ads
ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާން މިއުވާން-----
ތިލަފުށިން ބިން ދޭއިރު އާއްމު ވިޔަރާފިތަކަށް ބޭރުމީހުންނަށް ނުވަދެވޭނެ: ސަރުކާރު
ތިލަފުށިން ވިޔަފާރިތަކަށް ބިން ވިއްކަން ހުޅުވާލިއިރު ބޭރުގެ ފަރާތްތަކަށް 99 އަހަރަށް ބިން ކުއްޔަށް ދޭގޮތަށް ނިންމި ނަމަވެސް، އާއްމު ވިޔަފާރިތަކަށް ވަނުމަށް ބޭރުގެ ފަރާތްތަކަށް ފުރުސަތު ނުދޭނެކަމަށް ސަރުކާރުން ބުނެފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ތިލަފުށިން ބިން ދިނުމުގެ މައްސަލާގައި ބައެއް ވިޔަފާރިވެރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި ބައްދަލުކުރެއްވިކަމަށާއި މި ބައްދަލުވުމުގައި އެބޭފުޅުންގެ ހުރި ބައެއް ކަންބޮޑުވުންތައް ފާހަގަކުރެއްވި ކަމަށެވެ.

އެބޭފުޅުންގެ ކަންބޮޑުވުމަކީވެސް އާއްމު ވިޔަފާރިތަކަށް ވަނުމުގެ ދޮރު ބިދޭސީންނަށް ހުޅުވިގެން ދިއުންކަމަށާއި ނަމަވެސް ރައީސް ސޯލިހް ވިޔަފާރުވެރިންނަށް ދެއްވި ޔަގީންކަމަކީ ދިވެހި ވިޔަފާރިވެރިންނަށް ގެއްލުވްވާގޮތަށް ސަރުކާރުގެ އެއްވެސް އުސޫލެއް ނޯންނާނެކަން ކަމަށް މިއުވާން ވިދާޅުވިއެވެ.

ތިލަފުށިން ބިން ދިނުމުގެ ކަންކަން ކުރިއަށްދާނީ ދިވެހި ވިޔަފާރިވެރިންނަށް ގެއްލުމެއް ނުލިބޭގޮތަށް ކަމުގެ ޔަގީންކަން ވިޔަފާރިވެރިންނަށް ރައީސް ދެއްވިކަމަށް މިއުވާން ވިދާޅުވިއެވެ. 

މިއުވާން ވިދާޅުވީ އާއްމު ވިޔަފާރިތަކަށް ވަނުމުގެ ފުރުސަތު ބިދޭސީންނަށް ނުދިން ނަމަވެސް ރާއްޖޭގައި ބޮޑެތި އިންވެސްޓްތައް ކޮށްގެން ތިބި، ބޭރުގެ އިންވެސްޓަރުންނަށް އެމީހުންގެ މުދާ ގުދަންކުރުންފަދަ ކަންކަމަށް ބިން ބޭނުންވާ ކަމަށެވެ.

"ހާއްސަގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާގައިވެސް އިންވެސްޓް ކުރައްވާގެން އެބަތިއްބެވި ހަމަ ބޭރުގެ އިންވެސްޓަރުން، މިސާލަކަށް ރިސޯޓްތަކަށް ބަލާލާއިރުވެސް ގާަތްގަނޑަކަށް 99 އަހަރަށް ދޫކޮށްފަހުރި ރިސޯޓްތައް އެބަހުރި، ތަންކޮޅެއް ގިނަ ރިސޯޓްތައް ގެންގުޅުއްވާ ބޭފުޅުންވެސް އެބޭފުޅުންގެ ތަކެތި ބެހެއްޓުމަށްވެސް، އެބޭފުޅުން ގެންނަ މުދާ ބެހެއްޓުމަށްވެސް ތިލަފުށިން އެބޭފުޅުންނަށްވެސް ބިން ކުއްޔަށް ނެގިދާނެ، ނަމަވެސް އޭގެ މާނައަކީ އެމުދާ ރާއްޖޭގެ ބާޒާރުގައި ވިއްކުމެއް ނޫން" މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ސަރުކާރުން ފުރުސަތު ހުޅުވާލާފައިވަނީ ރާއްޖޭގައި އިންވެސްޓްކޮށްގެން ތިބި ބޭރުގެ ވިޔަފާރިވެރިންގެ މުދާ ގުދަންކުރުންފަދަ ކަންކަމަށް ކަމަށެވެ. ނަމަވެސް އެކަން ކުރިއަށްގެންދާނީ ދިވެހި ވިޔަފާރިތަކަށް ގެއްލުން ނުވާގޮތަށްކަމަށާއި ތިލަފުށިން ދިނުމަށް ނިންމާފައިވާ ބިމުގެ 90 އިންސައްތަ ހާއްސަކުރަނީވެސް ދިވެހި ވިޔަފާރިތަކަށްކަމަށް މިއުވާން ވިދާޅުވިއެވެ.

ތިލަފުށީ ސިނާއީ ސަރަހައްދުން ވިޔަފާރިތަކަށް ބިން ވިއްކުމަށް ހުޅުވާލިއިރު، 99 އަހަރަށް ބޭރުގެ ފަރާތްތަކަށް ދިނުމަށް ނިންމުމުން ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފައެވެ. އަދި އެނިންމުން ބަދަލުކުރުމަށް ސަރުކާރަށް އަންނަނީ ގޮވާލަމުންނެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް