
މިދިޔަ ފަހަރެކޭ އެއް ގޮތަށް މި ފަހަރުވެސް ޖުމްލަ ދިހަ ޓީމުން މުބާރާތުގައި ވާދަކުރާނެއެވެ. ދިހަ ޓީމަށް މުބާރާތުގެ ޓީމުތަކުގެ އަދަދު އިތުރުކުރީ މިދިޔަ އަހަރުއެވެ.
އެއީ މިދިޔަ އަހަރު މުޅިން އަލަށް އައި ދެ ޓީމު ކަމަށްވާ ގުޖްރާތް ޓައިޓަންސް އަދި ލަކްނޯ ސުޕަރ ޖަޔަންޓްސް ހިމެނޭ ގޮތުންނެވެ.
މި ފަހަރުގެ މުބާރާތަކީ ކޮވިޑުގެ ހާލަތަށް ފަހު ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކެއްގެ ގޮތުން މުބާރާތް ކުރިއަށް ގެންދިޔައީ، މަހާރާޝްތްރާ ސްޓޭޓްގެ ދެ ސިޓީއެއްގައެވެ.
އެއީ މުމްބާއީ އަދި ޕޫނޭގައެވެ. އޭގެ ކުރީ ފަހަރު މުބާރާތް ފުރިހަމަ ކުރީ ޔޫއޭއީގައެވެ.
މުބާރާތް ހުޅުވާ މެޗުގައި މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމުކަމަށްވާ ޗެންނާއި ސުޕާ ކިންގްސް ނުކުންނާނީ މިދިޔަ އަހަރު އަލަށް އައި ގުޖްރާތް ޓައިޓަންސްއާ ދެކޮޅަށެވެ.