ads
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ އިދާރާ
ސްޓެޕް އެލަވަންސް ހައްގު، އެކަމަކު ދޭން އަމުރު ނުކުރެވޭނެ: ހުކުމް
ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ ދަށުން ދޭން ލާޒިމު ކުރާ މުސާރައިގެ ކުރިއެރުން ހައްގު ވިޔަސް، ހަތަރު އަހަރު ވަންދެން ނުދީ ހުރި ފައިސާ ދޭން އަމުރު ނުކުރެވޭނެ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ހުކުމްކޮށްފިއެވެ.

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ ދަށުން ދޭން ލާޒިމު ކުރާ މުސާރައިގެ ކުރިއެރުން ހައްގު ވިޔަސް، ފައިސާ ދޭން އަމުރު ނުކުރެވޭނެ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިދިޔަ ހަފްތާގައި ހުކުމްކުރީ، މުސާރައިގެ ކުރިއެރުން ނުދީގެން ސިވިލް ކޯޓުގެ މުވައްޒަފުންތަކެއް ޖުޑީޝަލް ސާރވިސް ކޮމިޝަނުގެ މައްޗަށް ކުރި ދައުވާގައެވެ. 

މި ހުކުމް ޓްރައިބިއުނަލުން ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.  

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ ދަށުން ކޮންމެ ދެ އަހަރުން އެއް އަހަރު މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު 70 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބޭ މުވައްޒަފުންނަށް 200ރ. ގެ މުސާރައިގެ ކުރިއެރުމެއް ދޭންޖެހެ އެވެ. އެކަމަކު އެ ފައިސާ ނުދޭތާ ހަތަރު އަހަރު ވަނީ ވެފަ އެވެ.

މި މައްސަލަ ޝަރީއަތުގައި ކުރިއަށްދަނިކޮށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންވަނީ މުވައްޒަފުންނަށް މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމަށް ލާޒިމު ކުރާ ގަވައިދުގެ މާއްދާ އުވާލާފައެވެ.

ސިވިލް ކޯޓުގެ ތިން ލީގަލް މުވައްޒަފަކު ދައުވާ ކުރި މި މައްސަލައިގެ ނިންމުމުގައިވަނީ ހަތަރު އަހަރު ވީއިރު ވެސް މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ނުދެވި އޮތީ އެކަމަށް ބޭނުންވާ ބަޖެޓް ދައުލަތުން ހަމަޖައްސައި ނުދޭތީ ކަމަށެވެ. އަދި ބަޖެޓް ހަމަޖެހިފައި ނުވަނީސް އެ ފައިސާ ދިނުމަކީ މާލިއްޔަތު ގަވާއިދާ ޚިލާފް ކަމަކަށް ވާނެ ކަމަށާއި އެހެންވެ، މުސާރައިގެ ކުރިއެރުން ހައްގުވިޔަސް އެ ފައިސާ ދޭން އަމުރު ނުކުރެވޭނެ ކަމަށެވެ. މި މައްސަލަ ޓްރައިބިއުނަލުން ނިންމީ އެ ޓްރައިބިއުނަލްގެ މެންބަރު މަރިޔަމް ރިޝްފާއެވެ.

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު އޮންނަ ގޮތުން ޖުޑީޝަލް އެލަވަންސާއި އިތުރު ގަޑީގެ ފައިސާ ވެސް ހިސާބު ކުރަނީ މުސާރައިގެ ނިސްބަތަށް ބަލައިގެންނެވެ. އެހެންވެ، މުސާރައިގެ ކުރިއެރުން ނުލިބޭތީ ޖުޑީޝަލް އެލަވަންސާއި އިތުރު ގަޑީގެ ފައިސާގެ ކުރިއެރުމެއް ވެސް ނުލިބެ އެވެ.

މި މައްސަލަ ޓްރައިބިއުނަލްގައި ހިނގަމުންދަނިކޮށް، 2017 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު 2019 ވަނަ އަހަރު ދޭންޖެހޭ ފައިސާގެ ތެރެއިން އެއް ބައި މިދިޔަ މަހު ދިނެވެ. އެކަމަކު 2021 ވަނަ އަހަރު ދޭންޖެހޭ ފައިސާ މިހާތަނަށް ވެސް ނުދެ އެވެ. އެހެން އެކަން އޮއްވާ އެންމެ ފަހުން ގަވާއިދުގެ އެ މާއްދާ ބާތިލު ކުރީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް