ads
ބޭންކިން ނިޒާމުގެ ތެރެއިން ދައުލަތުގެ ފައިސާ ބެލެހެއްޓުމާއި އެކައުންޓްތައް ހުޅުވުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް ވަނީ އެކުލަވާލާފައި - ފޮޓޯ:ފިނޭންސް މިނިސްޓްރީ
ބޭންކިން ނިޒާމުގެ ތެރެއިން ދައުލަތުގެ ފައިސާ ބެލެހެއްޓުމާ ބެހޭ އުސޫލެއް
ދައުލަތުގެ އޮފީސްތަކާއި ސަރުކާރުގެ ޑިޕާޓްމަންޓްތަކާއި ސަރުކާރުގެ އޭޖެންސީތަކުގެ އިތުރުން ކައުންސިލްތަކުން ދައުލަތުގެ ފައިސާ ޖަމާކޮށް ބަލަހައްޓަން ވާނީ ޓުރެޒަރީ ސިންގަލް އެކައުންޓުގެ ނިޒާމުގެ ތެރެއިން ހުޅުވާ ޕަބްލިކް ބޭންކް އެކައުންޓްތަކުގައި ކަމަށް ކަނޑައަޅާ އުސޫލެއް އެކުލަވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީން އެކުލަވާލި 'ބޭންކިން ނިޒާމުގެ ތެރެއިން ދައުލަތުގެ ފައިސާ ބެލެހެއްޓުމާއި އެކައުންޓްތައް ހުޅުވުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު' ވަނީ ގެޒެޓުކޮށްފައެެވެ.

އެ މިނިސްޓްރީން ބުނީ މި އުސޫލު އެކުލަވާލުމުގެ މަގުސަދަކީ ދައުލަތުގެ ކޭޝް ފްލޯ އާއި ދައުލަތުގެ އޮފީސްތަކުގެ ނަމުގައި ހުޅުވާ ބޭންކް އެކައުންޓްތަކުގައި ހުންނަ ދައުލަތުގެ ފައިސާ ހަރުދަނާކަމާ އެކު އިތުބާރުހުރި ގޮތެއްގައި ބެލެހެއްޓުމާއި ދައުލަތުގެ ބޭންކް އެކައުންޓްތަކުގެ ކޭޝް ބެލެންސް ހަރުދަނާ ގޮތެއްގައި ބެލެހެއްޓުން ކަމަށެެވެ.

ދައުލަތުގެ ފައިސާ ބެލެހެއްޓުމަށް ހުޅުވާ ބޭންކް އެކައުންޓްތައް އެމްއެމްއޭ އަދި ރާއްޖޭގައި ހިންގާ ބޭންކުތަކުގައި ހުޅުވިދާނެ ކަމަށާއި އެ އެކައުންޓްތައް ބަލަހައްޓަމުންދާނީ ފިނޭންސް މިނިސްޓަރު ކަނޑައަޅުއްވާ ފަރާތްތަކުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ އެމްއެމްއޭގެ މަރުކަޒެއް ނުވަތަ އެ އޮތޯރިޓީގެ އެކައުންޓެއް ހުޅުވާފައިވާ ބޭންކެއް ނެތް ރަށެއްގައި ހިނގާ ދައުލަތުގެ އޮފީހަކުން ނުވަތަ ކައުންސިލަކުން ދައުލަތުގެ ފައިސާ ޖަމާކޮށް ބަލެހެއްޓުމަށް ޓަކައި އެ ރަށެއްގައި ނުވަތަ އެހެން ރަށެއްގައި ހުރި ބޭންކެއްގައި އެ އޮފީހެއްގެ ނަމުގައި ނުވަތަ އެ ކައުންސިލެއްގެ ނަމުގައި ބޭންކް އެކައުންޓެއް ހުޅުވަން ބޭނުންވެއްޖެނަމަ އެ ފަދަ ރަށެއްގައި ބޭންކް އެކައުންޓެއް ނެތުމުން ދަތިވާ ކަންތައްތަކާއި އެކައުންޓެއް ހުޅުވުމުން އެ އޮފީހަކަށް ނުވަތަ އެ ކައުންސިލަކަށް ލިބޭނެ ފައިދާ އާއި ފަސޭހަތައް ބަޔާންކޮށް، އެ އޮފީހުގެ ނުވަތަ އެ ކައުންސިލުގެ ނަމުގައި ބޭންކް އެކައުންޓެއް ހުޅުވުމަށް އެދި ފިނޭންސް މިނިސްޓަރަށް ލިޔުމަކުން ހުށަހަޅަން ޖެހޭނެ ކަމަށެެވެ.

ފިނޭންސް މިނިސްޓްރީން އާންމު އުސޫލުން ދައުލަތުގެ ފައިސާ ޖަމާކޮށް ބަލަހައްޓަންވާނީ ޕަބްލިކް ބޭންކް އެކައުންޓްތަކުގައި ކަމަށް ބަޔާންކޮށްފައި ވީނަމަވެސް ވަކި މަޝްރޫއަކާ ގުޅޭ ފައިސާ ވަކި އެކައުންޓެއްގައި ބެހެއްޓުމަށް މިނިސްޓަރު ކަނޑައަޅައިފި ނަމަ، އެ ފައިސާ ޖަމާކޮށް ބެލެހެއްޓުމަށް ޓްރެޒަރީ ސިންގަލް ނިޒާމުގެ ތެރެއިން އެކަމަށް ވަކި އެކައުންޓެއް ޕަބްލިކް ބޭންކް އެކައުންޓްގެ ބައެއްގެ ގޮތުގައި ހުޅުވިދާނެ ކަމަށްވެސް ބުނެފައިވެއެވެ. 

އެ ފަދަ އެކައުންޓެއް ހުޅުވޭނީ އެ މަޝްރޫއު ހިންގާ ދައުލަތުގެ އޮފީހަކުން ލިޔުމަކުން މިނިސްޓަރަށް ހުށަހެޅުމުން، އެ ފަދަ އެކައުންޓެއް ހުޅުވުމަށް މިނިސްޓަރު ނިންމެވުމުން ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެެވެ.

ހަމަ އެގޮތަށް ދައުލަތުގެ ފައިސާގެ ތެރެއިން ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާ އާއި ލޯނުގެ ގޮތުގައި ލިބޭ ފައިސާ ވަކި ބޭންކް އެކައުންޓެއްގައި ބެހެއްޓުމަށް އެ ފައިސާ ދޫކުރާ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ނަމަ، ނުވަތަ އެ ނޫން ގޮތަކުން ވެސް އެ ފައިސާ ދޭ ފަރާތުން އެދިފައިވާ ނަމަ، އެ ފައިސާ ޖަމާކޮށް ބެލެހެއްޓުމަށް ޓްރެޒަރީ ސިންގަލް ނިޒާމުގެ ތެރެއިން ވަކި އެކައުންޓެއް ޕަބްލިކް ބޭންކް އެކައުންޓްގެ ބައެއްގެ ގޮތުގައި ހުޅުވިދާނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ. އެ ކަމަށް ހުއްދަ ދޭނީ، އެ އޮފީހެއްގެ މާލީ ޒިންމާދާރުވެރިޔާ މިނިސްޓަރަށް އެ ކަމަށް އެދި ލިޔުމުން ހުށަހެޅުމުން މިނިސްޓަރު ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެެވެ.

މީގެ އިތުރުން ފިނޭންސް މިނިސްޓްރީގެ އުސޫލުގައި ހާއްސަ ހާލަތުގައި ހުޅުވާ އެކައުންޓުތަކުން ހަރަދުކުރަން ޖެހޭނެ ގޮތާއި ބޭންކް އެކައުންޓްތަކުގެ ހިސާބު ބެލެހެއްޓުމާއި ރިކޮންސައިލް ކޮށް، ބޭންކް އެކައުންޓް ބަންދުކޮށް ހިދުމަތް ހުއްޓާލުމުގައި އަމަލުކުރާނެ ގޮތްތައް ވެސް ބަޔާންކޮށްފައިވެއެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން މި އުސޫލަށް އަމަލުކުރަން ފަށާފައިވާ ކަމަށެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް