
ޗައިނާ އެމްބަސީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އޮންއެރައިވަލް ވިސާ ދިނުމަށް ވެފައިވާ އެއްބަސްވުމަށް ރަސްމީކޮށް އަމަލުކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން ޗައިނާގެ ރައްޔިތުންނާއި ދިވެހިން ދެ ގައުމުގެ މެދުގައި ދަތުރުކުރާއިރު، 30 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށާއި ފަތުރުވެރިންނާއި ވިޔަފާރި އަދި އާއިލާ ގާތަށް ދަތުރުކުރާ މީހުންނާއި ޓްރާންސިޓް ކުރާ މީހުންނަށް ދުރާލާ ވިސާ ނަގަން ނުޖެހި އޮން އެރައިވަލް ވިސާ ލިބޭނެ ކަމުގައި އެ އެމްބަސީން ބުނެއެވެ.
އެހެންނަމަވެސް، ވަޒީފާ އަދާ ކުރުމަށާއި ދިރިއުޅުން ބަދަލުކުރުމާއި ނޫސްވެރިކަން ކުރުން ފަދަ މަސައްކަތްތަކުގައި އެއްގައުމުން އަނެއް ގައުމަށް ދަތުރުކުރާ މީހުން ވިސާ ނަގަން ޖެހޭނެއެވެ. އަދި ހަމަކުރަންޖެހޭ ލިޔެކިޔުންތައް ހޯދަން ޖެހޭނެއެވެ.
މިއީ މިދިޔަ އަހަރު ރާއްޖެ އާއި ޗައިނާ އާ ދެމެދު ވެފައިވާ ވިސާ ފްރީ އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމި މަސައްކަތެކެވެ. ނަމަވެސް ކޮވިޑުގެ ހާލަތާ ގުޅިގެން މިހާތަނަށް އެ އެއްބަސްވުމަށް އަމަލުކުރުން އޮތީ ފަސްކޮށްފައެވެ.