ads
ގާޒީ ހަސަން ސައީދު
ކައިވެންޏެއްގެ މައްސަލާގައި ގާޒީ ހަސަން ސައީދު ސަސްޕެންޑުކޮށްފި
ކައިވެންޏެއްގެ މައްސަލާގައި ކްރިމިނަލް ކޯޓުގެ ގާޒީ ހަސަަން ސައީދު 14 ދުވަހުގެ މުއްދަތަށް ސަސްޕެންޑު ކޮށްފި އެވެ.
Advertisement

ގާޒީ ހަސަން ސައީދު ސަސްޕެންޑުކޮށްފައިވަނީ، އޭނާ ފެމިލީ ކޯޓުގެ އިސް ގާޒީގެ ގޮތުގައި ހުންނެވިއިރު، ގާނޫނާ ގަވާއިދާ އަދި ފެމެލީ ކޯޓުގައި އަމަލުކުރާ އުސޫލުތަކާ ހިލާފަށް ކައިވެންޏެއް ކޮށްދިނުމަށް މަގުފަހިވެފައިވާކަން ސާބިތުވާތީ އެވެ. އެމައްސަލައަކީ އޭރު އެ ކޯޓުގެ މުވައްޒަފަކު ރާއްޖެއިން ބޭރަށް ފޮނުވައިގެން ކުރި ކައިވެންޏެއްގެ މައްސަލައެއްް ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައި ވެެއެވެ.

ޖޭއެސްސީން މިއަދު ބުނީ، ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ އުސޫލުގެ މަތީން އިންތިޒާމްތައް ހަމަޖައްސައިގެން ކުރިއަށް ގެންދިއުމަށް ފެމިލީ ކޯޓުގެ އިސްގާޒީގެ ހައިސިއްޔަތުން، ހަސަން ސައީދު އެ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާ އަށް ލަފާދީފައިވާ ކަމަށެވެ. 

ފެމިލީ ކޯޓަށް ހުށައެޅޭ ކައިވެނިތައް ކޮށްދިނުމާމެދު ގޮތް ނިންމުމުގެ ގާނޫނީ ހައިސިއްޔަތު އޮންނަ ފަރާތަކީ އެ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާ ކަމަށްވާހިނދު އުސޫލުތަކާ ހިލާފަށް އެކައިވެނި ކުރުމަށް މަގުފަހިވެފައިވަނީ ހަސަން ސައީދު ދީފައިވާ ލަފާގެ ސަބަބުން ކަމަށް ޖޭއެސްސީން ބުންޏެވެ.

ހަސަން ސައީދުގެ އެ އަމަލަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި ހިލާފަށްކޮށްފައިވާ ކަމެއްކަމުގައިވާތީ، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ ދަށުން، މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް މިއަދުން ފެށިގެން 14 ދުވަހަށް ވަޒީފާގެ މަސައްކަތަށް ނުކުތުން ހަސަން ސައީދަށް މަނާކޮށްފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

ފެމިލީ ކޯޯޓުގެ އިސް ގާޒީ ކަމުން ވަކިކޮށް، ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ހަސަން ސައިީދު އައްޔަންކުރެއްވީ ވެސް ޖޭއެސްސީއަށް ހުށަހެޅުނު ސްލޫކީ މައްސަލައަކާއި ގުޅިގެން ނެވެ. ކްރިމިނަލް ކޯޓުގެ ގާޒީގެ ގޮތުގައި ހުންނަވައިގެންވެސް ބައެއް މައްސަަލަތަކުގައި ގޮތް ނިންމަވާފައިވާ ގޮތުން އޭނާގެ މައްސަލަތައް ޖޭއެސްސީން ދަނީ ބަލަމުން ނެވެ. 

އެގޮތުން، ހުޅުމާލޭގައި ފްލެޓް އަޅައިދޭން ބުނެ ގިނަ ބައެއްގެ އަތުން މަކަރާ ހީލަތުން ފައިސާ އަތުލި މައްސަލާގައި ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރަމުންދަނިކޮށް އޭނާ ދޫކޮށްލި މައްސަލާގައި ވެސް، ހަސަން ސައީދުގެ މައްސަލައެއް ޖޭއެސްސީން ދަނީ ބަލަމުން ނެވެ. 

އައްމަޓީގެ މައްޗަށް ދައުވާތައް ކޮށްފައިވަނިކޮށް އޭނާ ބަންދުން ދޫކޮށްލުމާއިއެކު އޭނާ ފިލީ އެވެ. އައްމަޓީ ފިލައިގެން އުޅޭތީ، އޭނާ ހޯދަން 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް، އޭނާ ހައްޔަރު ކުރި ކަމަށް އިންޓަޕޯލުން ފުލުހުންނަށް އެންގީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އޭނާ ހައްޔަރުކުރީ ލަންކާގައި ފިލައިގެން އުޅެނިކޮށެވެ.

ރާއްޖެ ގެނެސް އަލުން ޝަރީއަތްތައް ކުުރަމުންދަނިކޮށް، އޭގެފަހުންވެސް ހަސަން ސައީދު އޭނާ ދޫކޮށްލި އެވެ.

މީގެ އިތުރުން ހަސަން ސައީދު ވަނީ ޖިންސީ ކުށުގެ އެތައް ދައުވާތަކެއް ކޮށްފައިވާ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް ގާނޫނާއި ހިލާފަށް ރާއްޖޭން ބޭރަށް ދާން ވެސް ހުއްދަދީފަ އެވެ. އަލީ ވަގުތުން ހަމަ އެދުވަހު ފުރާ ވަޑައިގެންއިރު މިހާތަނަށް އޭނާ ގެނެވޭނެ ގޮތެއް ޕީޖީއަށްވެސް އަދި ފުލުހުންނަށްވެސް ނުވެއެވެ. އެމައްސަލާގައިވެސް ގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް