ads
އާސަންދަ
ފިނޭންސްގެ ރިޕޯޓުގައި ހުރީ ޖެނުއަރީ މަހުގެ އެކަނި ހަރަދެއް ނޫން: އާސަންދަ
މިދިޔަ ޖެނުއަރީ މަހު އާސަންދައިގެ ހަރަދު ހަތަރު ގުނަ އިތުރުވެފައިނުވާ ކަމަށާއި، ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ރިޕޯޓުން ޖެނުއަރީ މަހުގެ ހަރަދުތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ އެމަހު އެކަނި ރައްޔިތުން ހޯދި ހިދުމަތުގެ ހަރަދު ނޫން ކަމަށް އާސަންދައިން ބުނެފި އެވެ.
Advertisement

ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ރިޕޯޓުން ދައްކާގޮތުގަައި މިދިޔަ އަހަރުގެ ޖެނުއަރީގައި އާސަންދައަށް ހަރަދުވެފައިވަނީ 67.9 މިލިއަން ރުފިޔާ އެވެ. އެކަމަކު މިއަހަރުގެ ޖެނުއަރީ މަހު ހަރަދުވެފައިވާ ކަމަށް ދައްކަނީ 283.4 މިލިއަން ރުފިޔާ އެވެ. 

އަހަރެއްތެރޭ އެންމެ މަހެއްގެ ހަރަދު ހަތަރުގުނަ އިތުރުވެފައިވަނީ ކިހިނެތްތޯ ސާފުކުރުމަކީ މުހިންމު ކަމެއްކަމަށް މިދިޔަ އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ. 

އެކަން އެގޮތަށް ވެފައިވަނީ ބަލިމީހުން އިތުރުވުމުގެ ސަބަބުންތޯ ނުވަތަ އެތެރޭގެ އިންތިހާބަކާއި ގުޅިގެންތޯވެސް ނަޝީދު ވަނީ ސުވާލު އުފައްދަވާފަ އެވެ. ރައީސް ނަޝީދު ތުހުމަތު ކުރެއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާއި ގުޅިގެން އާސަންދައިން ހަރަދުކުރުން އިތުރުވި ކަމަށެވެ.

އާސަންދައިން "ސީއެންއެމް" އަށް ބުނިގޮތުގައި ރައްޔިތުން ‏‏ހޯދާ ހިދުމަތްތަކަށް، ހިދުމަތް ދޭ ފަރާތުން ބިލް ފޮނުވުމުން އެ ބިލްތައް ޕްރޮސެސް ކުރުމަށްފަހު ޕޭމަންޓް ހެދުމަށް އާސަންދައިން ފޮނުވަނީ އެންސްޕާ މެދުވެރިކޮށް މިނިސްޓްރީ އޮފް ފިނޭންސަށެވެ. 

‏"ފިނޭންސްގެ ވީކްލީ ފިސްކަލް ރިޕޯޓުގައި ވަނީ 2022 އަދި 2023 ގެ ޖެނުއަރީ މަހު ފިނޭންސުން ފައިސާ ދައްކާފައިވާ (ސެޓްލްކުރި) ބިލުތަކުގެ އަދަދުން ‏‏ޖުމުލަ ހަރަދުވީ ވަރު. އެއީ އާސަންދަ ސްކީމުން ޖެނުއަރީ މަހު ރައްޔިތުން ހޯދާފައިވާ ހިދުމަތްތަކަށް ހަރަދުވީ އަދަދެއް ނޫން،" އާސަންދައިން ބުންޏެވެ.

އާސަންދައިން ބުނީ ޖެނުއަރީމަހުގެ ހަރަދުތައް ބޮޑުކަމަށް ފިނޭންސްގެ ރިޕޯޓްގައި ދައްކަނީ އޭގެ ކުރީގެ ބިލްތަކާއިއެކު ޖެނުއަރީ މަހު، ފިނޭންސުން ބިލްތަކަށް ފައިސާދައްކާފައިވާތީ ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރުން ފެށިގެން 2023 ގެ ޖެނުއަރީގެ ނިޔަލަށް ހިނގާފައިވާ ހަރަދު އަދި ހިދުމަތް ހޯދި ވަކި ވަކި ފަރުދުންގެ ޖުމްލަ އަދަދުތައް އާސަންދަ ވެބްސައިޓުގައި މިހާރު ހުރީ ޝާއިއު ކޮށްފަ އެވެ. 

އެ އަދަދުތައް ދައްކާގޮތުން ފާއިތުުވި ފަސް މަސް ދުވަސްތެރޭ ހިދުމަތް ހޯދި މީހުންގެ އަދަދާއި ހިދުމަތައް ހަރަދުވީ އަދަދަށް މާބޮޑު ބަދަލެއް ނާދެ އެވެ. އެކަމަކު، އެ މުއްދަތުގައި ހިދުމަތް ބޭނުންކުރި މީހުންގެ އަދަދާއި، ހިދުމަތައް ހަރަދުވި ވަރުވެސް އެހެން މަސްތަކަށްވުރެ މިދިޔަ މަހު އިތުރެވެ. 

އޮކްޓޫބަރު 2022 އިން ޖަނަވަރީ 2023 ގެ ނިޔަލަށް އާސަންދަ ސްކީމްގެ ދަށުން ހިދުމަތް ހޯދި މީހުންގެ އަދަދު:

  • 2022 އޮކްޓޯބަރު: 160،291 
  • 2022 ނޮވެމްބަރު: 163،366 
  • 2022 ޑިސެމްބަރު: 157،145 
  • 2023 ޖެނުއަރީ: 165،772

އޮކްޓޫބަރު 2022 އިން ޖަނަވަރީ 2023 ގެ ނިޔަލަށް އާސަންދަ ސްކީމްގެ ދަށުން ހަދާފައިވާ ޓްރާންސެކްޝަންތަކުގެ ޖުމުލަ ހަރަދު:

  • 2022 އޮކްޓޯބަރު: 183.1 މިލިއަން 
  • 2022 ނޮވެމްބަރު: 181.4 މިިލިއަން 
  • 2022 ޑިސެމްބަރު: 194.2 މިލިއަން 
  • 2023 ޖެނުއަރީ: 200.4 މިލިއަން 

މިދިޔަ އަހަރުގެ ފަހު ތިންމަހުގެ ތެރެއިން އެންމެ ގިނައިން އާސަންދައިން މީހުން ހިދުމަތް ހޯދާފައިވަނީ ނޮވެމްބަރު މަހު އެވެ. އެމަހު 163،366 މީހުން އާސަންދައިން ހިދުމަތް ހޯދާފައިވާއިރު ދެން އެންމެ ގިނައިން ހިދުމަތް ބޭނުންކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހު އެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީގައި 165،772 މީހުން ހިދުމަތް ހޯދާފައި ވެއެވެ. އެއީ 2406 މީހުންގެ އިތުރުވުމެކެވެ. 

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އާސަންދައިން ހަރަދުކޮށްފައިވަނީ 181.4 މިލިއަން ރުފިޔާއެވެ. އަދި ޖެނުއަރީ މަހު ހަރަދުކޮށްފައިވަނީ 200.4 މިލިއަން ރުފިޔާ އެވެ. އެއީ ނޮވެމްބަރުމަހާއި އަޅާބަލާއިރު 19 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ނަމަވެސް މިދިޔަ އަހަރުގެ ފަހު ތިން މަސްދުވަހުގެ ތެރެއިން އެންމެ ބޮޑު ހަދަރެއް އާސަންދައިން ކޮށްފައިވާ ޑިސެމްބަރުމަހާއި އަޅާބަލާއިރު ޖެނުއަރީމަހު އާސަންދައިން ކުރި ހަރަދު އިތުރުވެފައިވަނީ ކުޑަ ތަންކޮޅެކެވެ. 

ޑިސެމްބަރު މަހު އާސަންދައިން 157،145 މީހުން ހިދުމަތް ހޯދާފައިވާއިރު އެމަހު ހަރަދުކޮށްފައިވަނީ 194.2 މިލިއަން ރުފިޔާއެވެ. އެއީ ޖެނުއަރީ މަހު ހަރަދުކުރި 200.4 މިލިއަން ރުފިޔާއަށް ވުރެ 6.2 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް