
ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން ރީޓެއިލް ފިހާރަ ހިންގުމަށް ޔުނިޓުތައް ދޫކުރުމަށް އެޗްޑީސީން ނިންމާފައިވަނީ ވިނަރެސްގެ ޓަވަރު ދޭއް، ފަހެއް އަދި ހަތެއްގެ ފުރަތަމަ ފަންގިފިލާއިންނެވެ. މީގެ އިތުރުން ޓަވަރު ހަތެއްގެ އެންމެ ތިރިން ޔުނިޓެއް ދޫކުރުމަށް ވެސް އެޗްޑީސީން ވަނީ އިއުލާނުކޮށްފައެވެ.
ޓަވަރުތަކުން ޔުނިޓުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ،
- ވީ2-01-02: 892.44 އަކަފޫޓު
- ވީ5-01-02: 596.54 އަކަފޫޓު
- ވީ7-01-01: 755.95 އަކަފޫޓު
- ވީ7-ޖީ-07: 295.36 އަކަފޫޓު
އެޗްޑީސީން ވަނީ މި ޔުނިޓުތަކަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މާޗް މަހުގެ ހަތްވަނަ ދުވަހުގެ 11:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ޔުނިޓުތަކުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 5،000 ރުފިޔާ ނުވަތަ 5،000 ރުފިޔާއަށް ވާ އެމެރިކާ ޑޮލަރު ހުށަހަޅަން ޖެހެއެވެ.
އެޗްޑީސީން މި ޔުނިޓުތައް ކުއްޔަށް ދޫކުރުމަށް ނިންމާފައިވަނީ، ކުއްޔަށް ދޫކުރާ ފުރަތަމަ އަހަރުގެ ކޮންމެ މަހަކު އަކަފޫޓަކަށް 20 ރުފިޔާގެ ރޭޓުންނެވެ. ފުރަތަމަ އަހަރަށް ފަހު ފަސްވަނަ އަހަރާ ހަމައަށް ކުލީގެ އަގު ކަނޑައެޅުމުގެ އިހުތިޔާރު ކުއްޔަށް ނަގާ ފަރާތަށް ލިބިދޭއިރު، އަކަފޫޓަކަށް ހުށަހެޅޭނެ އެންމެ ދަށް އަގެއް ކަމުގައި ހަމަޖައްސާފައިވަނީ ކޮންމެ މަހަކަށް 20 ރުފިޔާއެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ފިހާރަތަކުގެ އިތުރުން މި ޓަވަރުތަކުގެ ކޮމާޝަލް ސްޕޭސްގައި ސުޕަ މާކެޓާއި އޮފީސް ސްޕޭސްގެ އިތުރުން ކެފޭ އަދި ރެސްޓޯރަންޓްތައް ހިންގާނެ ޖާގަތައް ކަނޑައަޅާފައިވެއެވެ.