށެވެ. އެހެންވެ، މަޖިލީހުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ވެސް އެކަން އޮންނަންވާނީ އެހެން ކަމަށެވެ. އަދި އެ އުސޫލުތަކާއި ހިލާފަށް މީގެ ކުރީން މަޖިލީހުގައި އަމަލުކޮށްފައި ނުވާކަންވެސް ފާހަގަކުރި އެވެ.
ރޮޒައިނާ ހުށަހެޅުއްވީ މަޖިލީހުގެ ގަވާއިދުގެ 23 ވަނަ މާއްދާގެ (ބ) އަށް އިސްލާހު ގެނައުމަށެވެ. ބަދަލު ގެންނަން ހުށަހެޅި އެއިސްލާހުގައި ވަނީ:
- މަޖިލީހުގެ ޖަލްސާއަށް ހާޒިރުވުމުގެ ހުއްދައޮތް މީހަކު ފިޔަވައި ޖަލްސާ ހިގަމުންދާ ވަގުތު އެ އެމާލުގައި ނުބެހެއްޓުމަށް
- މަޖިލީހުން މީހަކު ނެރެން ޖެހިއްޖެނަ އެ ނެރެންޖެހޭ މީހަކީ ފިރިހެނަކު ނަމަ ހަރަކާތްތެރިވާނީ ފިރިހެން އިންޓާނަލް ސެކިއުރިޓީން ކަމަށް
- މަޖިލީހުން ނެރެންޖެހެނީ އަންހެނަކު ނަމަ ހަރަކާތްތެރިވާނީ އަންހެން އިންޓާނަލް ސެކިއުރިޓީން ކަމަށް
ރޮޒައިނާ އިއްޔެވެސް ވިދާޅުުވެފައިވަނީ، މިދައުރުގެ ފުރަތަމަ ޖަލްސާގައި އަންހެން ސެކިއުރިޓީން ފިރިހެން މެމްބަރުންގެ ގައިގާ އަތްލާ ދަމާކޫތަމުން އެމީހުން ނެރުނީ ކޮންމެހެން އެސެކިއުރިޓީން ބޭނުންވެގެން ނޫންކަމަށެވެ.
ރިޔާސީ ބަޔާން އިއްވުމަށް އިއްޔެ ބޭއްވި ޖަލްސާގައި އިދިކޮޅު މެންބަރުން އަޑުގަދަކޮށް އިހުތިޖާޖު ކުރަން ފެށިއެވެ. އެކަން ހުއްޓާލުމަށް ތަކުރާރުކޮށް އެދުމުން ވެސް އަޑުމަޑުނުވުމުން ނަން އިއްވުމަށްފަހު އެމެމްބަރުން މަޖިލީހުން ނެރެން އެންގެވި އެވެ. އާންމުކޮށް އެކަން ކުރައްވާ ސާޖަންޓް އެޓް އާމްސްގެ މަގާމު މިވަގުތު ހުސްކޮށް އޮތުމުން އިއްޔެ އެކަން ކުރެއްވީ މަޖިލީހުގެ ސެކިއުރިޓީ އޮފިސަރުން ނެވެ. އޭގެތެރޭގަައި އަންހެން ދެ ސެކިއުރިޓީއަކުވެސް ހިމެނެ އެވެ.
މެމްބަރުން ނެރެން މަސައްކަތް ކުރުމުގެ ތެރޭގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުގެ ކޯޓު ވީދުނުވެސް މެއެވެ.