ads
އެމްއެމްޕީއާރްސީގެ އޮފީހުގެ ނަން ބޯޑް: ފައިސާ ހޯދުމަށް ވަނީ ލަފާ ދީފައި--
ޔާމީން އެކައުންޓަށް ޖަމާވި 1 މިލިއަން ޑޮލަރު ހޯދަން އަންގާފައި އޮންނަތާ 6 މަސް!
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު ދައުލަތައް ހޯދަން، ކޯޓަށް ހުށަހެޅުމަށް އެޓާނީ ޖެނަރަލް(އޭޖީ) އޮފީހުން، އެމްއެމްޕީއާރްސީ އަށް އަންގާފައި އޮންނަތާ ހަ މަސް ވެފައިވާކަމަށް އެ އޮފީހުން ބުނެފި އެވެ.

ގއ. ވޮޑަމުއްލާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ، ރައީސް ޔާމީން އަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް 2021 ވަނަ އަހަރުގެ ނޮވެމްބަރު 30 ވަނަ ދުވަހު ސްޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ. 

އެކަމަކު، އެސްއޯއެފް ކިޔާ ކުންފުންޏަކުން ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރުގެ ހަގީގަތާއި މެދު ސުވާލު އުފައްދައި، އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ނަމަ އެ ފައިސާ އާއި އެ ފައިސާ އިންްވެސްޓް ކުރުމުގެ ސަބަބުން ފައިދާއެއް ލިބިފައިވާ ނަމަ އެ ފައިދާއެއް ހިމެނޭހެން ހޯދުމުގެ ހައްގު ދައުލަތަށް ލިބިފައިވާ ކަމަށް ހުކުމުގައި ބުނެފައި ވެއެވެ. އަދި އެފައިސާ ހޯދުމަށް ފެންނަ ކަމަށް ބުނެފައި ވެއެވެ. 

މި ހުކުމަށް އަހަރެއްވީއިރު މިކަމާ ގުޅޭގޮތުން ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން "ސީއެންއެމް" އިން އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދާއި ސުވާލުކުރުމުން ވިދާޅުވީ، އެމަސައްކަތް އޭޖީ އޮފީހާއި ގުޅިގެން ކުރަމުންދާ ކަމަށެވެ. އަދި އެކަން ކުރާނީ އޭޖީ އޮފީހުގެ ލަފާގެ މަތިން ކަމާއި، ދޭންޖެހޭ އެހީއެއް ނުވަތަ ކުރަންޖެހޭ ކަމެއް ކުރާނެ ކަމަށް ވިދާޅުވި އެވެ. 

މިކަމާއި ގުޅިގެން އޭޖީ އޮފީހުން މިއަދު ސީއެންއެމް އަށް ބުނީ، އެމައްސަލާގައި އޭޖީ އޮފީހުން ބަލަންޖެހޭ ކަންކައި ބަލައި، އެ ފައިސާ ހޯދުމަށް އެމްއެމްޕީއާރްސީއަށް ލަފާ އަރުވާފައި އޮންނަތާ ހަ މަސްވެފައިވާ ކަމަށެވެ. 

"މައްސަލާގައި އޭޖީ އޮފީހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެމްއެމްޕީއާރްސީއަށް މިއަހަރުގެ ޖޫން މަހުގެ ހަ ވަނަ ދުވަހު އަޅުގަނޑުމެން ހުށަހަޅާފައިވަނީ. ދެން ދައުވާކުރަން ހުށަހަޅާނީތޯ ނޫނީ ފައިލް ކުރާނީތޯ ނިންމާ އެ ފައިސާ ހޯދުމަށް ކުރަންޖެހޭ ކަންކަން ކުރާނީ އެމްއެމްޕީއާރްސީން،" އޭޖީ އޮފީހުން ބުންޏެވެ.

ޔާމީން މިނިވަން ކުރަން ސްޕްރީމް ކޯޓުން އިއްވި ހުކުމުގައި އެއް މިލިއަން ޑޮލަރުގެ ހަގީގަތް ހޯދައި ދައުލަތައް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ކުރުމަށް ލަފާދިން ނަމަވެސް، އަހަރެއްވީ އިރު އެމައްސަލާގައި ދައުވާކުރަން މިހާތަނަށް ކޯޓަށް އެމްއެމްޕީއާރްސީން ހުށަހަޅާފައެއް ނުވެ އެވެ. 

އެ އެއް މިލިއަން ޑޮލަރަކީ ދައުލަތުގެ ފައިސާ ކަމަށް ސާބިތުނުކޮށްދެވިއްޖެނަމަ، އެ ފައިސާ އޮޓަމެޓިކަލީ ޔާމީންގެ އެކައުންޓަށް ޖަމާވާން ޖެހޭނެ އެއްބަަސްވުމެއް ދައުލަތާ އެކު އޮތްކަން މިފަހުން ޔާމީން ހާމަކުރައްވާފައިވެސް ވެއެވެ. އެހެންވެ އެ ފައިސާ ހޯދުމަށް ކޯޓަށް ދާނެކަމަށް ޔާމީން ވަނީ މިފަހުން ވިދާޅުވެފަ ވެސް މެއެވެ.  

މިހެން މިކަން އޮތްއިރު، އެ ފައިސާ ހޯދުމަށް އޭޖީ އޮފީހުން އެމްއެމްޕީއާރްސީއަށް ލަފާ އަރުވާފައި އޮންނަތާ ވެސް ހަ މަސް ވެގެން ދިޔައިރު، މިކަމުގައި އެމްއެމްޕީއާރްސީން ކުރަމުންދާ މަސައްކަތުގެ ތަފްސީލެއް ވެސް ހާމަކޮށްފައެއް ނުވެ އެވެ. އަދި، މައްސަލަ ކޯޓަށް ހުށަހެޅުން ލަސްވަމުންދާ ސަބަބުވެސް އެމްއެމްޕީއާރްސީން ސާފުކޮށެއް ނުދެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް