ads
މީރާގެ މުވައްޒަފުން ހިދުމަތް ދެނީ: ކުރިޔަށް އޮތް ދެ އަހަރުގެ ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން އެ އޮތޯރިޓީން ވަނީ ޝާއިއުކޮށްފައި - ފޮޓޯ:މީރާ
ކުރިޔަށްއޮތް ދެ އަހަރުގެ ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން މީރާއިން ޝާއިއުކޮށްފި
މީރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީގެ ދަށުން 2023-2024 ގެ 'ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން' މީރާގެ ވެބްސައިޓުގައި ޝާއިއުކޮށްފިއެވެ.

ފާއިތުވި އަހަރުތަކާއި ހިލާފަށް ކުރިއަށްއޮތް ދެ އަހަރަށް މީރާއިން ތައްޔާރުކޮށްފައިވާ ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން އެކުލަވާލާފައިވަނީ ވަކިވަކި ސިނާއަތްތަކުން ޓެކްސް ދެއްކުމުގައި ހުރި ރިސްކުތަކުގެ އިތުރުން އެ ރިސްކުތަކާއި މުނާސަބު ފިޔަވަޅު އެޅުމަށް ހިންގޭނެ ހަރަކާތްތައް ހިމަނައިގެންނެވެ.

ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭނުގައި އާންމު އުސޫލުން ޓެކްސް ދައްކާ ފަރާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން މީރާއިން ކުރިއަށް ގެންދަން ރާވާފައިވާ ކަންކަމުގެ އިތުރުން ކުރިއަށް އޮތް ދެ އަހަރަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހާއްސަ ހަރަކާތްތައް ހިމަނާފައިވާނެ ކަމަށް މީރާއިން ބުނެއެވެ.

އާންމު ކޮމްޕްލަޔަންސް ހަރަކާތްތަކުގެ ތެރޭގައި މީރާއިން ހިމަނާފައިވަނީ

  • ޖީއެސްޓީ ރޭޓުތަކަށް އައި ބަދަލުތައް ހިމެނޭހެން ގާނޫނާއި ގަވާއިދުތަކަށް ގެނެވޭ އިސްލާހުތަކަށް ޓެކްސް ދައްކާ ފަރާތްތަކާއި އާންމުން އަހުލުވެރިކުރުވުން
  • ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޓެކްސް ދައްކާ ފަރާތްތަކަށް ޒިޔާރަތްކޮށް، ޓެކުހާ ގުޅޭ އިލްތިޒާމްތައް ފުރިހަމަކުރުމަށް މަގުފަހިކޮށްދިނުން
  • ވަކި ފަރާތްތަކަކަށް ހާއްސަ ކޮށްގެން ޓެކުހާއި ގުޅޭ ތަމްރީނުތައް ހިންގާ، ޓެކްސް ބަޔާން ހުށަހެޅުން އިތުރަށް ފަސޭހަކޮށްދިނުން
  • ޓެކްސް ނުދައްކާ ފަރާތްތަކާއި ޓެކުހަށް މަކަރު ހަދާ ފަރާތްތައް ދެނެގަނެ، އެ ފަދަ ފަރާތްތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތައް އެޅުން

މީރާއިން ބުނެފައިވަނީ ކުރިއަށް އޮތް ދެ އަހަރުގެ ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭންގެ ހާއްސަ ކޮމްޕްލަޔަންސް ހަރަކާތްތައް އަމާޒުކޮށްފައިވާނީ ރަޖިސްޓަރީ ކުރުމާއި ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުން އަދި ސައްހަ މައުލޫމާތު ހުށަހެޅުމާ ގުޅޭގޮތުން ފާހަގަކުރެވޭ ރިސްކުތަކަށް މުނާސަބު ފިޔަވަޅު އެޅުމަށް ކަމަށެވެ. 

އެގޮތުން ޓެކުހުގެ ގާނޫނުތަކަށް ތަބާވުމުގައި ޓެކުހުގެ ވަކި ބާވަތްތަކާއި ޓެކްސް ދައްކާ ފަރާތްތަކުގެ ކުޑަބޮޑު މިން އަދި އެކި ސަރަހައްދުތަކުން ފާހަގަކުރެވޭ މައްސަލަތަކަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެވިގެންދާނެކަމަށް އެ އޮތޯރިޓީން ބުނެއެވެ.

މީރާއިން ބުނި ގޮތުގައި ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭންގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކާއި ތަންފީޒީ އިދާރާތައް އަދި ކަމާ ބެހޭ އެހެނިހެން މަސްލަހަތުވެރިންގެ ފަރާތުން ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ނޮން-ކޮމްޕްލަޔަންސް ދެނެގަނެ، އެކަން ހުއްޓުވުމުގެ މަސައްކަތްތައް ދާއިމީ ގޮތެއްގައި ކުރިއަށް ގެންދާނެ ކަމުގައެވެ.

ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭނަކީ މީރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީގެ މަގުސަދުތައް ހާސިލުކުރުމަށް ޓަކައި އެކުލަވާލާ ޕްލޭނެކެވެ.

މީރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީއަކީ ޓެކުހާ ގުޅޭ އިލްތިޒާމްތައް އަދާކުރުން ލުއިފަސޭހަކޮށްދީގެން ޓެކްސް ދައްކާ ފަރާތްތަކުން އަމިއްލަ އިހުތިޔާރުގައި ޓެކުހުގެ ގާނޫނުތަކާއި ގަވާއިދުތަކަށް ތަބާވުން ނުވަތަ 'ވޮލަންޓްރީ ކޮމްޕްލަޔަންސް' އިތުރުކުރުމާއި ތަންފީޒީ ފިޔަވަޅުތައް މެދުވެރިކޮށް ޓެކުހުގެ ގާނޫނުތަކާއި ގަވާއިދުތަކަށް ތަބާނުވުން ނުވަތަ 'ނޮން-ކޮމްޕްލަޔަންސް' މަދުކުރުވުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ޕޮލިސީއެކެވެ. މީރާއިން ބުނީ 2020 ވަނަ އަހަރުން ފެށިގެން އެ އޮތޯރިޓީން ކޮންމެ އަހަރަކަށްވެސް ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭނެއް ތައާރަފުކޮށް، އެ ޕްލޭންގެ ދަށުން ގިނަ ހަރަކާތްތަކެއް ހިންގަމުންދާ ކަމަށެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް