ads
އެމްއެމްޕީއާރްސީގެ އޮފީހުގެ ނަން ބޯޑް-- ފައިސާ ހޯދުމަށް ވަނީ ލަފާ ދީފައި--
އެމްއެމްޕީއާރްސީީ ހިޔާނާތް: މީހެއްގެ އަތުން 37 މިލިއަން ހޯދަން އަންގައިފި
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތުގައި ހިމެނޭ މީހެއްގެ އަތުން 2.4 މިލިއަން އެމެރިކާ ޑޮލަރު(37 މިލިޔަން ރުފިޔާ) ހޯދަން އެމްއެމްޕީއާރުސީ އަށް އޭސީސީން އަންގައިފި އެވެ.
Advertisement

އޭސީސީން ބުނީ، އެމްއެމްޕީއާރްސީން ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ހ.ސްނޫޕީ އަބްދުﷲ އާސިމަށް 2،460،000 އެމެރިކާ ޑޮލަރު، (37،933،200 މިލިއަން ރުފިޔާ) ލިބުނު ކަމަށެވެ. އޭނާގެ އަތުން އެ ފައިސާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އަންގާފައިވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. 

އެމްއެމްޕީއާރްސީގެ ހިޔާނާތް ހިނގިއިރު އެތަނުގެ ހިންގުމާއި ހަވާލުވެގެން ހުރީ މި މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އަބްދުﷲ ޒިޔަތެވެ. ދެން މިމައްސަލާގައި ދައުވާކޮށް ހުކުމް ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށެވެ. 

ގއ. ވޮޑަމުއްލާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ، ރައީސް ޔާމީން އަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް 2021 ވަނަ އަހަރުގެ ނޮވެމްބަރު 30 ވަނަ ދުވަހު ސްޕްރީމް ކޯޓުން ބާތިލުކުރިނަމަވެސް، ހަމަ އެމައްސަލާގައި 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް މިދިޔަ އަހަރުގެ ޑިސެމްބަރު މަސްތެރޭ ޔާމީންގެ މައްޗަށް ވަނީ އިއްވާފަ އެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ ތެރެއިން ދައުލަތައް ގެއްލުނު ފައިސާގެ ތެރެއިން 37 މިިލިއަން ހޯދުމަށް އެމްއެމްޕީއާރްސީ އަށް އެންގިއިރު، ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު ދައުލަތައް ހޯދަން، ކޯޓަށް ހުށަހެޅުމަށް އެޓާނީ ޖެނަރަލް(އޭޖީ) އޮފީހުން، އެމްއެމްޕީއާރްސީ އަށް އަންގާފައި އޮންނަތާ ވެސް އަށް މަސް ވެއްޖެ އެވެ. 

އެސްއޯއެފް ކިޔާ ކުންފުންޏަކުން ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރުގެ ހަގީގަތާއި މެދު ސުވާލު އުފައްދައި، އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ނަމަ އެ ފައިސާ އާއި އެ ފައިސާ އިންްވެސްޓް ކުރުމުގެ ސަބަބުން ފައިދާއެއް ލިބިފައިވާ ނަމަ އެ ފައިދާއެއް ހިމެނޭހެން ހޯދުމުގެ ހައްގު ދައުލަތަށް ލިބިފައިވާ ކަމަށް 2021 ވަނަ އަހަރު ސްޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވެއެވެ. އަދި އެފައިސާ ހޯދުމަށް ފެންނަ ކަމަށް ބުނެފައި ވެއެވެ.

މިގޮތަށް ލަފާދިން ނަމަވެސް، ހުކުމަށް އަހަރެއްވީ އިރު އެމައްސަލާގައި ދައުވާކުރަން މިހާތަނަށް ކޯޓަށް އެމްއެމްޕީއާރްސީން ހުށަހަޅާފައެއް ނުވެ އެވެ.  

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް